ޚަބަރު

ކޯވިޑް-19 : ކަރަންޓީނު ފެސިލިޓީތަކުގެ ގޮތުގައި އަނެއްކާވެސް ބައެއް ރިސޯޓްތައް


ކޯވިޑް-19ގެ ކޭސްތައް އިތުރުވަމުންދާތީ މީހުން އައިސޮލޭޓްކުރުމާއި ކަރަންޓީންކުރުމަށް އަނެއްކާވެސް ބައެއް ރިސޯޓުތައް ފެސިލިޓީތަކުގެ ގޮތުގައި ބޭނުންކުރަން ފަށާފައިވާކަމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

މާލެ ސަރަހައްދުގެ ފުރަބަންދު ނިމުނުއިރު ބަލީގެ ކޭސްތައް ވަރަށްބޮދަށް މަދުވުމާ ގުޅިގެން، ކުރިން ކަރަންޓީންއާއި އައިސޮލޭޝަން ފެސިލިޓީގެ ގޮތުގައި ބޭނުންކުރަމުން އައި ރިސޯޓްތައް ވަނީ ދޫކޮށްލާފައެވެ. އޭގެފަހުން ބަލިޖެހޭ މީހުންނާއި، އަދި ކޮންޓެކްޓުން ކަރަންޓީނުކުރަން ފެށީ ހުޅުމާލޭގައި ހުންނަ ގެސްޓަހައުސްތަކުގައެވެ. އަދި ގޭގޭގައި ވަކިން ހުރެވޭނެ އިންތިޒާމް ހުރި މީހުން އެކަމަށް އެދޭނަމަ، ގޭގައި ކަރަންޓީންވުމުގެ ފުރުސަތުވެސް ފަހިކޮށްދީފައިވެއެވެ.

އެހެންނަމަވެސް ފުރަބަންދަށްފަހު އަނެއްކާވެސް ކޯވިޑް-19ގެ ކޭސްތައް ފެންނަ މިންވަރު، ވަރަށްބޮޑަށް މިވަނީ އިތުރުވެފައެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން، ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވީ، ކޭސްތައް އިތުރުވުމާގުޅިގެން މީހުން ކަރަންޓީނުކޮށް އައިސޮލޭޓްކުރުމަށް އަނެއްކާވެސް އިތުރު ފެސިލިޓީތަށް ހަމަޖެއްސުމުގެ މަސައްކަތްކުރަމުންދާކަމަށެވެ. އެގޮތުން މީހުން ކަރަންޓީންކޮށް އައިސޮލޭޓްކުރުމަށް މިހާރުވެސް ބައެއް ރިސޯޓްތައް އަލުން ހަމަޖައްސާފައިވާކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ.

"އިތުރު ފެސިލިޓީތައްވެސް ރިސޯޓްތަކުގައި ހަމަޖައްސާފައިވަނީ، މިއަދުވެސް ރިސޯޓްތަކުގެ ފެސިލިޓީއަށް މީހުން ގެންދަން ފަށައިފިން. 3 ނުވަތަ 4 ރިސޯޓަކާއެކު އެގްރިމެންޓް ހަދައި ބޭނުންކުރަން ތައްޔާރަށް އޮތީ." އަމީން ވިދާޅުވިއެވެ.

މިނިސްޓަރ އަމީން ވިދާޅުވީ އިތުރު ފެސިލިޓީތަށްވެސް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. ކޭސްތައް އިތުރުވާ މިންވަރަށްބަލައި އިތުރު ފެސިލިޓީތަށްވެސް ހަމަޖައްސާނެކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ. އަދި ކަރަންޓީނާއި އައިސޮލޭޓްކުރުމަށް ދަތިކަމެއް ނާންނާނެކަމުގެ ޔަގީންކަން މިނިސްޓަރ އަމީންވަނީ ދެއްވާފައެވެ.