ޚަބަރު

ކޯވިޑް-19: ކުރީ ސަފުގެ މަސައްކަތްތެރިންގެ ތެރެއިން ބަލިޖެހުނު އަދަދު ރިކޯޑް އަދަދަކަށް


ކުރީ ސަފުގެ މަސައްކަތްތެރިންގެ ތެރެއިން ކޯވިޑް-19 ޖެހުނު އަދަދު ރިކޯޑް އަދަދަކަށް އިތުރުވެއްޖެއެވެ. ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު، އެޗްއީއޯސީން ވިދާޅުވީ، މިފަދަގޮތަކަށް އަދަދުތައް އިތުރުވީ ފުރަބަންދަށް ދިން ލުއިތަކާއެކު ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އާންމުން ބޯލަނބާ މިންވަރު ކުޑަވުމުގެ ސަބަބުންނެވެ.

އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެޗްޕީއޭގެ އެޕިޑަމޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، ފުރަބަންދަށް ލުއިތަކެއް ދިނުމުން ބަލީގެ ކޭސްތައް އިތުރުވާނެ ކަމަށް ލަފާކުރިކަމަށެވެ. އެހެންނަމަވެސް، ރާއްޖޭގައި މިހާރު ދިވެހިންގެ ކިބައިން ބަލިފެންނަ މިންވަރު ރިކޯޑް އަދަދަކަށް ފެނުމަކީ ކަންބޮޑުވާކަމެއްކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ. ލުއިތައް ދިނުމާއެކު ރައްޔިތުން ސަލާމަތީގޮތުން އެޅުމަށް އަންގާފައިވާ ފިޔަވަޅުތަކުގެ މަތިން ހަނދާން ނެތިފައިވާކަން ފާހަގަކުރައްވާ ޑރ. އަފްޒަލް ވިދާޅުވީ، ފްރަންޓް ލައިން މަސައްކަތްތެރިންގެ ތެރެއިން ކޯވިޑް-19 ބަލި ޖެހުނު މީހުންގެ އަދަދު މިހާތަނަށް ރާއްޖޭގައި އިތުރުނުވާ ރިކޯޑް އަދަދަކަށް އިތުރުވެފައިވާކަމަށެވެ. މިއާއެކު ބަލީގެ ޙާލަތާއި ގުޅޭގޮތުން ފިޔަވަޅުތަކަށް ބަދަލުގެނައުމަށް އެހެނިހެން އިންޑިކޭޓަރސް ހުރިގޮތް ބަލަމުންދާކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

"ފުރަބަންދުގެ ފިޔވަޅުތަކަށް ބަދަލުގެންނާނީ ހަމައެކަނި ބަލި ޖެހޭ މިންވަރު އިތުރުވާ ވަރަކުން ނޫން. އެނދުމަތިކުރާ މީހުންގެ އަދަދާއި. ބޮޑުވަރުވާ މީހުންފަދަ އިންޑިކޭޓަރސް ހުންނާނެ. މިހާރު މި އިންޑިކޭޓަރސް ރިވިއުކުރުމުގެ މަސައްކަތް ދަނީ ކުރަމުން. އަޅުގަނޑު ފާހަގަކޮށްލަން ކޯވިޑް-19 ބަލި ޖެހުނު ފްރަންޓް ލައިން މަސައްކަތްތެރިންގެ އަދަދު ރިކޯޑް އަދަދަކަށް އިތުރުވެފައިވާކަމަށް. ފްރަންޓްލައިން ވޯކަރސްގައި ހިމެނެނީ ސިއްޙީ ދާއިރާގައި އުޅޭ ފަރާތްތައް އެކަންޏެއް ނޫން. މިފަދަ މީހުންގެ ގޮތުގައި މިވަގުތު ޚިދުމަތް ފޯރުކޮށްދިނުމަށް ނިކުންނަންޖެހޭ އެންމެހާ ފަރާތްތައް ހިމެނޭ" ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރު ބަލިޖެހޭ މީހުންގެ ތެރޭގައި ދިވެހިންގެ ނިސްބަތް ރާއްޖޭގެ ކޯވިޑް-19ގެ ޙާލަތު އެންމެ ގޯސްވިއިރު އޮތް ޙާލަތާއި ހަމައަށް އަރާފައިވާކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ވިދާޅުވެފައެވެ. ރާއްޖޭގައި ދިވެހިންގެ ކިބައިން ކޯވިޑް-19 މީގެ ކުރިން އެންމެ ގިނައިން ފެނިފައިވަނީ މެއި މަހުގެ ތެރޭގައެވެ. އެގޮތުން މެއި މަހުގެ 5 ވަނަ ދުވަހު ރާއްޖެއިން ޕޮޒިޓިވްވި ދިވެހިންގެ ޢަދަދު 200އަށްވުރެ މައްޗަށް އަރާފައިވާއިރު، މެއި މަހުގެ 27ގައި މި އަދަދު ވަނީ 500 އަށްވުރެ މައްޗައް އަރާފައެވެ. މިހާތަނަށް އައިރު ރާއްޖޭގައި މިބައްޔަށް ޕޮޒިޓިވްވި ދިވެހިންގެ އަދަދު އުޅެނީ، 1488ގައެވެ.

އެޗްއީއޯސީއިން ވަނީ މީގެ ކުރީގައި ބިދޭސީންގެ މެދުގައި ބަލިފެތުރޭ މައިގަނޑުތަންތަނުގެ ގޮތުގައި ފާހަގަކުރެވިފައިވާ އެއްވެސް ކޮންޓެއިންމެންޓް ސައިޓެއް މިވަގުތު ރާއްޖޭގައި ނެތްކަމަށް ވިދާޅުވެފައެވެ.