ކުޅިވަރު

އޭއެފްސީކަޕް މުބަރާތަށް އަޝްފާގް ޓީސީގައި މަޑުކުރާނެ - ޑޭވް


އޭއެފްސީ ކަޕް ފުޓުބޯޅަ މުބާރާތަށް ޢަލީ އަޝްފާގް ދަގަނޑޭ ޓީސީގައި މަޑުކުރާނެކަމަށް އެކުލަބުން ބުނެފިއެވެ.

މިހާރު ނޫހަށް ދިންއިންޓަވިއު އެއްގައި ޓީސީ އިސް ހިންގުންތެރިޔާ، އަދި ފުޓުބޯޅަ އެސޯސިއޭޝަންގެ އެކްސްކޯ މެމްބަރ އަހުމަދު ނަޝީދު ޑޭވް ވިދާޅުވީ، އޭއެފްސީ ކަޕުގެ ބާކީހުރި މެޗުތަކުގައި ހަމަގައިމުވެސް ދަގަނޑޭ ޓީމުން ފެންނާނެ ކަމަށާއި، އިތުރު ކަންކަން މިހާރު ފައިނަލް ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

އަޝްފާގް ދެވަނަ ފަހަރަށް ޓީސީ އަށް ގެނައީ މިއަހަރުގެ ޖެނުއަރީ މަހުގައި އޭއެފްސީކަޕަށް އެކުލަބުން ވީ ތައްޔާރީތަކުގެ ތެރެއިންނެވެ. އެގޮތުން މުބާރާތުގައި ޓީސީ އާއި ބަންގްލަދޭޝްގެ ބަސަންދުރަ ކިންގްސް ވާދަކުރި މެޗުގައި އޭނާވަނީ ކުޅެފައެވެ.

އޭއެފްސީކަޕަށް ޓީސީގައި އަޝްފާގް މަޑުކުރުން ވެގެންދާނީ އެކުލަބަށް ލިބޭވެ ވަރަށް ބޮޑު ހިންހަމަޖެހުމަކަށެވެ. ސަބަބަކީ އޭއެފްސީ ކަޕް މުބާރާތުގެ އެންމެ ޖަތުރިބާހުރި އެއްކުޅުންތެރިއަކަށްވެސް އޭނާވުމެވެ. އަނެއްކޮޅުން ދާދިފަހުން އޭއެފްސީކަޕްގެ އެންމެމޮޅު ސޯލޯ ގޯލަކަށްވެސް އަޝްފާގް 2013ވަނަ އަހަރު ނިއުރޭޑިއަންޓަށް ޖަހައިދިން ގޯލެއް ވަނީ ހޮވިފައެވެ.

ކޯވިޑް-19 އާއި ގުޅިގެން މިފަހަރުގެ ފުޓުބޯލަ ސީޒަން ހުއްޓުމަކަށް އައުމާއި ގުޅިގެން އެކަމުގެ އަސަރު ދިވެހި ކުލަބުތަކަށްވެސް ވަނީ ކޮށްފައެވެ. ޚާއްސަކޮށް އޭއެފްސީ ކަޕުގައި ވާދަކުރާ މާޒިޔާ އާއި ޓީސީގެ މުހިންމު ބައެއް ކުޅުންތެރިންގެ ކޮންޓްރެކްޓް ހަމަވުމުން އެކަމަށް ގޮތެއް ނިންމަން ކުލަބުތަކަށް ޖެހެއެވެ.

މުބާރާތުގެ ކުޅުން އަލުން ފެށުމަށް އޭއެފްސީން ނިންމާފައިވާއިރު މާޒިޔާ އާއި ޓީސީންވެސް މިހާރުވަނީ މުބާރާތަށް ތައްޔާރުވުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުން މާޒިޔާއިންވަނީ މުހިންމު ބައެއް ކުޅުންތެރިންގެ ކޮންޓްރެކްޓް އައުކޮށްފައެވެ. އޭގެތެރޭގައި ބިދޭސީ ފޯވާޑް ކޯނެލިއަސް ސްޓެވާޓް އަދި ޑިފެންޑަރ އަހުމަދު އަބްދުﷲ ލިލީ ހިމެނެއެވެ. އަދި އެކުލަބުން ވަނީ ތަޖުރިބާކާރު ކޯޗް ނިޒާމްބެއާއި ޓީމު ހަވާލުކޮށްފައެވެ.