ކުޅިވަރު

ބެންޒެމާ އަކީ ޔޫރަޕުގެ އެންމެ މޮޅު ފޯވަޑް: ޕެރޭޒް


ރެއާލް މެޑްރިޑްގެ ފްރާންސް ފޯވަޑް ކަރީމް ބެންޒެމާ އަކީ ޔޫރަޕުގައި މިވަގުތުހުރި އެންމެ މޮޅު 9 ނަމްބަރު ފޯވަޑް ކަމަށް އެކުލަބުން ބުނެފިއެވެ.

މި ސީޒަނުގައި ރެއާލްއަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާގެ އަގު ވަޒަން ކުރަމުން އެކުލަބުގެ ރައީސް ފްލޮރެންޓީނޯ ޕްރޭޒް ވިދާޅުވީ ބެންޒެމާ އަކީ އެތައް ގޮތަކުން މޮޅު ކުޅުންތެރިއެއް ކަމަށެވެ. މިހާރު ކުރިޔަށްމިދަނީ ބެންޒެމާ ރެއާލްގައި ހޭދަކުރާ 11 ވަނަ ސީޒަނެވެ.

"އޭނާ އަކީ ނުވަ ނަމްބަރު ކުޅުންތެރިޔާއަށް ބަލާއިރު ޔޫރަޕުގައި ހުރި އެންމެ މޮޅު ފޯވަޑް. އޭނާގެ ތިން ވަނަ ސީޒަން އެއްކޮށް ގެއްލިގެންދިޔައީ އަނިޔާގެ ސަބަބުން ކުޅުމެއް ނުދެއްކި. އެކަމަކު އޭގެ ފަހުން އޭނާ ފެނިގެންދަނީ ވަރަށް މޮޅު، ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާގެ ގޮތުގައި،" ޕެރޭޒް ބުންޏެވެ.

ފްރާންސްގެ ގައުމީ ޓީމުން ޖާގަ ނުލިބުނު ނަމަވެސް ބެންޒެމާ އަންނަނީ ރެއާލްއަށް ގިނަ ގޯލުތަކެއް ޖަހައިދެމުންނެވެ. އެކުލަބުގެ ކޯޗު ފްރާންސްގެ ކުރީގެ ކެޕްޓަން ޒައިނުއްދީން ޒިދާން ވެސް ބުނެފައިވަނީ ބެންޒެމާ އަކީ މިވަގުތު ޔޫރަޕުގައި ހުރި އެންމެ ގޯލާ ރައްޓެހި ފޯވަޑް ކަމަށާއި އަދިވެސް އޭނާއަށް މޮޅަށް ކުޅެވޭނެ ކަމަށެވެ.