ވިޔަފާރި

މީރާއަށް 10 އަހަރު، އައު ސްޓްރެޓީޖިކް ޕްލޭނަކާއެކު ޙިދުމަތުގައި ކުރިއަށް


މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އުފައްދާފައި ވަނީ 2010 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ. މީރާ ވުޖޫދަށް އައީ ދިވެހިރާއްޖެއަށް ތައާރަފުކުރެވުނު ޒަމާނީ ޓެކުހުގެ ނިޒާމު ހިންގުމުގެ ޒިންމާ ހަވާލުކުރާ އިދާރާގެ ގޮތުގައެވެ.

މީރާގެ ޤައުމީ ޙިދުމަތަށް މިއަދަށް 10 އަހަރު ފުރުނުއިރު، ވޭތުވެދިޔަ 10 އަހަރު ތެރޭގައި މީރާއިން ވަނީ ގިނަ ކާމިޔާބީތަކެއް ޙާސިލްކޮށްފައެވެ.

މީރާ އުފެއްދީ ރާއްޖޭގެ ޓެކުހުގެ ޤާނޫނުތައް ފުރިހަމައަށް ތަންފީޒުކޮށް، ޓެކްސް ދައްކާ ފަރާތްތަކުން އަމިއްލަ އިޚްތިޔާރުގައި ޓެކުހުގެ ޤާނޫނުތަކަށް ތަބާވުމަށް ހިތްވަރުދޭ އަދި ޓެކްސް ދައްކާ ފަރާތްތަކަށް ފުރިހަމަ ޚިދުމަތްތަކެއް ފޯރުވައިދޭ މުވައްސަސާއެއް ވުޖޫދުކުރުމަށެވެ. މީރާގެ 10 އަހަރު ފާއިތުވެގެންދާއިރު މި އަމާޒަށް ވާސިލްވުމަށް އެ މުއައްސަސާއިން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

މީރާގެ ޅަފަތުގެ އަހަރުތަކުގެ މަސައްކަތްތައް އަމާޒުކުރެވިފައި ވަނީ އަލަށް ތައާރަފުކުރެވުނު އެކިއެކި ޓެކްސްތައް ކާމިޔާބުކަމާއެކު ތަންފީޒުކުރުމަށެވެ. އެ ދުވަސްވަރު ތައާރަފުކުރެވުނު ޓެކްސްތަކުގެ ތެރޭގައި ޓޫރިސްޓް ޚިދުމަތްދޭ ތަންތަނުން ވިއްކާ ތަކެއްޗާއި ދޭ ޚިދުމަތުގެ އަގުން ނެގޭ ޓެކްސް، (ޓީޖީއެސްޓީ) އާއި ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކްސް (ބީޕީޓީ) އާއި، މުދަލާއި ޚިދުމަތުގެ އަގުން ނެގޭ ޓެކްސް (ޖީއެސްޓީ) ހިމެނެއެވެ.

މިއަދު އިތުރު ގިނަ ޓެކްސްތަކަކާއިއެކު މީރާގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ވަނީ ބޮޑުވެފައެވެ. މީރާއިން މިހާރު ބަލައިގަންނަ ބައެއް ޓެކްސްތަކާއި ފީތަކުގެ ތެރޭގައި ގްރީން ޓެކްސް، އެއަރޕޯޓް ސަރވިސް ޗާޖާއި، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީއާއި، ޓެކްސްގެ ގޮތުގައި ނުހިމެނޭ 73 ފީއެއްވެސް މިހާރު މީރާއިން އަންނަނީ ބަލައިގަންނަމުނެވެ.

ދާދިފަހުން މީރާއިން ވަނީ ވަކި ފަރުދުންގެ އާމްދަނީންވެސް ޓެކްސް ނަގަންފަށާފައެވެ. މިއީ އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން ނަގާ ޓެކުހެކެވެ. އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން ޓެކްސް ނަގަން ފަށައިފައިވަނީ 1 ޖަނަވަރީ 2020 އިން ފެށިގެންނެވެ. އެހެން ނަމަވެސް، އުޖޫރައިގެ އާމްދަނީން ޓެކްސް ނަގަން ފަށާފައިވަނީ 1 އެޕްރީލް 2020 އިން ފެށިގެންނެވެ. މި ޤާނޫނުގެ ދަށުން ޓެކްސް ނަގަން ފެށުމާއެކު ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން ނަގަމުންދާ ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސް ވަނީ އުވިގެންގޮސްފައެވެ.

ގައުމީ ޚިދުމަތުގައި 10 ވަނަ އަހަރަށް މީރާއިން ކުރިމަތިލާއިރު، ވޭތުވެދިޔަ އަހަރުތަކުގައި މީރާއިން ހާސިލްކޮށްފައިވާ ކަންތައްތަކަށް ބަލައި، ކުރިއަށްއޮތް ތަނުގައި މީރާގެ މަސައްކަތުގެ އަމާޒުވެސް ބަދަލުވެގެންދާނެކަމަށް މީރާއިން ބުނެއެވެ. އެގޮތުން މީރާއިން ވަނީ އެ މުއައްސަސާގެ ދެވަނަ ސްޓްރެޓީޖިކް ޕްލޭން އެކުލަވާލާފައެވެ. މި ޕްލޭންގައި ހިމަނާފައި ވަނީ 2020 އިން 2024 އަށް މީރާއިން އެންމެ އިސްކަންދޭ 6 ޕްރޮގުރާމެއްގެ މައްޗަށެވެ. އަދި އިސްކަންދޭ ކަންތައް ހާސިލުވީ މިންވަރު ވަޒަންކުރާނޭ މިންގަނޑުތައް ވެސް މި ޕްލޭންގައި ވާނީ ހިމަނާފައެވެ.

ދެވަނަ ސްޓްރެޓީޖިކް ޕްލޭންގައި އިންކަމް ޓެކްސް ޤާނޫނެއްގެ ދަށުން ޓެކްސް ނަގަން ފެށުމަށް ކުރަން ޖެހޭ މަސައްކަތްތަކާއި، ބައިނަލްއަޤްވާމީ ޓެކުހުގެ ސްޓެންޑަރޑްތަކާ އެއްގޮތަށް މީރާގެ މަސައްކަތްތައް ބައްޓަންކުރަން ކުރަންޖެހޭ ކަންތައްތައް ހިމެނިފައިވެއެވެ. އަދި ދިވެހިރާއްޖޭގެ ނެޝަނަލް ޑިވެލޮޕްމަންޓް ޕްލޭންގެ ދަށުން މީރާގެ ޒިންމާތައް އަދާކުރުމަށް ކުރަންޖެހޭ ކަންތައްތައް ވެސް ވަނީ ހިމަނާފައެވެ. މީގެއިތުރުން ޓެކްސް ދައްކާ ފަރާތްތައް ހޭލުންތެރިކުރުވުމާއި، އެފަރާތްތަކަށް ޓެކްސް ދެއްކުމުގައި ފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމާއި، ޓެކްސްގެ ނިޒާމު އިތުރަށް ހަރުދަނާކުރުން ހިމެނެއެވެ.

ކޯވިޑް19އާ ގުޅިގެން މީރާ މެދުވެރިކޮށް ދައުލަތައް ލިބޭ އާމްދަނީވެސް ވަނީ ވަރަށް ބޮޑުތަން ދަށްވެފައެވެ. މީރާއިން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މިއަހަރުގެ ޖޫންމަހު ލިބުނު އާމްދަނީވެސް 2019 ވަނަ އަހަރުގެ ޖޫންމަހާ އަޅާބަލާއިރު ވަނީ 83 އިންސައްތަ ދަށްވެފައެވެ.

މީރާއަށް ލިބުނު އާމްދަނީ ކޯވިޑްގެ ސަބަބުން ދަށްވެފައިވަނީ އޭގެ އަސަރު ވިޔަފާރިތަކަށް ކޮށްފައިވާތީއެވެ. އެހެންކަމުން ޓެކްސް ދައްކާ ފަރާތްތަކަށް ފަސޭހަވާނެފަދަ ގޮތަކަށް ޓެކްސް ދެއްކުމުގެ އިންތިޒާމްތައް މީރާއިން ވަނީ ހަމަޖައްސައިދީފައެވެ. އެގޮތުން ޓެކްސް ދައްކަންޖެހޭ ސުންގަޑިތައް ބަދަލުކޮށްދިނުމާއި، ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ އަދަދު ބަހާލައިގެން ދެއްކޭނެ އިންތިޒާމް ހަމަޖެއްސުމާއި، ރާއްޖޭގެ ފަތުރުވެރިކަން ހުއްޓިފައިވުމުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާގެ ޓެކްސް ދިވެހި ރުފިޔާއިން ދެއްކޭނެ އިންތިޒާމް އެ މުއައްސަސާއިން ވަނީ ހަމަޖައްސައިދީފައެވެ.

އޮންލައިންކޮށް ޓެކްސް ދެއްކުމަށް މީރާއިން ޓެކްސް ދައްކާ ފަރާތްތަކަށް އަންނަނީ ވަރަށް ބޮޑަށް ބާރުއަޅަމުންނެވެ. އެގޮތުން މީރާއިން ބަލައިގަންނަ ހުރިހައި ޓެކުހަކާއި ފީތައް އޮންލައިންކޮށް ދެއްކޭނެ އިންތިޒާމް ދާދިފަހުން މީރާއިން ވަނީ ހަމަޖައްސައިދީފައެވެ. މީރާގެ އަމާޒަކީ 2024 ވަނަ އަހަރު ނިމުމުގެ ކުރިން މީރާއަށް ހުށަހަޅާ ޓެކްސް ބަޔާންތަކުގެ %95 އޮންލައިންކޮށް ހުށަހެޅުމާއި މީރާއަށް ބަލައިގަންނަ އާމްދަނީގެ %95 އޮންލައިންކޮށް ބަލައިގަތުމެވެ. މިހާރުވެސް ގިނަ ފަރާތްތަކަކުން އަންނަނީ އޮންލައިންކޮށް އެ އިދަރާއަށް ފައިސާ ދައްކަމުންކަމަށް މީރާއިން ބުނެއެވެ.

މީރާގެ ޙިދުމަތްތައް މުޅި ރާއްޖެއަށް ފުޅާކުރުމަކީވެސް އެ މުއައްސަސާގެ އަމާޒެކެވެ. މި އަމާޒުގެ ދަށުން މީރާގެ އޮފީސްތައް މާލޭގެ އިތުރުން 15 އަތޮޅެއްގައި ޤާއިމުކޮށް މިހާރު އަންނަނީ ޚިދުމަތް ދެމުންނެވެ.