ދުނިޔޭގެ ވިޔަފާރި

ވެކްސިން އުފައްދާ މޮޑާނާ ކުންފުންޏަށް 472 މިލިއަން ޑޮލަރު


ކޯވިޑްއަށް ވެކްސިން އުފެއްދުމުގެ ރޭހުގެ އެންމެ ކުރީގައި އުޅޭ އެމެރިކާގެ މޮޑާނާ ކުންފުންޏަށް އެމެރިކާ ސަރުކާރުން 472 މިލިއަން ޑޮލަރުގެ އެހީތެރިކަމެއް ފޯރުކޮށްދީފިއެވެ.

އެމެރިކާގެ ބަޔޯ މެޑިކަލް އެޑްވާންސް ރިސާޗް އެންޑް ޑިވެލޮޕްމަންޓް އެތޯރިޓީން މޮޑާނާއަށް 472 މިލިއަން ޑޮލަރު ދީފައިވަނީ ކޮރޯނާވައިރަސްއާ ދެކޮޅަށް ވެކްސިނެއް އުފެއްދުމަށް ކުރާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުންނެވެ.

މޮޑާނާއިން ބުނީ އަލަށް ހަމަޖެހުނު ފައިސާ ޚަރަދުކުރާނީ ވެކްސިން ޓެސްޓްކުރުމަށް ކުރިއަށްދާ އެންމެ ފަހުގެ މަރުހަލާގެ މަސައްކަތްތަކަށްކަމަށެވެ. އަދި މިހާތަނަށް ލިބިފައިވާ ނަތީޖާތައް ދައްކާގޮތުން މޮޑާނާގެ ވެކްސިން ކާމިޔާބުވުމުގެ ފުރުޞަތު ބޮޑުކަމަށްވެސް އެކުންފުނިން ބުނެއެވެ.

472 މިލިއަން ޑޮލަރުގެ އިތުރުން، އެމެރިކާ ސަރުކާރުން ވަނީ މިދިޔަ އޭޕްރީލްމަހުގެ ތެރޭގައިވެސް ވެކްސިން ތަރައްޤީކުރުމުގެ މަސައްކަތަށް މޮޑާނާއަށް 483 މިލިއަން ޑޮލަރުގެ އެހީއެއްދީފައެވެ. އެހެންކަމުން ވެކްސިން ތަރައްޤީކުރުމަށް އެކުންފުންޏަށް ލިބުނު އެހީގެ ޖުމްލަ ބިލިއަން ޑޮލަރާ ވަނީ ގާތްކޮށްފައެވެ.

މޮޑާނާއިން ބުނާގޮތުން ވެކްސިން ތަރައްޤީކުރުމުގެ އިތުރުން، ވެކްސިން އުފައްދަންވެސް މޮޑާނާއިން ދަނީ ތައްޔާރީތައްވަމުންނެވެ. އެގޮތުން އަހަރަކު 1 ބިލިއަން ޑޯޒްގެ ވެކްސިން އުފެއްދުމުގެ ޤާބިލްކަން ހޯދަމުންދާކަން މޮޑާނާއިން ބުނެއެވެ.