ކުޅިވަރު

ރެއާލް އާއި ސިޓީ މެޗު ކުޅޭނީ އިނގިރޭސިވިލާތުގައި


ޗެމްޕިއަންސް ލީގުގައި ސްޕޭނުގެ ރެއާލް މެޑްރިޑާއި އިނގިރޭސިވިލާތުގެ މެންޗެސްޓާ ސިޓީ ކުޅޭ މެޗު އިނގިރޭސިވިލާތުގައި ކުޅެވޭނެ ކަމުގެ ޔަގީންކަން އިނގިރޭސި ސަރުކާރުންދީފިއެވެ.

މި މެޗު ސިޓީގެ އިއްތިހާދު ސްޓޭޑިއަމުގައި ކުޅެވިދާނެކަމާމެދު ސުވާލުއުފެދުނީ ސްޕޭނުން އަންނަ މީހުން 14 ދުވަހު ކަރަންޓީން ކުރަން އިނގިރޭސި ސަރުކާރުން ނިންމުމުންނެވެ. އެއީ ކޮވިޑް-19 ސްޕޭނުގައި ބާރަށް ފެތުރެމުންދާތީވެ އެކަމަށް ރައްކާތެރިވުމުގެ ގޮތުން އެޅި ފިޔަވަޅެއްގެ ގޮތުގައެވެ.

ޔޫއޭފާއާއި މެންޗެސްޓާ ސިޓީން މިކަމާމެދު މަޝްވަރާކުރުމުން ސްޕޭނުގައި ހުންނަ ޔޫކޭ އެމްބެސްޑަރު ބުނީ އެފަދަ ނިންމުމެއް ނިންމާފައިވީ ނަމަވެސް އިސްތިސްނާވާ ފަރާތްތަކެއް ހިމެނޭ ކަމަށެވެ. އިސްތިސްނާވާ ފަރާތްތަކުގެ ތެރޭގައި ފުޓްބޯޅަ ކުޅުންތެރިން ހިމެނޭ ކަމަށެވެ.

"އެހެންވީމަ ރެއާލް މެޑްރިޑުގެ މެޗު ކުޅެނީ އިނގިރޭސިވިލާތުގައި. އެކަމަކު އެމީހުން އިސްތިސްނާވުމަކީ ހުރިހާ ހުއްދައެއް ލިބުމެއްނޫން. އެމީހުން ވެސް ތިބެންޖެހޭނީ ކަނޑައެޅޭ ހުދޫދުތަކެއްގެ ތެރޭގައި،" އެމްބެސެޑަރު ބުންޏެވެ.

ރެއާލް އާއި ސިޓީގެ މެޗު ކުޅޭނީ އޮގަސްޓް 8 ވަނަ ދުވަހުއެވެ. މި ދެ ޓީމު ސްޕޭނުގައި ކުޅުނު މެޗު 2-1އިން ކާމިޔާބުކުރީ ސިޓީއެވެ. މިހެންވެ ކުއާޓާ ފައިނަލަށް ދިއުމުގެ ފުރުސަތު ބޮޑީ ވެސް ސިޓީއަށެވެ.