އިންޑިއާގެ ކޯޓަކުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ޗައިނާގެ އަލީބާބާ ކުންފުނީގެ ބާނީ ޖެކް މާ ކޯޓަށް ހާޒިރުވުމަށް އަންގައިފިއެވެ. 
ޗައިނާގެ އަލީބާބާ ކުންފުނީގެ ބާނީ ޖެކް މާ އިންޑިއާގެ ކޯޓަކަށް ހާޒިރުވުމަށް އަމުރު ނެރެފައި މިވަނީ އިންޑިއާއާއި ޗައިނާގެ ދެމެދުގައި ގުޅުން ގޯސްވެ، އެއް ޤައުމުން އަނެއް ޤައުމަށް ދަތިކުރުމަށް ފިޔަވަޅުތައް އަޅަން ފަށާފައިވަނިކޮށެވެ. 
ދިއްލީގެ ގުރުގްރަމްގެ ޑިސްޓްރިކްޓް ކޯޓުގައި ބަލަން ފަށާފައިވާ އަލީބާބާއާ ގުޅޭ މައްސަލައަކީ، އެކުންފުނީގެ އިންޑިއާގެ އޮފީހެއްގައި މަސައްކަތްކުރާ މުވައްޒަފަކު ޤަވާއިދާ ޚިލާފަށް ވަޒީފާއިން ވަކިކުރި މައްސަލައެކެވެ. ވަޒީފާއިން ކަނޑާލި މުވައްޒަފު ތުހުމަތުކުރާ ގޮތުގައި، އޭނާ ވަޒީފާއިން ކަނޑާލީ އަލީބާބާގެ ބައެއް އެޕްލިކޭޝަންތަކުގައި ޗައިނާއާ ދެކޮޅަށް ހުންނަ ތަކެތި ނެގުމަށް ދެކޮޅަށް ހެދުމުންނެވެ. 
މިމައްސަލައާ ގުޅިގެން ޖެކް މާގެ އިތުރުން، އަލީ ބާބާ ކުންފުނީގެ އެކި ޑިޕާޓްމަންޓްތަކުގެ ވެރިންނާއި ވަކި ވަކި މުވައްޒަފުން މިމަހުގެ 29 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމަށް ވަނީ އަމުރު ނެރެފައެވެ. އަދި މިމައްސަލައާ ގުޅިގެން 30 ދުވަހުގެ ތެރޭގައި ލިޔުމުން ޖަވާބުދާރީވުމަށްވެސް ކޯޓު އަމުރުގައިވެއެވެ. 
މިމައްސަލައިގައި އަލީބާބާ ކުންފުނިންވެސް އަދި ޖެކްމާވެސް ރަސްމީކޮށް އެއްޗެއް ބުނެފައެއްނުވެއެވެ. 
އަލީ ބާބާގެ ވެރިން އިންޑިއާގެ ކޯޓުތަކަށް ހާޒިރުކުރަން ނިންމާފައިވާއިރު، މިއީ އިންޑިއާއާއި ޗައިނާގެ ދެމެދު ފެށިފައިވާ އަރާރުމަށް އިތުރުވި ބޮޅެކެވެ. އިންޑިއާއާއި ޗައިނާއާ ދެމެދު އުފެދިފައިވާ އަރާރުމުގެ ތެރެއިން، މިދިޔަމަހު އިންޑިއާއިން ވަނީ ޗައިނާގެ 59 އެޕްލިކޭޝަން އިންޑިއާގައި ބޭނުންކުރުން މަނާކޮށްފައެވެ.