މިދުވަސްވަރު މާލޭގައި މަރުވާ މީހުންގެ ކަށުކަމާކެމީގެ ކަންކަން ވީ އެންމެ އަވަހަކަށް ނިންމުމަށްފަހު މައްޔިތާ ވަޅުލުމަށް ޢާއިލާތަކުގެ ފަރާތުން އިސްކަންދިނުމަށް މާލެ ސިޓީ ކައުންސިލުން އިލްތިމާސްކުރައްވައިފިއެވެ.
ސިޓީ ކައުންސިލުން މިގޮތަށް އިލްތިމާސްކުރައްވާފައިވަނީ މިދުވަސްވަރު މާލެ ސަރަޙައްދުގައި ކޯވިޑް-19 ފެތުރުން ވަރަށްބޮޑަށް އިތުރުވެފައިވާތީ ފަރުދުންގެ ރައްކާތެރިކަމަށްޓަކައެވެ. ސިޓީ ކައުންސިލުން ވިދާޅުވީ މާލޭގައި ކަށު ނަމާދު ކުރާނީ، މަސްޖިދުއް ތަޢާވުން (އާސަހަރާ މިސްކިތް)ގައި ކަމަށެވެ. އަދި ކޯޑިވް-19 ބަލީގައި ނިޔާވާ މީހުންގެ ކަށުނަމާދު ކުރާނީ ހުޅުމާލެ ސަހަރާގެ ގޯތިތެރޭގައި (ހިނަވާގެ ފެންޑާ) ގައިކަމަށްވެސް މާލޭ ސިޓީ ކައުންސިލުން ވިދާޅުވެއެވެ.
އާސަހަރާ މިސްކިތުގައި ކަށުނަމާދު ކުރެވޭނީ ފަރުޟު ނަމާދުގެ ޖަމާޢަތާ ދިމާނުވާގޮތަށް، ނަމާދަށް ބަންގި ގޮވާ ވަގުތުން ފެށިގެން ބައިގަޑިއިރު ފަހުންނެވެ. އަދި މައްޔިތާ އާސަހަރާއަށް ގެނައުމަށްފަހު، ވީ އެންމެ އަވަހަކަށް މައްޔިތާގެ ކަށުކަމާކެމީގެ ކަންތައްތައް ނިންމުމަށްފަހު، މައްޔިތާ ވަޅުލުމަށް، މައްޔިތާގެ ޢާއިލާގެ ފަރާތުން އިސްކަން ދެއްވަންވާނެކަމަށާ، ޖަމާޢަތްތެރިން އެގޮތަށް އެކަން ކުރަމުންދާނެ ކަމަށްވެސް މާލޭ ސިޓީ ކައުންސިލުން ވިދާޅުވެއެވެ.
ކަށުނަމާދުގެ ޖަމާޢަތުގައި މީހުން ތިބެންވާނީ ދެމީހުންގެ ދޭތެރޭގައި ހުސްޖާގައެއް އޮންނަ ގޮތަށްކަމަށްވެސް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.
ސިޓީ ކައުންސިލުން ވިދާޅުވީ މައްޔިތާ އާސަހަރާއަށް ގެނައުމަށްފަހު، ހިނަވާގޭގައި މައްޔިތާ ބޭއްވޭނީ ގިނަވެގެން 3 ގަޑި އިރުވަންދެންކަމަށެވެ. އަދި މައްޔިތާގެ ޖަނާޒާގައި ބައިވެރިވުމަށްދާ މީހުން ހިނަވާގެ އެތެރެއާއި ސަހަރާގެ ގޯތިތެރޭގައި އުޅޭއިރު ޢިޖުތިމާޢީ ގައިދުރުކަން ބެހެއްޓެވުމަށާއި އެޗް،ޕީ.އޭ ގެ އުޞޫލުތަކާއި އެއްގޮތަށް ޢަމަލުތައް ބެހެއްޓެވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.