ޚަބަރު

އާއްމުން އެއްވާ ތަންތަން އިންސްޕެކްޓްކުރުމަށް އިންސްޕެކްޓަރުން ނެރެނީ


އަންނަ ހަފްތާއިން ފެށިގެން މީހުން ގިނައިން އެއްވާ ތަންތަން އިންސްޕެކްޓް ކުރުމުގައި އިންސްޕެކްޓަރުން ހަރަކާތްތެރިވާން ފަށާނެކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

މާލެތެރޭގެ އެކި ސަރަޙައްދުތައް މިގޮތަށް އިންސްޕެކްޓް ކުރަން ނިންމާފައިވަނީ، އެޗްޕީއޭއިން ކަނޑައަޅާފައިވާ ޤަވާއިދުތަކަށް މީހުން އަހުލުވެރިކުރުވުމަށާއި، މިހާރަށްވުރެ ބޮޑަށް އެކަމަށް ޢާއްމުން ހޭލުންތެރިކުރުވުމަށެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވީ މި ފެށުނު އޮގަސްޓްމަހަކީ ނާޒުކު އުނދަގޫ މަހަކަށްވާނެކަމަށެވެ. ބައްޔަށް ގިނަބަޔަކު ޕޮޒިޓިވްވާނެ ކަމަށް ލަފާކޮށްފައިވާއިރު، އުމުރުންދުވަސްމީހުންނާއި ރިސްކް ބޮޑު މީހުންނަށް ބަލިޖެހޭލެއް އިތުރުވާނަމަ ބަލީގައި މީހުން ނިޔާވާ މިންވަރު ގިނަވުން އެކަށީގެންވާކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ. މި ޙާލަތަށް ނުދިޔުމަށްޓަކައި އެންމެން އެކުގައި މަސައްކަތްކުރުމަށް މިނިސްޓަރ އަމީން ގޮވާލެއްވިއެވެ.

ހެލްތު މިނިސްޓަރ އަމީން ވިދާޅުވީ އަލުން ލޮކްޑައުންއަކަށްގޮސް، ވިޔަފާރިތަކާއި ޢާއްމު ޙާލަތު ދެމެހެއްޓުމަށްދިން ލުއިތައް އަލުން އަނބުރާ ގެންދިއުމަށް ބޭނުންނުވާކަމަށެވެ. ބަލީގެ ޙާލަތު ގޯސްވުން އެންމެ ބޮޑަށް ބަރޯސާވަނީ ހެދިފައިވާ ޤަވާއިދުތަކަށް ޢާއްމުން ތަބާވާ މިންވަރަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އަންނަ ހަފްތާގައި މާލޭގެ އެކި ސަރަޙައްދުތައް އިންސްޕެކްޓް ކުރަން އިންސްޕެކްޓަރުން އެބަ ނެރެން. މީހުން ތަންތަނަށް ނުކުމެ އުޅޭއިރު އެމީހުންގެ އުޅުން އިންސްޕެކްޓް ކުރާނަން. އުސޫލަށް ތަބާނުވާނަމަ ފިޔަވަޅުއަޅަން ޖެހޭނީ." މިނިސްޓަރ އަމީން ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އެޗްޕީއޭއިން މަސައްކަތްކުރަމުންދަނީ ދީފައިވާ ލުއިތަކަށް ބަދަލުނުގެނެސް، ޢާއްމުން ގަވާއިދުތަކަށް އަހުލުވެރިކުރުވައިންގެން ބަލި ކޮންޓްރޯލްކުރުމަށްކަމަށެވެ. އެހެން ޤައުމުތަކުންވެސް ޢަމަލުކުރަނީ މިގޮތަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ބައެއް ލުއިތައް ގެންދަންޖެހިދާނެ ގޯސްވަންޏާ. ޙާލަތަށް ބަލައި ފިޔަވަޅު އަޅާނީ. ޙާލަތު ގޯސްވަންޏާ ފިހާރަތަކާއި ވިޔަފާރިތައް ބަންދުކުރަންޖެހިދާނެ. ވިސްނުމެއްނޫން އެފިޔަވަޅު އެޅުމަކީ. މި ބަލަނީ ވިޔަފާރިތައް ނުހުއްޓުވާވޭތޯ." އަމީން ވިދާޅުވިއެވެ.

އޮގަސްޓްމަހު އެވްރެޖްކޮށް ބަލި ޖެހޭ މީހުން އުޅޭނީ ދުވާލަކު 170އާއި 200އާއި ދެމެެދުކަމަށް ދިރާސާތަކުން ދައްކާފައިވާކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ.

އެޗްޕީއޭއިން ހަދާފައިވާ ޤަވާއިދުތަކަށް މީހުން އަހުލުވެރިކުރުމަށް އެޗްޕީއޭއިން މިހާރުވަނީ މާސްކް އެޅުންވެސް މަޖުބޫރުކަމެއްގެ ގޮތުގައި ކަނޑައަޅާފައެވެ. އަދި މާސްކް ނާޅާ މީހުން ޖޫރިމަނާކުރަންވަނީ ފަށާފައެވެ.