ކުޅިވަރު

ޓޮޓެންހަމް އަސްލު މަގާމަށް ގެންގޮސްދޭނަން: މޮރީނިއޯ


ޓޮޓެންހަމް އަސްލު މަގާމަށް ގެންގޮސްދޭނެ ކަމަށް ކޯޗު ހޯސޭ މޮރީނިއޯ ބުނެފިއެވެ.

އޭނާ މިހެން ބުނީ ހަ ވަނާގައި ރޭ ޕްރެމިއާ ލީގުގެ މި ސީޒަން ނިންމާލުމަށްފަހުއެވެ.

ބޮޑެތި ޓީމުތަކަށް ކާމިޔާބު ހޯދާދީފައިވާ މޮރީނިއޯ ބުނީ އޭނާ ހަވާލުވިއިރު 14 ވަނާގައި އޮތް ޓީމު ހަ ވަނާގައި ނިންމާލައި ޔޫރޮޕާ ލީގުން ފުރުސަތު ހޯދުމަކީ ކުޑަ ކާމިޔާބީއެއްނޫން ކަމަށެވެ.

"14 ވަނާގައި އަހަރެން ހަވާލުވިއިރު ޓީމު އޮތީ. މި ހާލަތުގައި އޮވެ ކަންކަން ހޭންޑަލް ކުރުމަކީ ފަސޭހަ ކަމެއްނޫން. ކޮވިޑް-19ގެ ބްރޭކަށް ފަހު ކުޅުނު މެޗުތައް ގުނައިފިއްޔާ އަހަރުމެން ހިމެނޭނީ ގަދަ ހަތަރެއްގައި. މިއީ ޓޮޓެންހަމުގެ މަގާމަކީ. އެއްވެސް މީހަކު ބޭނުމެއްނުވާނެ ޗެމްޕިއަންސް ލީގު ކުޅެފައި ޔޫރޮޕާ ލީގު ކުޅެން. އެކަމަކި ހާލަތުގެ ގޮތުން ޗެމްޕިއަންސް ލީގަށްވުރެ ދަށް މުބާރާތަކުން ނަމަވެސް ޔޫރަޕުގައި ކުޅުމުގެ ފުރުސަތު ލިބުމަކީ ރަނގަޅެއް،" މޮރީނިއޯ ބުންޏެވެ.

އޭނާ އަދި ބުނީ ބޭނުންވަނީ ފިޓްކޮށްތިބި ކުޅުންތެރިންތަކެއް ދަނޑުމަތިން ފެންނަން ކަމަށާއި އޭނާ އަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ މުހިންމު ކުޅުންތެރިންނަށް އަނިޔާވުން ކަމަށެވެ.

"އަހަރެން ބޭނުންވަނީ އަހަރުމެންގެ މުހިންމު ކުޅުންތެރިން މެޑިކަލް ރޫމުގައި ތިބޭކަށްނޫން. ފިޓްކޮށް ފުލް ސްކޮޑް ދަނޑުމަތިން ފެންނަން ބޭނުންވަނީ. ދެން އޮތް ސުވާލަކީ އަހަރުމެން އަންނަ ސީޒަނަށް ކުޅުންތެރިން ހޯދާނެތޯ؟ އެކަން ކުރާނަން. އެކަމަކު އަހަރުމެން ގަންނާނީ 10 ކުޅުންތެރިން ކަމެއް ނޫނީ އެހެން އަދަދަކަށް ކަމެއް ނޭނގެ. އަނެއް ސުވާލަކީ 100 މިލިއަން ޕައުންޑަށް އަހަރުމެން ކުޅުންތެރިއަކު ގަންނާނެތޯ؟ އެކަމެއް ނުކުރާނަން،" މޮރީނިއޯ ބުންޏެވެ.