އަތޮޅުތައް

ހޮޅުދޫ ހިމާޔަތްކުުރުމުގެ މަޝްރޫއުއާއި އެކު ރަށްގިރުމަށް ހައްލެއް


ނ.ހޮޅުދޫ ހިމާޔަތް ކުރުމުގެ މަޝްރޫއު ނިންމާލިއިރު އެރަށަށް ކުރިމަތިވެފައިވާ ރަށްގިރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިފައިވާ ކަމަށް ހޮޅުދޫ ކައުންސިލުން ބުނެފިއެވެ. ސާޅީސް އަށް މިލިއަން ރުފިޔާގެ މި މަޝްރޫއު މިދިޔަ މަހުގެ ނިޔަލަށް އެއްކޮށް ނިމުނުއިރު، އައްސޭރިފަށުގެ ތިން ދިމާއަކުން ރަށުގެ ހަތްދިހަ އިންސައްތައިގައި ބޮޑުހިލަ ޖަހާފައިވާ ކަމަށް ހޮޅުދޫ ކައުންސިލުން ބުނެއެވެ. ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫއު ކުރިއަށްގެންދިޔައީ އެމް.ޓީ.ސީ.ސީ އާއި ހަވާލުކޮށްގެންނެވެ.ހޮޅުދޫ ކައުންސިލްގެ ރައީސް މާއިޒް މުހައްމަދު ވިދާޅުވީ ރަށްގިރުމުގެ މައްސަލައަކީ ހޮޅުދޫގެ ރައްޔިތުން އަބަދުވެސް ތަހައްމަލު ކުރަމުންދިޔަ ކަމެއް ކަމަށާއި، ޚާއްސަކޮށް ރަށުގެ އިރުމަތީ ފަރާތަކީ ރަށްގިރުމުގެ ސަބަބުން އުދަ އެރުމާއި ގުޅިގެން އެތައް ފަހަރެއްގެ މަތިން މީހުން ބަދަލުކުރަން ޖެހޭ ސަރަހައްދެއް ކަމަށެވެ. މީގެ އިތުރުން ރަށުގެ ކުނި ކޮށި ހިމެނޭ ސިނާއީ ސަރަހައްދާއި، ފުޓްބޯޅަ ދަނޑު ހިމެނޭ ސަރަހައްދުވެސް ހިމާޔަތްކުރުމުން ރައްޔިތުންނަށް ކުރިމަތިވަމުންއައި ދަތިތަކަށް ހައްލެއް ލިބިފައިވާކަމަށްވެސް މާއިޒް ވިދާޅުވިއެވެ.ހިމާޔަތްކުރުމުގެ މަޝްރޫއުގެ އިތުރުން، ހޮޅުދޫ ބަނދަރު ބޮޑުކޮށް، އާ ބަނދަރެއް ހެދުމުގެ މަޝްރޫއާއި، ނަރުދަމާގެ މަޝްރޫއުވެސް ނިމުމަކާއި ގާތްވެފައިވާ ކަމަށް ހޮޅުދޫ ކައުންސިލުން މައުލޫމާތުދެއެވެ.