ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ފްލެޓްތަކުގެ ކޮންސެޕްޓަކީ މިޒަމާނާއި ނުގުޅޭ އަދި ފެއިލްވެފައިވާ ކޮންސެޕްޓެއް ކަމުގައި އާކިޓެކްޓްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ހާމަކޮށްފިއެވެ.
ހިޔާ 7000 ޕްރޮޖެކްޓް ބެލުމަށްފަހު ފާހަގަކުރެވުނު ކަންކަމުގެ މައްޗަށް އެ އެސޯސިއޭޝަނުން ނެރުނު ރިޕޯޓުގައި ވަނީ ހިޔާ ފްލެޓްތަކުގައި ގިނަ މައްސަލަތަކެއް ހުރިކަން ފާހަގަކޮށްފައެވެ. މި ރިޕޯޓް ނެރެފައި ވަނީ އާކިޓެކްޗަރ ކިޔަވަމުންދާ 18 ދަރިވަރުންނާއިއެކު އާކިޓެކްޓްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ އިތުރު 9 މެމްބަރުން ހިޔާފްލެޓްތަކަށް ޒިޔާރަތް ކުރުމަށް ފަހުގައެވެ.
ގާތްގަޑަކަށް 40،000 މީހުންގެ އާބާދީއެއް އުޅޭނެކަމަށް ބެލެވޭ ހިޔާ 7000 ޕްރޮޖެކްޓުގެ ޑެންސިޓީ ދުނިޔޭގެ ނިސްބަތުން ތޮއްޖެހިފައިވާ މާލޭގެ އެއްވެސް ހިސާބަކަށްވުރެ 3 ގުނަ އިތުރުކަމަށް ފާހަގަކުރެވޭއިރު މިތަނުގައި މައިގަނޑުގޮތެއްގައި ދިރިއުޅުން ފިޔަވައި އެހެން ޚިދުމަތެއް ނުހިމެނޭކަން މިރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އަދި މިފަދަ މަތީ ޑެންސިޓީއެއްގައި އަގުހެޔޮ ސޯޝަލްހައުސިންގ އުސް އިމާރާތްތަކުގައި ހެދުމަކީ ދުނިޔޭގެ އެކި ތަންތަނުގައި 1960ގެ އަހަރުތަކުން ފެށިގެންވެސް ކުރެވެމުން އައި އެހެންނަމަވެސް ގިނަފަހަރު ފެއިލްވެފައިވާ ކަމެއް ކަމަށް ބަޔާންކޮށްފައިވާއިރު، މި ޕްރޮޖެކްޓަކީވެސް އެ ޢިމާރާތްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އިތުރު ތަކުލީފުތަކެއް އުފުލަންޖެހޭ ޕްރޮޖެކްޓަކަށްވުން އެކަށީގެންވާ ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި މިއީ ޕްރޮޖެކްޓެއް އެކުލަވާލުމަށް ގެއްލުނު ފުރުސަތެއްކަންވެސް ފާޙަގަކޮށްފައިވެއެވެ.
ހިޔާ ފްލެޓްގެ މަސައްކަތް މިވަގުތު ގޮސްފައިވާ ހިސާބަށް ބަލާއިރު މިމަޝްރޫޢުގެ ޑެންސިޓީ އާއި ޑިޒައިނަށް ބަދަލުގެނައުމަކީ މާލީ އަދި ސިޔާސީ ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަންކަމަށާއި، އެހެންނަމަވެސް މިހާރު އޮތްގޮތަށް ކުރިއަށް ގެންގޮސްފިނަމަ ފަހުން ދިމާވެދާނެ ޞިއްޙީ، އިޖުތިމާޢީ، އަދި ރައްކާތެރިކަމުގެ މައްސަލަތައް މާބޮޑުވާނެކަން މިރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ހިޔާ ފްލެޓްގެ އިމާރާތް ޕްލޭންކުރުމުގައި މިފަދަ މައްސަލަތައް ދިރާސާކޮށް މިކަންކަމުގެ ފަންނީ މާހިރުންނާއި މަޝްވަރާކުރެވުނީ ކިހާ މިންވަރަކަށްތޯއާއި އަދި ކުރެވުނުނަމަ އެ ލަފަޔާ ޚިޔާލުތައް ބޭނުންކުރެވުނީ ކޮންގޮތަކަށްތޯއާއި ޢިމާރާތުގެ ރައްކާތެރިކަމުގެ މައްސަލަތަކާއި ފަހުން ނިކުމެދާނެކަމަށް ބެލެވޭ އިޖުތިމާޢީ މައްސަލަތައް ހުރިއިރު ޢިމާރާތްކުރުމުގެ ހުއްދައާއި ގުޅޭ ހުރިހާ މަރުޙަލާތައް ފުރިހަމަކޮށްފައިވޭތޯ މިރިޕޯޓުގައިވަނީ ސުވާލު އުފައްދާފައެވެ.
ހިޔާ 7000 ޕްރޮޖެކްޓަކީ ތޮއްޖެހުން ކުޑަކޮށް އަދި ޑިޒައިން އިސްލާޙުކޮށްގެން ރައްކާތެރިކަމާއިއެކު ދިރިއުޅެވޭނެ ތަނަކަށް ބަދަލުކުރެވޭނެ ކަމަށް ޤަބޫލްކުރާ ކަމަށްވެސް ހާމަކޮށްފައިވެއެވެ.
- ގާތްގަޑަކަށް 40،000 މީހުން ދިރިއުޅޭނެކަމަށް ބެލެވޭ މި ޕްރޮޖެކްޓުގައި "ސޯޝަލް ހައުސިންގ"ގެ ގޮތުގައި މިހާގިނަ ބަޔަކު ތޮއްޖެހޭގޮތަށް އެއް ޢިމާރާތެއްގައި ދިރިއުޅެންޖެހި އަދި ޓަވަރުތައް ކައިރި ކައިރީގައި ހުރުން. މިކަމުގެ ސަބަބުން ނޭދެވޭ އިޖުތިމާޢީ، ސިއްޙީ، އަދި ރައްކާތެރިކަމުގެ މައްސަލަތައް އުފެދޭނެކަމަށް މިރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އަދި ޑިޒައިންގައި ހުރި ޕްރައިވެސީ އާއި ސެކިއުރިޓީ މައްސަލަތަކާއި އަދި އެއް ފްލޯއެއްގައި މިހާ ގިނަބަޔަކު ހިނގާބިނގާވެ އުޅެންޖެހުމުން މިފަދަ މައްސަލަތަކުން އުފެދޭ ނުތަނަވަސްކަން އިތުރުވެ ދިރިއުޅުމުގެ މާޙައުލު ތަޣައްޔަރުވާނެކަމަށް ބެލެވޭ ކަމަށާއި މިކަމުގެ އަސަރު އެތަނުގައި ދިރިއުޅޭ މީހުންގެ ދުޅަހެޔޮ ކަމަށް ކުރާނެކަން ފާހަގަކޮށްފައިވެއެވެ.
- ކުޅިވަރު ކުޅޭތަންތަންތަނާއި، ކަސްރަތުކުރާ ތަންތަނާއި، ޕާކުފަދަ ތަންތަން ޢިމާރާތުގައި ނެތް އިރު، މި ސަރަޙައްދުގައި މިފަދަ ތަންތަނަށް ޕްލޭންކޮށްފައިވާނަމަ ބަޔަކު ދިރިއުޅެން ފަށާއިރު މިތަންތަން ނެތުމުން ދުޅަހެޔޮ ސިއްޙަތަކަށް އަސަރުކުރާނެކަން މިރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އަދި ޓަވަރުތަކުގެ ދޭތެރޭގައިވާ ހުސްޖާގައިގަ ގަސް އިންދާ ލޭންޑްސްކޭޕްކުރުމުގެ ޕްލޭނެއް ވާނަމަ، ތަނުގައި ދިރިއުޅެން ފަށާއިރު މިކަންކަން ފުރިހަމަކުރުންވެސް މުހިންމުކަންވެސް ފާހަގަކޮށްފައިވެއެވެ.
- އާއްމުކޮށް މިފަދަ ބޮޑެތި ޕްރޮޖެކްޓުތަކުގައި ޚާއްސަކޮށް އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫޢެއްގެ ޕްރޮޖެކްޓު ސައިޓުގައި ފާޅުކަން ބޮޑުކޮށް ޕްރޮޖެކްޓުގެ މައުލޫމާތާއި ތަސައްވުރު ބަޔާންކުރެވިފައި ހުންނަންވާ ފަދައިން މިޕްރޮޖެކްޓު ސައިޓުގައި މިފަދަ ކަމެއް ފާހަގަ ނުކުރެވޭ ކަމަށް މިރިޕޯޓުގައި ހާމަކޮށްފައިވެއެވެ.
- ކޮރިޑޯތަކުގެ ރެއިލިންގ ހުރީ ހުޅުމާލެ ޕްލޭނިންގ ޤަވާއިދުގެ 14 ވަނަ މާއްދާގެ (ހ) ގެ (2) އާއި އަދި "ހުޅުމާލެ ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓް ގައިޑްލައިން: ޑިވެލޮޕްމަންޓް އޮފް ޕަބްލިކް ހައުސިންގ 1-T" ގެ 10.9 އަކަށް ނުފެތޭކަމަށް މިރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އަދި ގާތްގަނޑަކަށް 2 ފޫޓު އުސް ފާރުބުރިއެއްމަތީގައި 2 ފޫޓު އުސް ދަގަނޑު ރެއިލިންގއެއް ހަރުކޮށްފައިވާއިރު މިފާރުބުރިއަށް ކުޑަކުއްޖަކަށް އެރޭގޮތަށް ހުރުމުން ރައްކާތެރިނޫންކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
- ބޭސްމަންޓް ޕާކިންގގައި ސަރވިސް ހޮޅިތައް ބެރިދަށުން އަޅާފައިވާގޮތުން ބައެއް ދިމަދިމާލުން ނުރައްކާ މިންވަރަށް ތިރިކަމަށާއި، އަދި އެކަށީގެންވާ ސައިނޭޖް ނެތްކަން ފާހަގަކޮށްފައިވެއެވެ. އަދި "ހުޅުމާލެ ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓް ގައިޑްލައިން: ޑިވެލޮޕްމަންޓް އޮފް ޕަބްލިކް ހައުސިންގ 1-T" ގެ 6.3 ގައިވާ ޕާރކިންގ ގެ ޢަދަދު ކޮންމެ ޢިމާރާތެއްގެ ތިރީގައިވާ ޖާގައިން ހަމަވާނެ ކަމަށް ނުފެނެއެވެ.
- ފްލޯއެއްގައި 16 ޔުނިޓު ހުންނަ ޓަވަރެއްގައި ވަނީ އިމަޖެންސީ ލިފްޓާއި އެކު ޖުމްލަ 14 މީހުންގެ 3 ލިފްޓް ކަމަށާއި، މިއީ 384 ޔުނިޓު (ގާތްގަނޑަކަށް 1500 މީހުން) ބޭނުންކުރާނެ ތަނެއް ކަމަށާއި އަދި ފްލޯއެއްގައި 20 ޔުނިޓު ހުންނަ ޓަވަރެއްގައި ވަނީ އިމަޖެންސީ ލިފްޓާއި އެކު ޖުމްލަ 14 މީހުންގެ 4 ލިފްޓް ކަމަށް މިރިޕޯޓުގައިވަނީ ފާހަގަކޮށްފައެވެ. މިއީ 480 ޔުނިޓު (ގާތްގަނޑަކަށް 1900 މީހުން) ބޭނުންކުރާން ތަނެއް ކަމަށާއި، ޕީކުގަޑިތަކުގައި ލިފްޓުބޭނުންކުރުމުގައި ދަތިތައް ކުރިމަތިވާނެ ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
- ލިފްޓުން ނުކުންނަށް ލޮބީގައި ބައެއްކަހަލަ ސަރވިސް ފޮށިތައް އަތްޖެހޭ ހިސާބުގައި ހުރުމުން އެތަކެއްޗަށް ގެއްލުންލިބުން އެކަށީގެންވާ ކަމަށާއި، މިލޮބީގެ ތަނަވަސްކަން ނިސްބަތުން ކުޑަކަމަށް ފާހަގަކޮށްފައިވެއެވެ.
- ވަކި ޔުނިޓަކަށް ބަލައިލާއިރު ގިނަ ޔުނިޓުތަކުގައި ބޭރަށް ހުންނަ ކޮޓަރީގެ ހަމަ އެކަނި ކުޑަދޮރާއި ސިޓިންގރޫމުގެ އެއް ކުޑަދޮރު ހުންނަނީ ޢާއްމުން ހިނގަން އޮންނަ ކޮރިޑޯއަށް ވާގޮތަށެވެ. މި ދެކުޑަދޮރުވެސް ހުރީ ކަހާލެވޭގޮތަށް އަދި ބިމުން ފެށިގެން ގާތްގަނޑަކަށް 3 ފޫޓު މަތީގައި ކަމަށާއި، މިއީ ސެކިއުރިޓީ އާއި ޕްރައިވެސީގެ މައްސަލައެއްކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
- ހުރިހާ ޔުނިޓެއްގައިވެސް ސިޓީންގ ރޫމާއި ބަދިގެއާއި ކާގެ އެއްކޮށްހުރިއިރު ބަދިގޭގެ ޑިޒައިނާއި ބައެއް މިންގަނޑުތައް އެކަށީގެންވާ ވަރަށްވުރެ ކުޑަކަމަށް ފާހަގަކޮށްފައިވެއެވެ.
- ގިނަ ޔުނިޓުތަކުގެ އެތެރެއަށް ހުންނަ ކޮޓަރިތަކުގެ ކަހާލެވޭކުޑަދޮރުގެ ޑިޒައިން 2 ޓްރެކުގައި 3 ފަތަށްހުރުމުން ހުޅުވޭބައި ހަނި ކަމަށް ފާހަގަކޮށް ޕްލޭނިންގ ޤަވައިދުގައިވާ %10 ވެންޓިލޭޝަން ހަމަވޭތޯ މިރިޕޯޓުގައި ސުވާލު އުފައްދާފައިވެއެވެ.
- ޢިމާރާތުގެ ކުނިއުކާލުމުގެ ނިޘާމު ފުރިހަމަ ނޫން ކަމަށާއި "ހުޅުމާލެ ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓް ގައިޑްލައިން: ޑިވެލޮޕްމަންޓް އޮފް ޕަބްލިކް ހައުސިންގ 1-T" ގެ 7.11 ގައި ވާގޮތާއި ޚިލާފަށް ތިރީބުރި ފިޔަވައި ޢިމާރާތުގެ އެއްވެސް ފްލޯއެއްގައި ކުނި އެއްކުރެވޭނެ ތަނެއް ނެތްކަންވެސް ފާހަގަކޮށްފައިވެއެވެ.
- ޢިމާރާތުގައި އެތެރޭގައާއި ލިފްޓް ލޮބީގައިވެސް އަލިފާނާއި ދުމުން ރައްކާތެރިވެވޭ "ސެޕަރޭޝަން ޒޯން"ތައް ނެތްކަން ފާހަގަކޮށްފައިވެއެވެ.
- ޓަވަރެއްގެ ތިރީ ފްލޯތަކުގައި އެކީ އަލިފާން ރޯވެއްޖެނަމަ މަތީފްލޯތަކަށް ފޯރާނެ ވަސީލަތްތައް ރާއްޖޭގައި ނުހުރެއެވެ.
- ޢިމާރާތުގައި ދިރުއުޅުމުގެ ހުއްދަ ދޭންވާނީ ޢިމާރާތުގެ ފަޔަރ ޕްރިވެންޝަނާއި ފަޔަރ ފައިޓިންގ ނިޘާމުގެ ފުރިހަމަކަން
ކަށަވަރު ކުރުމަށްފަހުގައެވެ.
- ރާއްޖޭގައި ޢިމާރާތް ޑިޒައިންކުރުމުގައި އަލިފާނުގެ ރައްކާތެރިކަން ކަނޑައަޅަނީ އެމް.އެން.ޑީ.އެފް ގެ "ރިކުއަމަންޓް ފޯ ފަޔަރ ޕްރިވެންޝަން އިކުއިޕްމަންޓްސް އިން ބިލްޑިންގސް" އިން ކަމަށްވެސް މިރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
- ހުޅުމާލެ ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓް ގައިޑްލައިން: ޑިވެލޮޕްމަންޓް އޮފް ޕަބްލިކް ހައުސިންގ 1-T" ގެ މާއްދާ 5 ގެ 5.1.12 އާއި ޚިލާފަށް ޢިމާރާތުގައި ދިރިއުޅޭ މީހުންނާއި ތަނުގެ ސެކިޔުރިޓީ ބަލަހައްޓާނެ އެއްވެސް ނިޒާމެއް ނެތްކަން ފާހަގަކޮށްފައިވެއެވެ.
މިރިޕޯޓުގެ ނިންމުންތަކުގައި ފާހަގަކޮށްފައިވާ ގޮތުން މުސްތަޤުބަލުގައި މިފަދަ ޕްރޮޖެކްޓްތައް ޕްލޭންކުރުމުގައާއި ޢިމާރާތްކުރުމުގައި މިފަދަ މައްސަލަތައް ތަކުރާރުވިޔަނުދިނުމަށްޓަކައި އެދާއިރާއަށް ނިސްބަތްވާ ޤާނޫނުތަކާއި ޤަވާޢިދުތައް އިތުރަށް ދިރާސާކޮށް ހަރުދަނާކުރުން މުހިންމެވެ. އަދި ޤާނޫނު 4/2017 ކަމަށްވާ ޢިމާރާތްކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގައިވާ ސިޔާސަތުތައް ތަންފީޛުކުރުމުގައި މިނިސްޓަރ އޮފް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް ލަފާދިނުމަށްޓަކައި އެކުލަވާލަންޖެހޭ މޯލްޑިވްސް ބިލްޑިންގ އެންޑް ކޮންސްޓރަކްޝަން ބޯޑު" އެކުލަވައިލުން އަވަސްކުރުންވެސް މުހިންމެވެ. އަދި ޤާނޫނުގައި މިހާރުވާގޮތަށް މިނިސްޓަރަށް ހުރިހާ އިޚްތިޔާރެއް އޮތުމުގެ ބަދަލުގައި މިނިވަން ބޯޑެއްގެ ގޮތުގައި މިބޯޑު އޮތުން މުހިންމު ކަމަށްވެސް ނިންމުންތަކުގައިވެއެވެ.
މީގެއިތުރުން މިނިސްޓްރީ އޮފް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޙިއްސާވާ "ބިނާވެށި ތަރައްޤީގެ ޤާނޫނީ ޑްރާފްޓު"ގެ މަޤުސަދާއި ޤާނޫނީ އޮތޯރިޓީގައި ބަޔާންކުރެވިފައިވާ މާއްދާތަކުގައި ހިޔާ މަޝްރޫޢު ފަދަ ޕްރޮޖެކްޓުތަކަށް ދައުލަތުގެ ވަޞީލަތްތައް ބޭނުންކުރުމުގައި ސިޔާސީ ނުފޫޒު ފޯރާނެ ޖާގައުފެދޭކަން މިރިޕޯޓުގެ ނިންމުންތަކުގައި ފާހަގަކޮށްފައިވެއެވެ.
ހިޔާ މަޝްރޫޢުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިންގ ކޯޕަރޭޝަންއާއި ހަވާލުކޮށް ޢިމާރާތްކުރި 25 ބުރީގެ މިތަނުގައި ދެބާވަތެއްގެ ޓަވަރު ހުރިއިރު ބާވަތް-1 ގައި ފްލޯއެއްގައި 2 ކޮޓަރީގެ 16 ޔުނިޓު، އަދި ބާވަތް-2 ގައި ފްލޯއެއްގައި 2 ކޮޓަރީގެ 20 ޔުނިޓު ހުރެއެވެ. ޔުނިޓެއްގެ ބޮޑުމިނަކީ ގައިއްގަނޑަކަށް 580 އަކަފޫޓެވެ. މުޅިއެކު ބާވަތް-1 ގެ 10 ޓަވަރާއި ބާވަތް-2 ގެ 6 ޓަވަރު ހުރިއިރު މިއީ ގައިއްގަނޑަކަށް 40،000 މީހުންގެ އާބާދީއެއް
ދިރިއުޅުމަށް ތަރައްޤީކުރެވޭ މަޝްރޫޢެކެވެ. ކޮންމެ ބާވަތެއްގެ ޓަވަރަކުން 1 ފްލޯގެ އެޕާޓްމަންޓްތައް ބަލައިލުމުގެ ފުރުސަތު އޭއޭއެމް އަށް ލިބުނު ކަމަށާއި އަދި ބޭސްމަންޓް ޕާކިންގ އާއި ޓެރަސް ބަލާލުމުގެ ފުރުސަތުވެސް ލިބުނު ކަމަށް މިރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. މިރިޕޯޓަކީ އިންސްޕެކްޝަން ރިޕޯޓެއް ނޫން ކަމަށް މިރިޕޯޓު ތައްޔާރުކުރި އާކިޓެކްޓްސް އެސޯސިއޭޝަން މޯލްޑިވްސްއިން ހާމަކޮށްފައިވެއެވެ.
ހެޔޮބަސް
މިލިޔުމުގައި އެސޯސިއޭޝަންގަ ފަރާތުން މަސައްކަތުގަ ބައިވެރިވި ފަރާތްތަކުގެ ނަންތައްވެސް ހިމަނާލެއްވިނަމަ ވަރަށް ފުރި ހަމަވީސް