ރާއްޖޭގައި ކޯވިޑް-19ގެ ޙާލަތު ގޯސްވެ ބައްޔަށް ޕޮޒިޓިވްވި މީހުންގެ ކޮންޓެކްޓުންގެ ގޮތުގައި 4000 މީހުން ފާހަގަ ކުރެވިފައިވާކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ހާމަކުރައްވައިފިއެވެ.
އެޗްއީއޯސީން ވަނީ ރާއްޖޭގައި ކޯވިޑް-19ގެ ޙާލަތު ގޯސްވެ ފެސިލިޓީތަކަށް ނުކަތާވަރަށް ކޭސްތައް އިތުރުވުމުގެ ބިރު އޮތް މިދަނޑިަވަޅުގައި ބައްޔަށް ޕޮޒިޓިވް ވެފައިވާ 200 މީހުން އައިސޮލޭޝަން ފެސިލިޓީތަކަށް ބަދަލު ނުކުރެވި މިވަގުތުވެސް އެބަތިބިކަން ހާމަކުރައްވާފައެވެ.
އެޗްއީއޯސީގެ ތަރުޖަމާނު ޑރ.ނަޒްލާ ރަފީޤް ވިދާޅުވީ، ރާއްޖޭގައި ބަލީގެ ޙާލަތު ގޯސްވަމުންދާކަމަށާ، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އިތުރު ސަމާލުކަމެއްދޭން ޖެހޭކަމަށެވެ. އެގޮތުން ބޭކާރުގޮތުގައި ބޭރަށް ނުކުމެ، އެޗްޕީއޭގެ ގައިޑްލައުންތަކާއި ޚިލާފަށް އުޅޭ މީހުންގެ އަދަދު އިތުރުވުމަކީ ކަންބޮޑުވުމެއްކަމަށް ނަޒްލާ ވިދާޅުވިއެވެ. މި ފަދަ ކަންކަމަކީ ގިނަ ބަޔަކު މިބަލީގެ ނރައްލަކަލަށް ވެއްޓިގެންދާނެކަމަށްވެސް ނަޒްލާ ވިދާޅުވިއެވެ.
ރާއްޖޭގައި މިހާރު މިބައްޔަށް ޕޮޒިޓިވްވެފައިވާ 4293 މީހުން ތިބިއިރު، ފުރަބަންދައްފަހު ދިން ލުއިތަކާއެކު އަލަށް ފެނުނު ކޭސްތަކުގެ ގޮތުގައި ކޮންޓެކްޓް ޓްރޭސިންއިން 4000 ކޮންޓެކްޓުން ފާހަގަކުރެވިފައިވާކަން ނަޒްލާ ފާހަގަކުރެއްވިއެވެ.
"ކޮންޓެކްޓުން މިދަނީ ގިނަވަމުން. ކުދި ކުދި ކްލަސްޓަރތައް މިދަނީ އިތުރުވަމުން. އަލަށް ފެނުނު ކޭސްތަކުގެ 4000 ކޮންޓެކްޓްސް އެބަތިބި. އިންސާނީ ވަސީލަތުގެ ދަތިކަން ކުރިމަތިވުމުގެ ނުރައްކާ އެބަ އޮތް" ޑރ.ނަޒްލާ ވިދާޅުވިއެވެ.
ސަރުކާރުން ދަނީ ރާއްޖޭގައި ކޯވިޑް-19ގެ ކޭސްތައް އިތުރުވުމުން އައިސޮލޭޝަން ފެސިލިޓީތައް އިތުރުކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިކަމަށް ޚާއްސަކޮށް ރިސޯޓްތައް އައިސޮލޭޝަންއަށް ޙާއްސަކުރުމާއި ގެސްޓް ހައުސްތައް ހަމަޖެއްސުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ބައްޔަށް ފަރުވާ ދިނުމަށް ގިނަ ޢަދަދެއްގެ ފެސިލިޓީތައް ޤާއިމުކުރެވުނަސް މިތަންތަން ހިންގަން ބޭނުންވާ އިންސާނީ ވަސީލަތާއި ސްޓާފުން ލިބުމުގައި ދަތިވުމަކީ ރާއްޖެއަށް އޮތް ހުރަހެއްކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.