ދުނިޔޭގެ ވިޔަފާރި

ފަތުރުވެރިން ޒިޔާރަތްކުރާ 40 އިންސައްތަ މަންޒިލް ވަނީ ހުޅުވާލާފައި


ކޯވިޑް-19ގެ ސަބަބުން ބަންދުކޮށްފައި ދުނިޔޭގެ ފަތުރުވެރިކަމުގެ މަންޒިލްތަކުގެ ތެރެއިން 40 އިންސައްތަ މަންޒިލް އަލުން ހުޅުވާލާފައިވާކަމަށް އދ.ގެ ފަތުރުވެރިކަމާބެހޭ އިދާރާ ޔޫ.އެން.ޑަބްލިއު.ޓީ.އޯއިން ހާމަކޮށްފިއެވެ.

ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް ދުނިޔޭގެ ހުރިހާ ޤައުމެއްގެ ބޯޑަރު ބަންދުކޮށް، ފަތުރުވެރިކަމާއި ދަތުރުފަތުރުތައް އެކުގައި ހުއްޓާލިއެވެ. ނަމަވެސް އިޤްތިސާދި ގޮތުން ބޯޑަރުތައް ބަންދުކޮށްފައި ބޭއްވެން ނެތުމާއި، ބަލި ކޮންޓްރޯލް ކުރެވެމުންދާ މިންވަރަށް ބެލުމަށްފަހު، އައު އާންމު ހާލަތެއްގެ ދަށުން ޤައުމުތަކުގެ ބޯޑަރުތައް ހުޅުވާ ފަތުރުވެރިކަން އަލުން ދަނީ ފަށަމުންނެވެ.

އދ.ގެ ފަތުރުވެރިކަމާބެހޭ އިދާރާ، ޔޫއެންޑަބްލިއުޓީއޯއިން ބުނީ މިހާތަނަށް 40 އިންސައްތަ މަންޒިލްތައް ހުޅުވާފައިވާއިރު، މިކަން ކުރަމުންދަނީ ވިސްނުންތެރިކަމާއި، ޒިންމާދާރު ފިޔަވަޅުތަކާއެކުކަމަށެވެ. މިގޮތުން ދުނިޔޭގެ 87 މަންޒިލަކުން އަޅާފައިވާ ދަތުރުފަތުރާއި، ފަތުރުވެރިކަމުގެ ފިޔަވަޅުތައް ލުއިކޮށްފައިވާކަމަށާއި، މީގެތެރެއިން ހަތަރު މަންޒިލަކުން އެޅި ހުރިހާ ފިޔަވަޅެއް އެކުގައި އުވާލާފައިވާކަމަށް ޔޫއެންޑަބްލިއުޓީއޯއިން ބުނެއެވެ. ނަމަވެސް ދުނިޔޭގެ 115 މަންޒިލެއްގެ ބޯޑަރުތައް އަދިވެސް ނުހުޅުވާކަމަށާއި، މިމަންޒިލްތަކުން ފަތުވެރިކަން އަދިވެސް ނުފަށާކަމަށް ޔޫއެންޑަބްލިއުޓީއޯއިން ބުނިއެވެ.

ޔޫއެންޑަބްލިއުޓީއޯގެ ސެކްރެޓަރީ ޖެނެރަލް ޒުރަބް ޕޮލޮލިކަޝްލިވި ވިދާޅުވީ އަލުން ފަތުރުވެރިކަން ފަށަންވާނީ ޒިންމާދާރު ފިޔަވާޅުތަކާއިއެކުކަމަށެވެ. އަދި ރައްކާތެރިކަމާއެކު މަންޒިލްތައް ހުޅުވުމަށްޓަކައި ބައިނަލްއަޤްވަމީ ފެންވަރެއްގައި ހުރިހާ ފަރާތެއްގެ އެއްބާރުލުން ބެނުންވާނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި އައު އާންމު ހާލަތުގެ ދަށުން މިދާއިރާ އަލުން ފަށާއިރު، އާންމުންގެ އިތުބާރު ހިފޭ، ދެމެހެއްޓެނިވި ގޮތެއްގައި ދާއިރާ އާރާސްތުކުރުން މުހިންމުކަމަށް ޔޫއެންޑަބްލިއުޓީއޯގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވިއެވެ.

ޔޫއެންޑަބްލިއުޓީއޯއިން ބުނީ ކޯވިޑް-19ގެ ސަބަބުން ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އަންނަމުންދާ ބަދަލުތައް ގާތުން ބަލަމުންދާކަމަށެވެ. އަދި ދުނިޔޭގެ އެކި މަންޒިލްތަކުން މިކަމުގައި އަޅަމުންދާ ފިޔަވަޅުތައްވެސް ބަލަމުންދާކަމަށެވެ.

ޔޫއެންޑަބްލިއުޓީއޯއިން ބުނީ ކޯވިޑް-19 ގެ ސަބަބުން މިދާއިރާއަށް އައިސްފައިވާ ހީނަރުކަމުން އަރަގަނެ، އާރާސްތުވުމަށް ދުވަސް ނަގާނެކަމަށާއި، ނަމަވެސް މިހާރުވެސް ދާއިރާގެ ވަކިވަކި މަންޒިލްތަކުން ދަނީ ރަނގަޅު މަސައްކަތްތަކެއް ކުރަމުންކަމަށްވެސް ޔޫއެންޑަބްލިއުޓީއޯއިން ބުނެއެވެ.