ޚަބަރު

"ހޮޅިދަނޑި ވެއްޓުނު ހާދިސާގައި ކުއްޖަކު ނިޔާވުމުން ހިތާމަކުރަން"


ހޮޅިދަނޑިއެއް ވެއްޓިގެން ރޭ އަންހެންކުއްޖަކު
ޒަޚަމްވި ހާދިސާ ތަހުގީގުކުރުމަށް ކަމާބެހޭ އިދާރާތަކަށްދޭން ޖެހޭ ފުރިހަމަ
އެއްބާރުލުން ހައުސިންގ މނިސްޓްރީން ދޭނެކަމަށާއި، މިހާދިސާގައި ކުއްޖަކު ނިޔާވުމާއި
ގުޅިގެން އެކަމައި ހިތާމަކުރާކަމަށް ހައުސިންގ މިނިސްޓްރީން ބުނެފިއެވެ. 



ހައުސިންގ މިނިސްޓރީން މިރޭ ނެރުނު ބަޔާނެއްގައި
ބުނެފައިވަނީ، މިނިވަން ފަންސާހަށް މާލެ ޒީނަތްތެރިކުރުމަށް
ހައުސިންގ މިނިސްޓްރީ ކައިރީގައި އިއްޒުއްދީން މަގުގައި ޖަހާފައިވާ ހޮޅި ދަނޑި ހަރުކުރެވިފައިވާނީ، ސަލާމަތީ
ގޮތުން ރައްކާތެރިކަން ކަށަވަރުކުރުމަށްފަހު ކަމަށެވެ. އެހެންނަމަވެސް ހޮޅިދަނޑި
ވެއްޓެން ދިމާވީ ބާރު ސްޕީޑެއްގައި ދުއްވާފައިދިޔަ ކޮންޓެއިނާ ޓްރަކެއް ކޮންޓްރޯލް
ނުވެގެންގޮސް އެ ހޮޅިދަނޑީގައި ޖެހިގެންކަން މިނިސްޓްރީގެ ނޫސް ބަޔާނުގައި
ފާހަގަކޮށްފައިވެއެވެ. 



މިހާދިސާގައި ހޮޅިދަނޑި ވެއްޓި ޖެހިފައިވަނީ އެމަގުން
ދުއްވާފައިދިޔަ ސައިކަލެއްގައި ފަހަތުގައި އިން ސ. ހިތަދޫ ލިލަކް އުމުރުން 24 އަހަރުގެ އަޒްފާ ޒުހެއިރުގެ ބޮލުގައެވެ. މިހާދިސާގައި
އެކުއްޖާއަށް ލިބުނު ސީރިއަސް ޒަހަމްތަކަށް އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދަނިކޮށް
މިއަދު މެންދުރުފަހު ވަނީ ނިޔާވެފައެެވެ. އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ މީޑިއާ
އޮފިޝަލް ވިދާޅުވީ، ރޭގެ ވަގުތެއްގައި ހިނގި އެކްސިޑެންޓަކާއި ގުޅިގެން
އެހޮސްޕިޓަލުން ފަރުވާދެމުންދަނިކޮށް މިއަދު 2:18 އެހާކަންހާއިރު މަރުވި ޒުވާން
އަންހެން ކުއްޖާގެ ބޮލަށާއި، މައިބަދައަށް ގެއްލުންތަކެއް ލިބިފައިވާކަމަށެވެ. 



ފުލުހުން
ބުނީ މި އެކްސިޑެންޓް ތަހުގީގުކުރަމުންދާކަމަށެވެ. ޕީއެސްއެމަށް މަޢްލޫމާތު
ލިބިފައިވާ ގޮތުގައި އަޒްފާ ދަނީ ރަޝިޔާއިން މެޑިސިންގެ ދާއިރާއިން ތަޢްލީމް
ޙާސިލްކުރަމުންނެވެ. އަދި މިޙާދިސާ ހިނގީ ޗުއްޓީގައި ރާއްޖެއައިސް އޭނާ ފުރަން
ތައްޔާރުވެފައިވަނިކޮށެވެ.