ކޯވިޑް-19ގެ ޙާލަތުގައި އާއްމު ޚިދުމަތް ދިނުމުގައި އެޗްޕީއޭއިން ކަނޑައަޅާފައިވާ މިންގަނޑުތަކާއި ޚިލާފަށް ހުންނަ ތަންތަނާ މެދު ފިޔަވަޅު އަޅަންފަށައިފިއެވެ.
މިއީ ކޯވިޑް-19 އާއި ގުޅިގެން ފެށި މިފަދަ ދެވަނަ އިންސްޕެކްޝަނެވެ.
ކޯވިޑް-19ގެ މިހާލަތުގައި ޢާއްމު ޚިދުމަތް ދެމުންދާ ތަންތަނާއި ޢާއްމުކޮށް މީހުން އެއްވެ އުޅޭ ތަންތަނުގައި ހުންނަންޖެހޭކަމަށް އެޗްޕީއޭއިން ކަނޑައަޅާފައިވާ މިންގަނޑަށް ކަންކަން ހުރިތޯ ބެލުމަށް ކުރިއަށް ގެންދާ އިންސްޕެކްޝަންގައި މިފަހަރު ފިޔަވަޅު އަޅުއްވާނެކަން ދުރާލައި ސިޓީ ކައުންސިލުން ވަނީ އިއުލާނުކުރައްވާފައެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން މާލެސިޓީގެ ޑެޕިއުޓީ މެޔަރ ޝަމާއު ޝަރީފް ވިދާޅުވީ މިހާރު ފަށާ އިންސްޕެކްޝަންގައި އެޗްޕީއޭގެ ގައިޑްލައިނާ ޚިލާފަށް ހުރި ތަންތަން ވަގުތުން ބަންދު ކުރާނެކަމަށެވެ. އަދި އެ ތަންތަން 24 ގަޑިއިރަށް ބަންދުކޮށް ނޯޓިސް ހިއްޕާނެކަމުގައި ޝަމާއު ވިދާޅުވިއެވެ. މިގޮތުން ނޯޓިސް ހިއްޕުމަށް ފަހުގައި އެ 24 ގަޑިއިރުގެ ތެރޭގައި އެޗްޕީއޭގެ މިންގަނޑަށް ފެތޭ ގޮތަށް ކަންކަން އިސްލާހު ކުރުމުން އަލުން އިންސްޕެކްޓްކޮށް މިންގަނޑުތަކަށް ފެތޭނަމަ ހުއްދަ ދޭނެ ކަމުގައި ޝަމާއު ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ އިންސްޕެކްޝަންގެ އެންމެ ބޮޑު ބޭނުމަކީ މިވަގުތު މުޅި މާލޭގައި ބޮޑު ކޮމިއުނިޓީ ސްޕްރެޑެއް އޮތް އިރު މިކަމުން އަރައިގަތުން. ޢާއްމުންނަށް މިދުވަސްވަރު ރައްކާތެރިކަން ކަށަވަރުކޮށްދިނުން. މިދުވަސްވަރު ވިޔަފާރިތަކުންވެސް ކޮށްދެވޭނެ އެންމެ ބޮޑުކަމަކީ ރައްކަތެރިކަމަށްޓަކައި އެޗްޕީއޭގެ މިންގަނޑަށް އެތަންތަން ބެހެއްޓުން. ކޮންމެހެން ފިޔަވަޅުއަޅަން އަޅުގަނޑުމެން ދިޔައިމައެއް ނޫން އެކަން ކުރަންވީ. އެކަން މިހާރުވެސް ކަށަވަރުކޮށްދެއްވަން ވީ." ޝަމާއު ވިދާޅުވިއެވެ.
މި އިންސްޕެކްޝަން ތަކާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން އެޗްޕީއޭގެ ޑިރެކްޓަރ އަޙްމަދު ނާސިރު ވިދާޅުވީ މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ޢާއްމުން ކޯވިޑް-19އިން ރައްކާތެރިވެ ތިބުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމަށެވެ. އަދި މިބައްޔާއި އެކު އުޅެން ދަސްކުރާއިރު، ވަކި ޚާއްސަ ގައިޑްލައިންތަކެއް އެކުލަވާލާފައި ވާއިރު އެއަށް ބޯލެނބުމަކީ މުހިއްމުކަމެއް ކަމަށެވެ. އަދި ހުރިހާ ވިޔަފާރިތަކުންވެސް މިކަންކަމަށް ސަމާލުވުމަށް ނަސޭހަތްތެރިވެ ވަޑައިގެންފިއެވެ. ކޯވިޑް-19 އާއި ގުޅިގެން އައު ޢާއްމު ޙާލަތެއްގައި ދިރިއުޅުމަށްޓަކައި ޢާއްމުންނަށް ޚިދުމަތްދޭ ތަންތަނުގައި ރައްކާތެރިކަމާއެކު ޚިދުމަތްދިނުމުގެ އިންތިޒާމް ހަމަޖެއްސުމަކީ މިބަލި ފެތުރުން ހުއްޓުވުމަށް އެޅޭ ވަރަށް މުހިއްމު ފިޔަވަޅެއްގެ ގޮތުގައި އެޗްޕީއޭއިން ފާހަގަކުރައްވައެވެ.
މި އިންސްޕެކްޝަންގައި މިދުވަސްވަރު މީހުން އެއްވެ އުޅޭ ތަންތަން ހުންނަން ޖެހޭ މިންގަނޑުކަމަށް އެޗްޕީއޭއިން ކަނޑައަޅާފައިވާ މިންގަނޑަށް ފެތޭ ގޮތަށް ހުރި ތަންތަނާއި އެގަވާއިދާ ޚިލާފަށް ހުރި ތަންތަން ދެނެގަތުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މިމިންގަނޑުގެ ދަށުން ފިހާރަތަކާއި ކެޕޭ ރެސްޓޯރަންޓްތަކާއި ޖިމާއި މާރުކޭޓް ފަދަ ތަންތަނަށް މީހުން އެއް ފަހަރާއި ވެދެވޭނެ އަދަދުތައް ވަނީ ކަނޑައަޅާފައެވެ. މީގެއިތުރުން އެތަންތަނުން ޚިދުމަތް ހޯދާ މީހުން މާސްކް ނާޅައި ތިބޭނަމަ އެތެރެއަަށް ނުވެއްދުމާއި ހޭންޑް ސެނިޓައިޒަރ ބޭނުންކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށްވެސް އެޗްޕީއޭއިން ވަނީ އިރުޝާދު ދީފައެވެ. އަދި މަސައްކަތްކުރުމުގައި ސަމާލުކަންދޭންޖެހޭ ކަންކަން ވަނީ ހާމަކޮށްފައެވެ. މިއިންސްޕެކްޝަންގައި މިންގަނޑާ ޚިލަފަށް ހުރިތަންތަން ބަންދުކުރުމުގެ މަސައްކަތް ކަމާ ގުޅުންހުރި ފަރާތްތަކާއި ގުޅިގެން އަންނަނީ ކުރަމުންނެވެ.
މީގެކުރިންވެސް މިފަދަ އިންސްޕެކްޝަނެއް ކުރިއަށް ގެންގޮސްފައިވާއިރު އެފަހަރުވެސް ގިނަ ތަންތަނުން އެޗްޕީއޭގެ މިންގަނޑަށް ޢަމަލުނުކުރާކަން ފާހަގަކުރެވިފައިވާކަމަށް އެޗްޕީއޭއިންވަނީ ވިދާޅުވެފައެވެ. އެފަހަރު ހަމައެކަނި ގަވާއިދަށް ފެތޭ ތަންތަނާއި ނުފެތޭ ތަންތަން ފާހަގަކޮށް ވަނީ ސްޓިކަރއެއް ޖަހާފައެވެ. އެޗްޕީއޭގެ އުސޫލްތަކާއި އެއްގޮތަށް އަމަލުކުރާކަން ފާހަގަވެފައި ވަނީ ހާހެއްހާ ތަންކަމަށް މާލޭ ސިޓީން ކައުންސިލުން ކުރިން ވަނީ ހާމަކޮށްފައެވެ.
މާލޭގެ މައި މާރުކޭޓުތައް ފިޔަވާ ދެން ހުރި ބައެއް ކުދި މާރުކޭޓްތަކުގެ ހާލަތު އެންމެ އެކަށޭނަ ގޮތުގައި ނެތްކަމަށާއި ބިދޭސީން އެކަނި މަސައްކަތް ކުރާ ތަންތަނުގެ ހާލަތު ދަށްކަން ސިޓީ ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ. މި އިންސްޕެކްޝަން ކުރިއަށްގެންދަނީ އެޗްޕީއޭއާއި މާލެސިޓީ ކައުންސިލާއި އެމްއެފްޑީއޭއާއި އިކޮނޮމިކް މިނިސްޓްރީއާއި ވެމްކޯއާއި މޯލްޑިވްސް ޕޮލިސް ސަރވިސްއާއި މޯލްޑިވްސް ރެޑް ކްރެސެންޓާއި އެޗްޑީސީ ގުޅިގެންނެވެ.