ވިޔަފާރި

ގާތްމީހުންގެ އެދުމުގެ މަތިން ފެށި މަސައްކަތް ވިޔަފާރިއަކަށް


ކޭކު އެޅުމަކީ މިހާރު ޒުވާނުންގެ މެދުގައި މަޤްބޫލު މަސައްކަތެކެވެ. އަދި މިއީ މިހާރު ރާއްޖޭގައި ޑިމާންޑް ބޮޑުވެސް މަސައްކަތެކެވެ. މި ދާއިރާގައި މަސައްކަތްކުރާ ޒުވާނުންގެ އަދަދު އެއްދުވަހުން އަނެއްދުވަހަށް އަންނަނީ އިތުރުވަމުންނެވެ.

ބައެއް މީހުން ކޭކު އެޅުމުގެ މަސައްކަތަށް ހުސްވެގެންތިބޭއިރު އަނެއްބަޔަކު މި މަސައްކަތްކުރަނީ ލިބޭ ހުސްވަގުތުތަކުގައެވެ. ގިނަ މީހުންނަށް ކޭކުއެޅުމުގެ މަސައްކަތުގެ ތެރެއަށް ވަދެފައިވަނީ އެކަމަށްހުރި ޝައުގެއްގެ ބޮޑުކަމުންނެވެ.

އުމުރުން 28 އަހަރުގެ މަރިޔަމް އަރީފާއަށް މި ދާއިރާއަށް ވަދެވުނީ އާއިލާއާއި ރަޙުމަތްތެރިންނަށް އެކި މުނާސަބަތުތަކާއި ގުޅުވައިގެން ކޭކު އަޅައިދޭން ފެށި ހިސާބުންނެވެ. އެއިރުވެސް މިއީ ވިޔަފާރިއެއްގެ ގޮތުގައި ކުރަން ފަށާފާނެ މަސައްކަތެއްކަމަށް ވިސްނިފައެއް ނުވެއެވެ. ނަމަވެސް މިކަމަށް ލިބެންފެށި ތަރުހީބު ބޮޑުކަމުގެ ސަބަބުން މިއަދު އޭނާ ވަނީ ކޭކު އެޅުމުގެ ވިޔަފާރީގެ ތެރެއަށް ވަދެފައެވެ. 2005 ވަނަ އަހަރުން ފެށިގެން އޭނާ އަންނަނީ ކޭކު އަޅަމުންނެވެ. ވިޔަފާރިއެއްގެ ގޮތުގައި މި މަސައްކަތް އޭނާ ފަށާފައިވަނީ ދާދިފަހުންނެވެ.

އާއިލާއާއި ރަޙުމަތްތެރިންނަށް ކޭކު އަޅައިދީގެން މި ދާއިރާއަށް އުފެދުނު ޝައުގުވެރިކަމުގެ ތެރެއިން އޭނާ ވަނީ ކޭކު އެޅުމުގެ 2 ކޯހެއްވެސް ފުރިހަމަކޮށްފައެވެ. އެއީ ވެޑިން ކޭކުއަޅާ ކޯހަކާއި އެކި ރަހަތަކުގެ ކޭކު އަޅާ ކޯހެކެވެ.

ކޮންމެ މުނާސަބަތަކާއި ގުޅުވައިގެންވެސް މިހާރު އޭނާ ކޭކުއަޅައިދީ އުޅެއެވެ. އަދި ކޮންމެ ސައިޒެއްގެ ކޭކެއްވެސް އަޅައިދޭނެކަމަށް އޭނާ ބުނެއެވެ. ގިނަ މީހުން އަދިވެސް އިހްތިޔާރުކުރަނީ ބަޓަރ ކްރީމް ނޫނީ ފޮންޑަންޓް ކޭކްއެވެ. ނަމަވެސް މިހާރު އެކި ޕްލެވަރ ތަކުގެ ކޭކުވެސް އޭނާ އަންނަނީ އަޅައިދެމުންނެވެ.

އެންމެ ބުރަ މަސައްކަތެއް ކުރަންޖެހެނީ ކައިވެނި ޕާޓީތަކަށް ތައްޔާރުކުރާ ކޭކުތަކަށްކަމަށް އޭނާ ބުނެއެވެ. އެންމެ ބުރަ މަސައްކަތެއްގެ ގޮތުގައި އޭނާއަށް މިހާތަނަށް ކުރެވުނު މަސައްކަތަކީ ގަސްބުޑެއްގެ ބައްޓަމަށް ތައްޔާރުކޮށްފައިވާ 4 ލޭޔަރގެ ކޭކެކެވެ. މި މަސައްކަތައް 3 ދުވަސް ހޭދަވިކަމަށް އޭނާ ބުންޏެވެ.

ކޭކު އެޅުމުގެ މަސައްކަތް މިހާރު އޭނާ ކުރަމުން އަންނަނީ އޭނާގެ ދައްތައާއެކުއެވެ. މިވަގުތު "އަރީ ކޭކްސް ކްރާފްޓް" ގެ ނަމުގައި ފޭސްބުކް އަދި އިންސްޓަގްރާމްގައި ޕޭޖެއް ހުޅުވައިގެން މިކަން ކުރިނަމަވެސް އަރީފާގެ އުންމީދަކީ ކޭކުއެޅުމުގެ މަސައްކަތައް މުޅިން ބަރޯސާވެވޭވަރަށް އެ މަސައްކަތް ފުޅާކޮށް ބޭކަރީއެއްވެސް ހުޅުވުމެވެ. މިއީ އާމްދަނީ ހޯދުމަށް އަންހެނުން ކުރަން ރަނގަޅު މަސައްކަތެއްކަން އޭނާ ފާހަގަކުރިއެވެ.

"އުންމީދުކުރަނީ ޕިއުޗަރގައި މުޅިން މިއަށް ޑިޕެންޑް ވެވޭވަރުގެ މަސައްކަތަކަށް ފުޅާކުރުން. މިހާރު ގިނަ އަންހެނުންނަކީ ގޭގައި ތިބެގެން މަސައްކަތްކުރާ ބައެއް. އެގޮތުން ކުރަން ވަރަށް ރަނގަޅު މަސައްކަތެއް މިއީ ގޭގައި ތިބެގެން. އާއިލާއާއިއެކު ވަގުތުހޭދަކުރަމުންވެސް ގޭގައި ތިބެގެން ކުރެވިދާނެކަމެއް މިއީ." އަރީފާ ބުންޏެވެ.

ކޭކުއެޅުމުގެ އިތުރުން އޭނާ އަންނަނީ ކްރާފްޓްސްގެ މަސައްކަތްވެސް ކުރަމުންނެވެ. އަދި ދާދިފަހުން އޭނާ ވަނީ ކުޑަކުދިންނަށް ޙާއްސަކޮށްގެން ޑެކަރޭޓަޑް ކުކީ ޕަޒުލްވެސް ހަދަންފަށާފައެވެ. މިއީ ކުޑަކުދިން އަމިއްލައަށް ރާވާލެވޭގޮތަށް ތައްޔާރުކޮށްފައިވާ ކުކީޒް ޕަޒުލްތަކެކެވެ.

ކްރާފްޓްގެ މަސައްކަތްތަކުގެ ތެރޭގައި އޭނާ އަންނަނީ ގޭތެރެ ޒީނަތްތެރިކުރަން ބޭނުންވާ އެކި ސާމާނާއި، ތަފާތު އެކި ބާވަތްތަކުގެ ތަކެތިން މާހެދުމާއި، ކުޑަކުދިންގެ ހެޑްބޭންޑްއާއި މިނާއިން ތަފާތު ޒީނަތްތެރިވުމުގެ ތަފާތު ތަކެއްޗާއި، ވެޑިންގ ބޮކޭއާއި، ޕޭޕަރ ކްރާފްޓްސްގެ އެކި މަސައްކަތްތައްވެސް ކުރަމުންނެވެ.

މި މަސައްކަތުގައި މިއަދު އޭނާއަށް މިހާހިސާބަށް އާދެވިފައިވަނީ އާއިލާއާއި ރަހުމަތްތެރިން އަދި ކަސްޓަމަރުންގެ ފަރާތުން ލިބުނު ސަޕޯޓާއިއެކުގައިކަން އޭނާ ފާހަގަކުރެއެވެ.

ކޭކުއެޅުންފަދަ ގޭގައި ތިބެގެން ކުރެވޭ މަސައްކަތްތައް ގިނަ ބަޔަކު މިހާރު އަންނަނީ ކުރަމުންނެވެ. އަދި ކޯވިޑް19އާ ގުޅިގެން މިފަދަ މަސައްކަތްތައް ކުރާ މީހުންގެ ނިސްބަތްވަނީ އާދަޔާ ހިލާފަށް އިތުރުވެސްވެފައެވެ.