ކޯވިޑް-19އާ ގުޅިގެން އަތޮޅުތަކުގައި އެކްޓިވް ސާމްޕަލް ނެގުން އިތުރުކުރުކުރުމަށް ވިސްނަމުންދާކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)އިން ހާމަކުރައްވަފިއެވެ. 
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރ، އެޗްއީއޯސީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން، އެ ސެންޓަރުގެ ތަރުޖަމާނު ޑރ.ނަޒްލާ ރަފީޤް ވިދާޅުވީ، ސާމްޕަލް ނެގުމުގައި އަބަދުވެސް ޢަމަލުކުރަމުންދަނީ އެއިރެއްގެ ޙާލަތައް ރިޢާޔަތްކުރުމަށް ފަހުގައިކަމަށެވެ. 
މާލެ ސަރަހައްދުން އެކަނި ކޭސްތައް ފެނުނުއިރު ސާމްޕަލް ނެގުން މިސަރަހައްދަށް އެކަނި ޚާއްސަކުރިއެވެ. އެގޮތުން އެކްޓިވް ސާމްޕަލްއާއި ފްލޫ ކްލިނިކްތައް އިތުރުކޮށް ސާމްޕަލް ނެގުން އިތުރުކުރިކަމަށް ޑރ.ނަޒްލާ ފާހަގަކުރެއްވިއެވެ. 
ރާއްޖޭގައި ކޯވިޑް-19ގެ ކޭސްތައް ރެކޯޑް ޢަދަދަކަށް އިތުރުވެ މިހާރު ރާއްޖޭގެ އެކި ކަންކޮޅުތަކުން ކޭސްތައް ފެންނަމުންދާތީ ހުރިހާ ސަރަހައްދެއްގެ ޙާލަތު ބެލުމަށް މަސައްކަތް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ސާމްޕަލް ނެގުމުގައި މިހާރު ބަލާ ބައެއްކަންކަން ބަދަލުކޮށް އަތޮޅުތަކުން އެކްޓިވް ސާމްޕަލްތައް ނެގުން އިތުރުކުރުމަށް ނިންމާފައިވާކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ. މީގެ އިތުރުން ރަށްރަށަށް ދަތުރުކުރާ ބޯޓު ފަހަރުން ޕޮޒިޓިވްވާ ކޭސްތައް އިތުރުވާތީ މާލޭ ފަޅުތެރޭގައި އަޅާފައިވާ ފަޅު އޮޑިފަހަރުންވެސް، އެކްޓިވް ސާމްޕަލްތައް ނެގުން އިތުރުކުރަމުންދާކަމަށް އެޗްއީއޯސީގެ ތަރުޖަމާނު ވިދާޅުވިއެވެ. 
"މިހާރު ކޮންމެ ދުވަހެއްގެ ތަފާސްހިސާބުތަކަށް ބަލާލިޔަސް ސާމްޕަލް އިތުރުވާކަން ފާހަގަވާނެ. އަދިވެސް މިދަނީ ޢަދަދުތައް އިތުރުކުރުމަށް މަސައްކަތް ކުރަމުން. އެގޮތުން އެޕްރޯޗް ބަދަލުކުރަމުން މިދަނީ ހާލަތައް ބަލައިގެން. އެގޮތުން މާލެއިން ދަތުރުކުރާ ބޯޓު ފަހަރުން ކޭސްތަކެއް ފެންނާތީ ފަޅުތެރެއިން ސާމްޕަލް ނެގުން މިދަނީ އިތުރުކުރަމުން. އަދި އަތޮޅުތަކުގައިވެސް އެކްޓިވް ސާމްޕަލް ނެގުން އިތުރުކުރުން ވިސްނުމަކީ" ޑރ. ނަޒްލާ ރަފީޤް ވިދާޅުވިއެވެ. 
ޑރ.ނަޒްލާ ވަނީ ރާއްޖޭގައި ކޯވިޑް-19ގެ ކޭސްތައް އިތުރުވަމުންދާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް ކުރިއަށްއޮތް ދުވަސްތަކުގައި އިޢުލާންކުރާނެކަމަށް ވިދާޅުވެފައެވެ.