ދީން

އައްޑޫ ސިޓީގައިވެސް ބޮޑު ޖަމާޢަތުގައި އަޟުޙާ ޢީދު ނަމާދު ނުކުރާގޮތަށް ނިންމައިފި


އައްޑޫ ސިޓީގައިވެސް ބޮޑު ޖަމާޢަތުގައި އަޟްޙާ ޢީދު ނަމާދު ނުކުރާގޮތަށް ނިންމައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވީ، ކޯވިޑް-19 އާއިގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެގޮތުން މިއަހަރުގެ އަޟްޙާ ޢީދު ނަމާދުގެ ބޮޑުޖަމާޢަތް އައްޑޫ ސިޓީގެ އެއްވެސް އަވަށެއްގައި ނުބާއްވާގޮތަށް ހަމަޖައްސާފައިވާކަމަށެވެ. 1441 ވަނަ އަހަރުގެ އަޟްޙާ ޢީދުނަމާދުގެ ބޮޑުޖަމާޢަތް ނުބޭއްވިނަމަވެސް އައްޑޫސިޓީގެ ހުކުރު ކުރާ ހުރިހާ މިސްކިތެއްގައި މިއަހަރުގެ އަޟުޙާ ޢީދު ނަމާދުކުރުން އޮންނާނެކަމަށް އައްުޑޫ ސިޓީ ކައުންސިލުން ވިދާޅުވެއެވެ. އަދި ޢީދުނަމާދަށް ވަޑައިގަންނަވާއިރު މާސްކް އަޅުއްވައިގެން މުސައްލަ ހިއްޕަވައިގެން ޢީދުނަމާދުގެ ޖަމާޢަތަށް ވަޑައިގަތުމަށް ސަމާލުކަންދެއްވުމަށްވެސް އެކައުންސިލުން ވަނީ އެދިފައެވެ.

މިއަހަރުގެ އަޟްޙާ ޢީދު ނަމާދު އައްޑޫ ސިޓީގައި ބޮޑު ޖަމާޢަތުގައި ނުކުރާގޮތަށް ނިންމާފައިވާއިރު، މާލޭ ސިޓީގައިވެސް އަޟްޙާ ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި ނުކުރާގޮތަށް އިސްލާމިކް މިނިސްޓްރީން ވަނީ ނިންމަވާފައެވެ.

އިސްލާމިކް މިނިސްޓްރީން މިގޮތަށް ނިންމަވާފައިވަނީ ކޯވިޑް-19 މާލެ ސަރަހައްދުގައި ހަލުވިކަމާއެކު ފެތުރެމުންދާތީ ގިނަ ބަޔަކު އެއްތަނަކަށް އެއްވުމަކީ ރައްކާތެރިކަމަކަށް ނުވާތީއެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މާލެއާއި ހުޅުމާލެއާއި ވިލިމާލޭގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ނުކުރިނަމަވެސް އިސްލާމީ މަރުކަޒާއި ހުކުރު ކުރާ މިސްކިތްތަކުގައި ޢީދު ނަމާދު ކުރާނެކަމަށެވެ. އަދި ރަށްރަށުގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކުރުމާ ގުޅޭ ގޮތުން ގޮތެއް ނިންމާނީ އެ ރަށެއްގެ ރަށު ކައުންސިލުން ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.