ދުނިޔޭގެ ވިޔަފާރި

އިނގިރޭސިވިލާތުގެ އިޤްތިޞާދު ހަމައަކަށް އެޅެން 4 ވަރަކަށް އަހަރު ނަގާނެ


އިނގިރޭސިވިލާތުގެ އިޤްތިޞާދު ކުރިން އޮތް ޙާލަތަށް އިޔާދަވާން 4 ވަރަކަށް އަހަރު ނަގާނޭކަމަށް އިޤްތިޞާދީ މާހިރުން ވިދާޅުވެއްޖެއެވެ.

އިޤްތިޞާދު ދިރާސާކުރާ އިނގިރޭސިވިލާތުގެ ޖަމުޢިއްޔާއަކުން ކުރިއަށްގެންދިޔަ ދިރާސާއަކުން ދައްކާގޮތުން ކޯވިޑްގެ ކުރިން އިނގިރޭސިވިލާތުގެ އިޤްތިޞާދު އޮތް ހާލަތަށް ދާނީ ގާތްގަނޑަކަށް 2024 ވަނަ އަހަރުއެވެ. މިދިރާސާއިން ދައްކާގޮތުން އިނގިރޭސިވިލާތުގައި ވަޒީފާ ނެތް މީހުންގެ އަދަދުވެސް 3.9 އިންސައްތައިން 9 އިންސައްތައަށް ކުރިއަށްއޮތް ދުވަސްތަކުގައި އިތުރުވާނެއެވެ. އަދި އިނގިރޭސިވިލާތުގެ އިޤްތިޞާދީ ދުވެލި މިއަހަރު މަޑުޖެހޭ މިންވަރު 8 އިންސައްތައިގައި ހުންނާނެކަމަށް ކުރިން ލަފާކުރިޔަސް، މިހާރު އެއަދަދު އުޅޭނީ 11.5 އިންސައްތައިގައިކަމަށް މިދިރާސާއިން ދައްކައެވެ.

އިނގިރޭސިވިލާތުގެ ސެންޓްރަލް ބެންކުގެ އޮފިޝަލުން ބުނާގޮތުން މާޗުމަހާއި އޭޕްރީލްމަހު އިޤްތިޞާދަށް ކުރިމަތިވި ހީނަރުކަމާއި އަޅާބަލާއިރު، އެޤައުމުގެ އިޤްތިޞާދު ވަނީ ހަމައަކަށް އެޅެން ފަށާފައެވެ. އަދި އިކޮނޮމިކް ރިކަވަރީ ހީކުރިވަރަށްވުރެ ބާރަށް ކުރިއަށްދާކަމަށް އިނގިރޭސިވިލާރުގެ ސެންޓްރަލް ބެންކުން ބުނެއެވެ.

ނަމަވެސް އިޤްތިޞާދީ މާހިރުން ވިދާޅުވަނީ އިނގިރޭސިވިލާތުގައި ވިޔަފާރިކުރުން މަދުވެފައިވާއިރު، އަދި އައު އިންވެސްޓްމަންޓްތައް މަދުއިރު އިޤްތިޞާދު ހަމައަކަށް އެޅެން ވަރަށް ދުވަސް ނަގާނެކަމަށެވެ.