ރާއްޖޭގައި ކޯވިޑް19ގެ ޙާލަތު ގޯސްވެ، ނުރައްކަލުގެ ރަނގަބީލުގެ އަޑު ގަދަވަމުންދާކަމުގައި ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އަމީން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ބަލި ކޮންޓްރޯލްކޮށް އާއްމު ޙާލަތަށް ދިއުމަށް އެދޭނަމަ، އެޗްޕީއޭއިން ކަނޑައަޅާފައިވާ އުސޫލުތާއި ގަވައިދުތަކަށް ބޯލަނބާ މިންވަރު އިތުރުކުރަންޖެހިފައިވާކަމަށެވެ. 
އެގޮތުން ކޮންމެހެން މާސްކް އެޅުމާއި، ބޭރަށް ނިކުންނަ ޖެހިއްޖެ ޙާލަތުގައި ބޭރަށް ނިކުމެ އުޅޭއިރު އެކަކު އަނެއްކަކުގެ ގައިދުރުކަން ބެހެއްޓުމަށް މިނިސްޓަރ އަމީން އެދިވަޑައިގެންނެވިއެވެ.
		
			ކޯވިޑް ކްލަސްޓަރތައް އިތުރުވުމާއި، އަދި ކްލަސްޓަރތަކާއި ގުޅުން ނެތް ކޭސްތައްވެސް އިތުރުވަމުންދާކަމަށް ހެލްތް އެމްޖެންސީ އޮޕަރޭޝަން ސެންޓަރުން ދަނީ ފާހަގަ ކުރައްވަމުންނެވެ. 
މިނިސްޓަރ ވަނީ ކްލަސްޓަރތައް ކުޑަކުރުމަށް، މިހާލަތުގައި ބައްދަލުވާ މިހުންގެ އަދަދު މަދުކުރުމަށްވެސް އެދިވަޑައިގެންފައެވެ. އަދި ކޮންމެހެން ނިކުންނަން ޖެހިއްޖެ ޙާލަތެއްގައި މެނުވީ ބޭރަށް ނުކުމެ ނޫޅުމަށް އިލްތިމާސްކުރައްވާފައިވެއެވެ.
ރާއްޖެއިން އެންމެ ގިނަ ދިވެހިން ކޯވިޑް-19އަށް ޕޮޒިޓިވްވެފައި ވަނީ މިއަދުއެވެ. މިއަދު އެކަނިވެސް 92 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެފައި  ވެއެވެ.