ކުޅިވަރު

ބްރެޒިލް ދޫކޮށް އޮސްކާ ޗައިނާގެ ގައުމީ ޓީމަށް


ބްރެޒިލް ދޫކޮށް ޗައިނާގެ ޤައުމީ ޓީމަށް ކުޅެން ޝެންހާއީގެ މިޑްފީލްޑަރު އޮސްކާ ޝައުގުވެރިކަން ފާޅުކޮށްފިއެވެ.

އިނގިރޭސި ކުލަބު ޗެލްސީ ދޫކޮށް އޮސްކާ ޗައިނާގެ ޝެންހާއީއަށް ބަދަލުވީ 2017 ވަނަ އަހަރުއެވެ. އޭނާ ބުނީ ޗައިނާ ލީގުގައި ކުޅެމުން ބްރެޒިލްގެ ގައުމީ ޓީމުން ޖާގަ ހޯދުމަކީ ނުވާނެ ކަމެއް ކަމަށެވެ. މިހެންވެ ޗައިނާގެ ރަށްވެއްސަކަށްވެގެން އެ ގައުމަށް ކުޅެން އޭނާ ތައްޔާރަށް ހުރި ކަމަށެވެ.

ފީފާގެ ޤަވާއިދު ބުނާ ގޮތުން ސީނިއާ ގައުމީ ޓީމަށް ކުޅުމަށްފަހު ކުޅުންތެރިއަކަށް އެހެން ގައުމެއްގެ ގައުމީ ޓީމަކަށް ނުކުޅެވޭނެއެވެ. އުމުރުން 28 އަހަރުގެ އޮސްކާ ވަނީ ބްރެޒިލްގެ ގައުމީ ޓީމަށް މިހާތަނަށް 48 މެޗު ކުޅެދީފައެވެ. ނަމަވެސް އޭނާ ބުނީ ޗައިނާ ބޭނުންވާނަމަ އޭނާއަށް މިކަމުގައި އެހީތެރިވެވިދާނެ ކަމަށާއި އެ ގައުމުގެ ގައުމީ ޖާޒީ ލުމަށް އޭނާ ވަރަށް ބޮޑަށް އެދޭ ކަމަށެވެ.

"ބްރެޒިލްގެ ގައުމީ ޓީމުން ޖާގަ ހޯދަން ވަރަށް އުނދަގޫވާނެ. ސަބަބަކީ އަހަރެން މިތަނުގައި ހުރުން. މިތަނުގެ މީހުންނަށް އަހަރެން ކިހާ މޮޅުކަން އެނގޭނެ. އެމީހުންނަށް އަހަރެންނަށް އެހީތެރިވެވިދާނެ،" އޮސްކާ ބުންޏެވެ.

ޗައިނާއިން އަންނަނީ ފަހަކަށް އައިސް ގައުމީ ޓީމު ވަރުގަދަ ކުރުމަށް އެހެން ގައުމުތަކުގެ ކުޅުންތެރިންނަށް ރަށްވެހިކަންދެމުންނެވެ.