ޚަބަރު

ކޯވިޑް-19 : ފަސް ދުވަސްތެރޭގައި މިލިޔަނަކަށް، ބަލިޖެހުނު މީހުންގެ އަދަދު އަށާރަ މިލިޔަނަށް


ފާއިތުވެދިޔަ ފަސް ދުވަހުގެ ތެރޭގައި ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިލިޔަނަކަށް އަރާ ދުނިޔޭގައި ބަލި ޖެހުނު މީހުންގެ އަދަދު 18 މިލިޔަނަށްވުރެ މައްޗަށް އަރައިފިއެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ކޯވިޑް-19 ފެތުރެމުންދާއިރު، ބައްޔަށް ވެކްސިނެއް ހޯދުމަށް މިހާތަނަށް ކުރި މަސައްކަތުން އަލިމަގެއް ފެނިފައިނުވެއެވެ. މާލީ ގޮތުންނާއި، ޞީއްޙީ ވަސީލަތްތަކުގެ ގޮތުންވެސް އެންމެ ފުދުންތެރި ޤައުމުތަކުގައި ބަލީގެ ނުރައްކާ ބޮޑުވެ އެޤައުމުތައް ވަނީ ނުރައްކާތެރި ހާލަތަކަށް ވެއްޓިފައެވެ. ބަލިޖެހޭ މީހުންގެ ނިސްބަތް އިންތިހާއަށް މަތިވެ ބަލީގައި އެދުމަތިކުރެވޭ މީހުންގެ އަދަދުވެސް ދަނީ ރެކޯޑް އަދަދަކަށް އުފުލެމުންނެވެ.

ފާއިތުވެދިޔަ 5 ދުވަހަކީވެސް ބަލީގެ ނުރައްކާ ދުނިޔޭގައި އިންތިހާއަށް ބޮޑުވެގެންދިޔަ ފަސް ދުވަހެވެ. ފާއިތުވެދިޔަ ފަސް ދުވަހުގެ ތެރޭގައި އެކަނިވެސް މިލިޔަނަށްވުރެ ގިނަ މީހުންނަށް ވަނީ ބަލިޖެހިފައެވެ. މިއާއެކު މުޅި ދުނިޔޭގައި ބަލި ޖެހުނު މީހުންގެ އަދަދުވަނީ އަށާރަ މިލިޔަނަށްވުރެ މައްޗަށް އަރާފައެވެ.

ބަލިފެތުރެން ފެށިފަހުން މިހާތަނަށް ބަލީގެ ނުރައްކާ އެންމެބޮޑުވެފައިވާ ޤައުމުތަކުގައި ކޮންޓްރޯލެއްނެތި ބަލި ދަނީ ފެތުރެމުންނެވެ. ދުނިޔޭގައި ބަލިޖެހުނު 18 މިލިޔަން މީހުންގެ ތެރެއިން 4،000،000 މިލިޔަނަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވަނީ އެމެރިކާއިންނެވެ. އެމެރިކާގައި މިހާތަނަށް 15400 އަށްވުރެގިނަ މީހުން ބަލީގައިވަނީ މަރުވެފައެވެ.

ހަލުވިކަމާއިއެކު ބަލި ފެތުރެމުންދާ ޤައުމުތަކުގެ ތެރެއިން ބްރެޒިލްގެ 270،000 އަށްވުރެ ގިނަ މީހުންނަށްވަނީ ބަލި ޖެހިފައެވެ. އެޤައުމުގައި 94،000 އަށްވުރެ ގިނަ މީހުން ބަލީގައި ވަނީ މަރުވެފައެވެ. އަވަށްޓެރި އިންޑިޔާއަކީ މިބަލި ދުނިޔޭގެ ނިސްބަތުން 3 ވަނައަށް އެންމެ ބާރު ސްޕީޑެއްގައި ފެތުރެމުންދާ ޤައުމެވެ. އިންޑިޔާގައި މިހާތަނަށް 1,8،00000 މިލިޔަން މީހުންނަށް ބަލިޖެހި 38،000 ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ދުނިޔޭގައި ބަލި ކޮންޓްރޯލްނުވެ ހަލުވިކަމާއެކު ފެތުރެމުންދާއިރު ދުނިޔޭގައި މިހާތަނަށް މިބައްޔަށް ޕޮޒިޓިވްވި 18،000،000 މިލިޔަން މީހުންގެ ތެރެއިން 690,000 އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ. ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 11,000,00 މިލިޔަނަށްވުރެ ގިނަ މީހުންވަނީ ބަލިން ރަނގަޅުވެފައެވެ.