ދުނިޔޭގެ ވިޔަފާރި

މަސްރަހު ހޫނުވެފައި ވަނިކޮށް ވާވޭއިން އޮންލައިން ސަމިޓެއް ފަށައިފި


ޗައިނާގެ ވާވޭ ކުންފުނިން އޮންލައިން ސަމިޓެއް ފަށައިފިއެވެ.

ޗައިނާގެ ވާވޭ ކުންފުނިން މިސަމިޓް ފަށާފައި މިވަނީ ހުޅަނގުގެ ޤައުމުތަކުން ބޮޑެތި ފިއްތުންތަކެއް އެކުންފުންޏާ ދެކޮޅަށް އަޅަމުންދާ ދަނޑިވަޅެއްގައެވެ.

ވާވޭއިން 4 ދުވަހަށް ކުރިއަށްގެންދާ އޮންލައިން ސަމިޓުގައި އެންމެ ބޮޑަށް މަޝްވަރާކުރާނީ ކޯވިޑްއާ ދެކޮޅަށް ކުރާ މަސައްކަތުގައި ޓެކްނޮލޮޖީ ބޭނުންކުރުމާ ގުޅޭގޮތުންނެވެ. މީގެއިތުރުން "ބެޓަރ ވޯލްޑް ސަމިޓް" ނަމުގައި ކުރިއަށްދާ އޮންލައިން އިވެންޓުގައި އިޤްތިޞާދުތައް އަލުން ކުރިއެރުވުމާ ގުޅޭގޮތުންވެސް މަޝްވަރާކުރާނެއެވެ.

ވާވޭއިން ބުނާގޮތުން މިސަމިޓުގައި ޓެކްނޮލޮޖީގެ އާއި ވިޔަފާރީގެ ދާއިރާގެ ތަޖުރިބާކާރުން ބައިވެރިވެވަޑައިގަންނަވާނެއެވެ. އޭގެ ތެރޭގައި ވާވޭގެ ޑެޕިއުޓީ ޗެއަރމަން ގުއޯ ޕިންގ އާއި ސައުތު އެފްރިކާގެ ޓެލެކޮމް މިނިސްޓަރ ސްޓެލާ ޑަބޭނީ ހިމެނިވަޑައިގަންނަވައެވެ.

ވާވޭއިން އޮންލައިން ސަމިޓެއް ފަށާފައިވާއިރު، ޗައިނާއާއި ހުޅަނގުގެ ޤައުމުތަކުގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން ވާވޭއަށް ދަނީ އެތައް ގޮންޖެހުމެއް ކުރިމަތިވަމުންނެވެ. އެގޮތުން އެކި ޤައުމުތަކުގެ ފައިވްޖީ ނެޓްވޯކްތައް ޤާއިމްކުރުމުގެ މަސައްކަތުން އެކުންފުނި އެކަހެރިކޮށްފައިވާއިރު، ބައެއް ޤައުމުތަކުގެ ކުންފުނިތަކުން ވާވޭއާއެކު ވިޔަފާރިކުރުން ވަނީ މަނާކޮށްފައެވެ. އޭގެެތެރޭގައި އެމެރިކާއާއި ޔޫރަޕްގެ ގިނަ ޤައުމުތަކެއް ހިމެނެއެވެ.