ތަޢުލީމު

ޖަޕާނުން ރާއްޖޭގެ 24 ދަރިވަރަކަށް ސްކޮލަރޝިޕް ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި


ރާއްޖޭގެ 24 ދަރިވަރަކަށް ޖަޕާނުގެ އެންމެ މަޝްހޫރު ޔުނިވަރސިޓީތަކުން މަތީ ތަޢުލީމު ޙާޞިލުކުރުމުގެ ސްކޮލަރޝިޕް ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ޖަޕާން ސަރުކާރުން ރާއްޖެއަށް މި ފުރުޞަތު ދީފައިވަނީ އެ ޤައުމުން ކުރިއަށްގެންދާ "ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލަރޝިޕް ޕްރޮޖެކްޓު"ގެ ދަށުންނެވެ.

ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިސްކޮލަރޝިޕް ފުރުޞަތުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދެވެ. އަދި ޖަޕާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީއެވެ.

މި ޕްރޮޖެކްޓުގެ ދަށުން ޖަޕާނުން ސަރުކާރުން ފުލީ ފަންޑެޑް 24 ސްކޮލަރޝިޕް ދީފައިވާއިރު، މި ޕްރޮޖެކްޓަށް 128 މިލިއަން ޖަޕަނީސް ޔެން ނުވަތަ 19 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވީ، އިންސާނީ ވަސީލަތް ތަރައްޤީކުރުމުގެ ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން ކުރިއަށް އޮތް 4 އަހަރު، ކޮންމެ އަހަރަކު ދިވެހި 6 ދަރިވަރަކަށް ޖަޕާނުގައި މަތީ ތަޢުލީމު ޙާޞިލުކުރުމުގެ ފުރުޞަތު ލިބިގެންދާނެކަމަށެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މިދިޔަ އަހަރުގެ އޮކްޓޯބަރމަހުގެ ތެރޭގައި ޖަޕާނަށްކުރެއްވި ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދު މަޝްވަރާކުރެވުނު މުހިއްމު ކަންތައްތަކުގެ ތެރޭގައި ހިމެނޭކަމެއްކަމަށާއި، މިއަދު މިކަން ހަޤީޤަތަކަށްވެގެންދިއުމުން، ދެ ޤައުމުގެ ދެމެދު އޮތް ގާތްގުޅުން ވަރަށް ފުރިހަމައަށް ރަމްޒުކޮށްދޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީގައި ޖަޕާނަކީ އަބަދުވެސް ވަރަށް މުހިއްމު ދައުރެއް އަދާކުރާ ބައިވެރިއެއް. ވަކިން ޚާއްސަކޮށް އިންސާނީ ވަސީލަތް ތަރައްޤީކުރުމާއި، ތިމާވެއްޓާއި ތަޢުލީމީ ދާއިރާ، އަދި ދެމެހެއްޓެނިވިގޮތެއްގައި މަސްވެރިކަމުގެ ސިނާޢަތް ތަރައްޤީކުރުމުގައިވެސް ޖަޕާނުން އަންނަނީ ބޮޑެތި އެހީތަކެއްވަމުން. މި އެއްބަސްވުމަކީ ދެ ޤައުމުގެ ދެމެދު އުފެދިފައި އޮތް ގުޅުން އިތުރު ހަރުފަތަކަށް ގެންގޮސްދޭނެ އެއްބަސްވުމެއް" ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީ ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ 24 ދަރިވަރަކަށް ޖަޕާނުގެ އެންމެ ފެންވަރު ރަނގަޅު ޔުނިވަރސިޓީތަކުން މާސްޓަރސް ޑިގްރީއަށާއި، ސޯސަލް ސައިންސްގެ ދާއިރާއިން ކިޔެވުމުގެ ފުރުޞަތު ލިބިގެންދާނެކަމަށެވެ.

ޤައުމުގެ ތަރައްޤީގައި އިންސާނީ ވަސީލަތަކީ ވަރަށް މުހިއްމު ދަޢުރެއް އަދާކުރާ ބައެއްކަން ފާހަގަކުރައްވާ ޖަޕާން ސަފީރު ވިދާޅުވީ، ރާއްޖޭގެ މަސައްކަތު އާބާދީއަކީ އުފެއްދުންތެރި އަދި ހީވާގި ބައެއްކަމަށެވެ. އަދި ރާއްޖޭގެ ޢުމްރާނީ ތަރައްޤީއާއި އެއްވަރަށް އިންސާނީ ވަޞީލަތްތައް ތަރައްޤީކުރުމަށް ކުރާ މަސައްކަތުގައި ބައިވެރިވުމުގެ ފުރުޞަތު ލިބުމުން އުފާކުރާކަމަށް ސަފީރު ވިދާޅުވިއެވެ.

"އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށް ކުރާ ހޭދައަކީ އެއްވެސް ހާލެއްގައި ބޭކާރު ވެގެންދާނެ އެއްޗެއްނޫން. ހިއުމަން ރިސޯސް ދާއިރާއަށް އިންވެސްޓްކުރުމަކީ ޤައުމުގެ ތަރައްޤީ ބިނާކުރުމަށް ކުރަންޖެހޭ މުހިއްމު މަސައްކަތެއް. ރާއްޖޭން ކުރާ މަސައްކަތުގައި ޖަޕާނުން އަބަދުވެސް އެހީތެރިވާނެ. މިއީ ހަމައެކަނި ތަޢުލީމީ ފުރުޞަތު ދިނުމެއްނޫން. މިއީ ރާއްޖޭގެ ސަޤާފަތާއި އާދަކާދަ ޖަޕާނުގައި އިޝްތިޙާރުކުރުމަށްވެސް އެޅޭ މުހިއްމު ފިޔަވަޅެއް" ސަފީރު ކެއިކޯ ޔަނާއީ ވިދާޅުވިއެވެ.

ޖާޕަނު ސަރުކާރުގެ ޚަރަދުގައި މަތީ ތަޢުލީމަށް ކިޔެވުމުގެ ފުރުޞަތު ރާއްޖޭގެ 24 ދަރިވަރަކަށް ދީފައިވާއިރު، ޖަޕާނުން ކުރިއަށްގެންދާ "ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލަރޝިޕް ޕްރޮޖެކްޓު"ގެ ދަށުން މިހާރުވެސް ދުނިޔޭގެ 15 ޤައުމަކަށް ޖަޕާނުން ވަނީ ހިލޭ ސްކޮލަރޝިޕް ދީފައެވެ.

ޖަޕާނުން ދަނީ ރާއްޖެއަށް އެކި ދާއިރާތަކުން ދީލަތި އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ކޯވިޑް-19 އާ ގުޅިގެން ޔުނިސެފް މެދުވެރިކޮށް 356،400 އެމެރިކާ ޑޮލަރުގެ އެހީއަކާއި، ރެޑްކްރެސެންޓް މެދުވެރިކޮށް 185،000 އެމެރިކާ ޑޮލަރުގެ އެހީއެއްގެ އިތުރުން ޔޫ.އެން.ޑީ.ޕީ މެދުވެރިކޮށް 1.4 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއްވެސް ޖަޕާނުން ރާއްޖެއަށް ފޯރުކޮށްދީފައިވެއެވެ.

މަރީ

އިއުލާނުކުރާނެބާ