އަތޮޅުތައް

ދިއްދޫ ހައުސިންގޔުނިޓަށް 440 ފަރާތުން ފޯމް ހުށައަޅައިފި


ތިލަދުންމަތީ އުތުރުބުރީ ދިއްދޫގައި އަޅާފައިވާ ހައުސިން ޔުނިޓްތަކަށް އެދި ހަތަރުސަތޭކަ ސާޅީސް ފަރާތަކުން އެރަށު ކައުންސިލަށް ފޯމް ހުށައަޅައިފިއެވެ.ދިއްދޫ ކައުންސިލުން ބުނީ މިހާގިނަ ފޯމް ހުށައަޅާފައިމިވަނީ ދިއްދޫގެ ހިއްކި ބިމުގައި ސަރުކާރުން އަޅާފައިވާ ދުއިސައްތަ ފަންސާސް ހައުސިން ޔުނިޓްގެ ތެރެއިން މިފަހަރު ފުރުސަތު ހުޅުވާލީ ދިއްދޫގެ ރައްޔިތުންނަށް ޚާއްސަ ސަތޭކަ ފަންސަވީސް ހައުސިން ޔުނިޓާއި، ރަށުން ބޭރު ފަރާތްތަކަށް ޚާއްސަ ފަނަރަ ހައުސިން ޔުނިޓަށްކަމުގައެވެ. ދިއްދޫ ކައުންސިލްގެ ރައީސް އިބްރާހީމް ޝިނާން ވިދާޅުވީ މުއްދަތު ހަމަވިއިރު ދިއްދޫ ރައްޔިތުންގެ ފަރާތުން ތިންސަތޭކަ އަށްޑިހަ ނުވަފޯމް ހުށައަޅާފައިވާކަމަށާ، ރަށުން ބޭރުން ހައުސިން ޔުނިޓަށް އެދުނީ ފަންސާސް އެއްފަރާތަކުން ކަމުގައެވެ.ޝިނާން ވިދާޅުވީ ހުށައެޅުނު ފޯމްތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިޔަށްދާކަމަށާ، ހައުސިން ޔުނިޓް ލިބޭފަރާތްތަކުގެ ލިސްޓް ނޮވެމްބަރ މަހުތެރޭގައި އާންމުކުރެވޭވަރުވާނޭކަމުގައެވެ. އޭނާ ވިދާޅުވީ ހައުސިން ޔުނިޓްތަކުގެ އަމަލީ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާއިރު، އެސަރަހައްދަށް ބޭނުންވާ ނަރުދަމާ ނިޒާމާއި ކަރަންޓްގެ ޚިދްމަތް ގާއިމް ކުރުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނާއި، އެމްޑަބްލިޔުއެސްސީން މިހާރު ކުރިޔަށްގެންދާކަމުގައެވެ.ދިއްދޫ ކައުންސިލުން ބުނީ ދިއްދޫގައި އެޅި ދުއިސައްތަ ފަންސާސް ހައުސިން ޔުނިޓްގެ ތެރެއިން މިފަހަރު ފުރުސަތު ހުޅުވާނުލާ ހުރި ސަތޭކަ ދިހަޔުނިޓަކީ ސަރުކާރުން ކުރިޔަށްގެންދާ އެއްފަސްކުރުމުގެ ޕްރޮގްރާމާއި، ރިއަލް އެސްޓޭޓް ވިޔަފާރިއަށް ހާއްސަ ކޮށްފައިވާ ޔުނިޓްތައް ކަމަށެވެ.