ކުޅިވަރު

ޗެލްސީގެ ލޯ ޕޯޕަށް، ޔުނައިޓެޑުން ޝުމައިކަލް އަށް


އިނގިރޭސި އެންމެ ބޮޑު ދެ ޓީމުގެ ތެރޭގައި ހިމެނޭ މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީން އަންނަ ސީޒަނަށް ކީޕަރުން ހޯދުމަށް ތައްޔާރުވާން ފަށައިފިއެވެ.

ޔުނައިޓެޑްގެ އެއްވަނަ ކީޕަރު ސްޕޭނުގެ ޑޭވިޑް ޑެހެއާ ފަހަކަށް އައިސް ދައްކާ ގޯސް ކުޅުމުގެ ސަބަބުން އަންނަ ސީޒަނަށް އެކުލަބުން ހޯދަން މިހާރު މަސައްކަތް ކުރަމުންދަނީ ލެސްޓާ ސިޓީގެ ކީޕަރު ކެސްޕަ ޝުމައިކަލްއެވެ. އޭނާ އަކީ ޔުނައިޓެޑްގެ ލެޖެންޑަރީ ކީޕަރު ޕީޓަ ޝުމައިލްގެ ދަރިފުޅެވެ. ކެސްޕަ ޝްމައިކަލް ވަނީ 2015 ވަނަ އަހަރުގެ ޕްރެމިއާ ލީގު ލެސްޓާ އަށް ހޯދައިދީފައެވެ. އަދި މިހާރު ވެސް އުމުރުން 33 އަހަރުގެ ކީޕަރު އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ.

ޗެލްސީން ހޯދަން މަސައްކަތް ކުރަނީ ބާންލޭގެ ކީޕަރު ނިކްޕޯޕެވެ. އެއީ އެކުލަބުގެ މިހާރުގެ ކީޕަރު ސްޕޭނުގެ ކެޕާ އަރިޒަބަލަގާއަށް އިތުބާރު ނުކުރެވޭތީއެވެ. މިހެންވެ އިއްޔެރޭ ކުޅުނު އިނގިރޭސި އެފްއޭކަޕް ފައިނަލުގައި ވެސް އޭނާ އިނީ ބެންޗުގައި ބައިންދާފައެވެ.

އިނގިރޭސި ނޫސްތަކުން ބުނާ ގޮތުގައި ޔުނައިޓެޑުން ކީޕަރަކު ހޯދާކަން ޑެހެއާއަށް މިހާރު ވަނީ އަންގާފައެވެ. އެއީ އޭނާއާއެކު ކޯޗު އޮލެގަނަ ސޯލްޝެއާ އިއްޔެ ބޭއްވި ބައްދަލުވުމަކަށްފަހުއެވެ. ނަމަވެސް ޑެހެއާ ވިއްކާލާނެ ކަމެއް އަދި ޔަގީނެއްނޫނެވެ.