ޚަބަރު

ހާލަތު ގޯސްވާނަމަ މިސްކިތައް ދިއުމުގައި ބައެއް ކަންކަން މަޖުބޫރުކުރަން ވިސްނަނީ

ކޯވިޑްގެ ހާލަތު އިތުރަށް ގޯސްވަމުންދާނަމަ މިސްކިތްތަކަށް ދިއުމުގައި މިހާރު ޢަމަލުކުރަމުން އަންނަ ބައެއްކަންކަން ކުރުމަށް މަޖުބޫރުކުރުމަށް ވިސްނަވަމުން ގެންދަވާކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

ކޯވިޑް ބަލީ މާލެއިން ފެނި މާލެ ފުރަބަންދަށް ފަހު ދިން ލުއިތަކާއި އެކު މިސްކިތަކުގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލާފައި އޮތުމަށްފަހު އަލުން ހުޅުވާލާފައިވަނީ މިދިޔަ މަހުގެ 1 ވަނަދުވަހުއެވެ. އަމިސްކިތަށް ދިޔުމުގައި ގެއިން ވުޞޫކޮށްގެން ދިޔުމާއި އަމިއްލަ މުޞައްލައެއް ހިފައިގެން ދިޔުމަށްވަނީ އަންގާފައެވެ. އަދި މާސްކް އަޅައިގެން މިސްކިތައް ދިޔުމަށްވެސް އިސްލާމިކް މިނިސްޓްރީން ވަނީ އާއްމުކޮށް އަންގާފައެވެ.

ޕީއެސްއެމް ނިއުސްއާއި ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު އަލީ ވިދާޅުވީ މިސްކިތައް ޖަމާއަޔަށް ނަމާދަށް ދިޔުމުގައި މިހާރު އާއްމުކޮށްފައިވާ އުސޫލާއި އެއްގޮތަށް އަމަލުކުރަމުން އާދޭތޯ ބެލުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ. މިގޮތުން މިދިޔަ ހޯމަ ދުވަހުން ފެށިގެން މި މަސައްކަތް ކުރަމުން އަންނަނީ މާލޭ ސިޓީ ކައުންސިލާއި ގުޅިގެންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ވިދާޅުވީ މާލޭގައި ކޯވިޑްގެ ހާލަތު އިތުރަށް ގޯސްވަމުން އަންނަ ނަމަ އެޗްޕީއޭއިން ކަނޑައަޅާފައިވާ އުސޫލްތަކުގައި ހިމެނޭ ބައެއް ކަންކަން މަޖްބޫރުކުރުމަށް ވިސްނަމުން ގެންދަވާކަމަށެވެ. މިގޮތުން މުސައްލަ ގެނައުން މަޖްބޫރުކޮށް މުސައްލަ ނުގެންނަ ފަރާތަކަށް މިސްކިތައް ނޭރޭނެ ގޮތް ހެދުމަށް ވިސްނަވަމުން ގެންދަވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

" އެންމެ ފުރަތަމަ ޤަވައިދާ ޚިލާފްވާ މީހުންނަށް ނަސޭހަތް ދީ އެކަން ރަނގަޅުކުރުމަށް އެދޭނީ. އެކަން ތަކުރާރުވަމުން އަންނަ ނަމަ ނުވަތަ ހާލަތު މިއަށްވުރެ ގޯސްވާނަމަ އިތުރު ފިޔަވަޅުތަކެއް އެޅުމާމެދު ވިސްނަމުން ދަނީ މިގޮތުން މިހާރު އެކުލަވާލާފައިވާ އުޞޫލްގައި ހުރި ބައެއްކަންކަން މަޖުބޫރުކުރުމަކީ އެކަށީގެންވާކަމެއް. މުޞައްލަ ނުލާ މިސްކިތައް އަންނަ މީހުން ފޮނުވާލުން ނުވަތަ މުޞައްލަ ގެނައުން މަޖުބޫރުކުރުން އެކަށީގެންވޭ. " އިސްލާމިކް މިނިސްޓަރ އަހްމަދު ޒާހިރު ވިދާޅުވިއެވެ.

އެޗްޕީއޭގެ އުޞޫލާ އެއްގޮތަށް އަމަލު ކުރޭތޯ ބެލުމަށް ކުރިއަށްގެންދާ މަސައްކަތް ކޮންމެ ހަތަރު ދުވަހަކުން މާލޭގައި މިސްކިތްތަކުގައި ކުރިއަށްގެންދާނެކަމަށް އިސްލާމިކް މިނިސްޓްރީ ވިދާޅުވިއެވެ. އަދި މި މަސައްކަތުގެ ދަށުން އެޗްޕީއޭއިން ނެރެފައިވާ ޤައިޑްލައިތަން ހަދާންކޮށްދީ ނަސޭހަތް ދެމުން ގެންދާނެކަމަށް އިސްލާމިކް މިނިސްޓަރ ވިދާޅުވެއެވެ.

ކޯވިޑް-19 އިން ރައްކާތެރިވުމަށްޓަކައި މިސްކިތައް ނަމާދަށްދާ މީހުންވެސް އަމަލު ކުރަންވީ ގޮތްތަކެއް އެޗްޕީއޭއިން ވަނީ އެކުލާވާލާފައެވެ. މީގެތޭރެގައި ބޮޑެތި ބަލިތަކަށް ބޭސްކުރާ މީހުންނާއި އުމުރުން ދުވަސްވީ މީހުންވެސް މިސްކިތައް ނުދިއުމަށް ވަނީ އިލްތިމާސްކޮށްފައެވެ. މީގެއިތުރުން ކޮންމެ ނަމާދެއްގެ ބަންގީގެ ކުރިން ދިވެހި އަދި ބަންގްލަދޭޝް ބަހުން މިސްކިތުގައި އަމަލުކުރަން ޖެހޭ މަޢޫލޫމާތު ދަނީ ހިއްސާކުރަމުންނެވެ.