ޚަބަރު

ކޯވިޑް-19 : ބ.ކަމަދޫން މީހަކު ޕޮޒިޓިވްވެއްޖެ


ބ.ކަމަދޫން މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

ކަމަދޫ ކައުންސިލުންވަނީ މިކަން ޕީއެސްއެމް ނިއުސްއަށް ކަށަވަރުކޮށްދީފައެވެ. އެރަށު ކައުންސިލުން ބުނެފައިވަނީ ޕޮޒިޓިވްވެފައިވަނީ، މާލެއިން ރަށަށް ދިއުމަށްފަހު ހޯމް ކަރަންޓީންގައި ހުރި މީހެއްކަމަށެވެ. އެމީހާ ކޯވިޑް-19އަށް ޕޮޒިޓިވްވިކަން އެނގިފައިވަނީ، ކަރަންޓީންގެ 14 ދުވަހުގެ މުއްދަތު ހަމަކޮށް، ދޫކޮށްލުމުގެ ކުރިން ހެދި ޓެސްޓުން ކަމަށް ރަށު ކައުންސިލުންވަނީ ވިދާޅުވެފައެވެ.

މި މީހާއަކީ އެރަށުގައި ހޯމް ކަރަންޓީންގައި ތިބި 9 މީހުންގެ ތެރެއިން ޕޮޒިޓިވްވި މީހެކެވެ.

އެޗް.ޕީ.އޭއިން ވިދާޅުވީ، ގްރޭޓަރ މާލޭ ސަރަޙައްދުގެ އިތުރުން ކޯވިޑް-19ގެ އެކްޓިވް ކޭސްތައް ރާއްޖޭގެ 12 ރަށަކުން މިވަގުތު ފެނިފައިވާކަމަށެވެ. އޭގެ ތެރޭގައި މީހުން ދިރިއުޅޭ 9 ރަށަކާއި، 2 ރިސޯޓެއްގެ އިތުރުން ހަދަމުންދާ ރިސޯޓެއް ހިމެނެއެވެ.

ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުންގެ ޖުމްލަ ޢަދަދު 3567 އަށް އަރާފައިވާއިރު، މި ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދު މިހާރު މިވަނީ 2554 އަށް އަރާފައެވެ. އަދި މި ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު މިހާރު މިވަނީ 983 އަށް އަރާފައެވެ. މި ބަލީގައި ރާއްޖެއިން މަރުވެފައިވަނީ 15 މީހުންނެވެ.