ޚަބަރު

މަޑަވެލި-ހޯޑެއްދުއާއި، ފުވައްމުލަކު އައު އިންޖީނުގޭގެ މަޝްރޫޢަށް ކުރިމަތިލާން ހުޅުވާލައިފި


ގދ.މަޑަވެލި-ހޯޑެއްދޫ ކަރަންޓުގެ ވިއުގަ ގުޅާލާ މަޝްރޫޢާއި، ފުވައްމުލައް ސިޓީގައި ހަކަތައިގެ ބޮޑު މަޝްރޫޢެެއް ހިންގުމަށް ކުރިމަތިލުމަށް ކޮންޓްރެކްޓްރުންނަށް ފެނަކަ ކޯޕަރޭޝަނުން ހުޅުވާލައިފިއެވެ.

މި ދެމަޝްރޫޢު ހިންގަނީ ކޮންޓްރެކްޓަރ ފައިނޭނެސް އުސޫލުންނެވެ. މިމަޝްރޫޢުތަކުގެ މަސައްކަތުގައި ހިމެނެނީ ޢިމާރާތް ޑިޒައިން ކުރުމާއި ޢިމާރާތުގެ އިންފްރާސްޓްރަކްޗަރަލް މަސައްކަތް ކުރިއަށްގެންދިއުމާއި ޚިދުމަތް ފެށުމަށް ބޭނުންވާ މަސައްކަތްތައް ފުރިހަމަކުރުމެވެ.

ފެނަކައިން ވިދާޅުވިގޮތުގައި މި ދެ މަޝްރޫޢުގެ މަސައްކަތް މުޅިން ނިންމާއިރު ހުންނާނީ އިންޖީނުގޭގެ ޚިދުމަތް ފެށޭ މިންވަރަށް ހުރިހާ މަސައްކަތެއް ނިމިފައެވެ. އޭގެތެރޭގައި ޢިމާރާތާއި، އިންޖީނުތައް ބެހެއްޓުމާއި، އެތަންތަނަށް ބޭނުންވާ އިކުއިޕްމަންޓްތައްވެސް ހަމަކޮށް ނިމިފައި ހުންނާނެކަމަށް ފެނައިން ވިދާޅުވެއެވެ.

މީގރ އިތުރުން ފުވައްމުލަކުގެ ކަރަންޓުގެ ނެޓްވަރކް އަޕްގްރޭޑްކުރުމާއި، ކޭބަލް ނެޓްވަރކާއި ޑިސްޓްރިބިއުޝަން ފޮށިތައް އަޕްގްރޭޑްކުރުމަށް ހަމަޖެހިފައިވާކަމަށްވެސް ފެނަކައިން ވިދާޅުވެއެވެ. މި ދެ މަޝްރޫޢަކީ ދިވެހި ކުންފުނިތަކުގެ އިތުރަށް ބޭރުގެ ކުންފުނިތަކަށްވެސް ބިޑް ހުށައެޅޭގޮތަށް ހުޅުވާލާފައިވާ ދެ މަޝްރުޢެވެ.

މީގެއިތުރުން ރ.އަނގޮޅިތީމާއި ހދ.ކުމުންދޫގެ އައު އިންޖީނުގެ ޢިމާރާތްކުރުމުގެ މަސައްކަތްކުރުމަށް ބަޔަކު ހޯދުމަށްވަނީ ހުޅުވާލާފައެވެ. އަލަށް ތަރައްޤީކުރާ އިންޖީނުގޭގެ މަޝްރުޢުތަކުގައި އިންޖީނުބަހައްޓާ އިމާރަތާއި އޮފީސް އިމާރާތާއި، ތެޔޮ ރައްކާކުރާ ޓެންކް ބެހެއްޓުންފަދަ މަސައްކަތްތައް ހިމެނެއެވެ.

އަދި ގއ.ކޮލަމާފުއްޓާއި ހއ.އިހަވަންދޫ އިންޖީނުގެއާއި އޮފީސް ޢިމާރާތުގެ މަސައްކަތް ކުރުމަށް ބަޔަކު ހޯދުމަށްވެސް ވަނީ އިޢުލާންކޮށްފައެވެ.

ފެނަކައިންވަނީ ރަށްރަށުގެ ކަރަންޓުގެ ވިއުގަ ހަރުދަނާކޮށް، އަދި މީހުން ދިރިއުޅޭ ސަރަޙައްދުތަކުގައި ހުރި އިންޖީނުގެތަށް މީހުން ދިރިނޫޅޭ ސަރަޙައްދަށް ބަދަލުކުރުމުގެ މަސައްކަތްތައް ފަށާފައެވެ.