މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު ޗައިނާއިން ފެތުރެންފެށި ކޯވިޑް-19ގެ ނުރައްކަލަށް އެންމެ ބޮޑަށް ހުށައެޅިފައިވާ އެއްބަޔަކީ މިބައްޔާ ދެކޮޅަށް މަސައްކަތްކުރައްވާ ސިއްޙީ ޚިދުމަތްތެރިންނެވެ. އެގޮތުން ރާއްޖޭގައިވެސް މިބަލީގެ ނުރައްކާ އެންމެ ބޮޑަށް އޮތް އެއްބަޔަކީ ރާއްޖޭގައި ކޯވިޑް-19އާއި ދެކޮޅަށް ރެއާއި ދުވާލު މަސައްކަތްކުރައްވަމުންގެންދަވާ ސިއްޙީ ޚިދުމަތްތެރިންނެވެ. އެގޮތުން މިވަގުތު މާލޭގައި ކޮމިއުނިޓީ ސްޕްރެޑެއް އުޅޭއިރު ފެތުރޭ ނިސްބަތްވެސްވަނީ ފާއިތުވި ދުވަސްތަކުގައި އިތުރުވެފައެވެ. މިއީ ނުރައްކަލެއްގެ މަލަމަތިކަމަށް ތަޖުރިބާކާރުން އަންނަނީ ވިދާޅުވަމުންނެވެ. ސަބަބަކީ ރާއްޖޭއަކީ އިންސާނީ ވަޞީލަތް މަދު ޤައުމަކަށްވާއިރު މިޙާލަތު އިތުރަށް ގޯސްވެއްޖެނަމަ ސިއްޙީ ދާއިރާއަށް ބޭނުންވާ މީހުންވެސް ރާއްޖޭގައި ނެތްކަމެވެ. އެހެންކަމުން ކޭސްތައް އިތުރުވެ ސިއްޙީ ޚިދުމަތްތެރިންނަށް އޮތް ޕްރެޝަރު ބޮޑުވެދާނެ ޙާލަތަކަށް ދިޔުމުގެ ފުރުސަތު ބޮޑުވެއްޖެއެވެ.
#StayHome
— Ahmed Faisal (@Faisalnaifaru) May 3, 2020
we need to #savenonCOVID patients as well with our limited staffs. Already some medical staffs are quarantined. Manpower is getting scarce. ?? pic.twitter.com/984UtLjtl5
ރާއްޖޭގައި ޓެސްޓިން ކެޕޭސިޓީ އިތުރުކޮށްފައިވީނަމަވެސް މިކަންކުރުމަށް ބޭނުންވާ އިންސާނީ ވަޞީލަތް ރާއްޖޭގައި މަދެވެ. ކޯވިޑް-19ހުރިތޯ ދެނެގަތުމަށް ޓެސްޓުކުރުމަށް ސާމްޕަލް ނެގުމަށް މަސައްކަތްކުރާ ގިނަ މީހުންނަކީ އަމިއްލައަށް މިނުރައްކަލަށް ހުށައެޅިގެން ޤައުމަށްޓަކާ އިންސާނިއްޔަތަށްޓަކާ މަސައްކަތްކުރަމުން އަންނަ ވޮލަންޓިއަރުންނެވެ. އަދި މިވަގުތު މިކަމަށް އޮތް ނުރައްކާ ބޮޑުވުމުގެ ސަބަބުން އަމިއްލައަށް މިކަމަށް ކުރިމަތިލާން ބޭނުންވާ ކުދިން މަދުކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ވިދާޅުވެއެވެ. އެހެންކަމުން ޓެސްޓު ކުރެވޭ އިންސައްތަ އިތުރުނުކުރެވި އެއްވަރެއްގައި ހިފެހެއްޓިފައި އޮތް ދަނޑިވަޅެއްގައި ފަރުދީ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް ނާޅައިފިނަމަ ބަލި އޮތް މިންވަރު ދެނެގަތުމަށްވެސް ގޮންޖެހުންތަކާ ކުރިމަތިވާނެއެވެ.
ކޯވިޑް-19އަށް ޓެސްޓު ހެދުމަށް ސާމްޕަލް ނެގުމުގައި ޙަރަކާތްތެރިވާ ފަރާތަކުން އަންނަނީ ކޭސްތައް އިތުރުވުމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި ސާމްޕަލް ނެގުމުގައި އުޅެންޖެހޭ ވަގުތު އިތުރުވެ އަމިއްލަ ސިއްޙަތަށްވެސް އޭގެ ގެއްލުންވަމުންދާކަމަށް އެފަރާތްތަކުން އަންނަނީ ފާހަގަކުރައްވަމުންނެވެ. އަދި މިކަމުން އަވަހަށް އަރައިގަތުމަށް ގައިދުރުކަން ކަށަވަރުކުރުމަށްވަނީ އިލްތިމާސްކުރައްވާފައެވެ.
These + cases are as a result of last week’s our behaviour.
— Dr. Mohamed Ali (@Moxamedalu) July 11, 2020
It might still go up. If u want to reduce the cases in the upcoming weeks,pls limit ur exposure.
You may be healthy,u may not become sicker.
Think about elderly parents, think about ur loved ones with other diseases
ރާއްޖޭގައި ފުރަބަންދަށް ދީފައިވާ ލުއިތަކާއެކު މިހާރު ކޭސްތައް އިތުރުވެފައިވާއިރު ފަރުވާދޭން ޖެހޭ މީހުންނާއި ބަލީގެ ސަބަބުން ސީރިއަސް ޙާލަތަށް ދާމީހުންގެ ނިސްބަތްވެސް މިއާއެކު އިތުރުވާނެކަމަށް މީގެކުރިންވެސް ޑޮކްޓަރުން އައީ ވިދާޅުވަމުންނެވެ. އެހެންކަމުން ޚިދުމަތް ކުރުމަށް ތިބި ސިއްޙީ މަސައްކަތްތެރިންނަށް ކުޅަދާނަ ނުވާ މިންވަރަށް ދިޔުމުގެ ފުރުސަތު މިހާރުމިވަނީ ބޮޑުވެފައެވެ. ޚިދުމަތްތެރިން މަދުވުމުގެ ސަބަބުން އެފަރާތްތަކަށް އުފުލަންޖެހޭ ތަކުލީފާއި ފަރުވާ ދިނުމުގައި ދަތިތަކާއި ކުރިމަތިވާނެއެވެ.
So many positive patient transfers now. Can you all practice physical distancing. Pretty please ?
— Nakko (@nakkoisfound) July 26, 2020
My arthritic joints are on fire today after being in PPE for hours and traveling so much.
ކޯވިޑް-19ގެ ކޭސްތައް މާލެއިން ފެނުމާ ގުޅިގެން މުޅި ޤައުމު ފުރަބަންދަކަށް ދިޔުމުގެ ކުރިންވެސް ބަލިން ރައްކާތެރިވުމަށް ސިއްޙީ އެހީތެރިންއައީ އާދޭސްކުރައްވަމުންނެވެ. ކޮންމެހެން ދާން ނުޖެހޭނަމަ ބޭރަށް ނުގޮސް ގޭގައި މަޑުކުރުމަށް އާދޭސްކުރެއްވިއެވެ. ބޭރުގައި އުޅޭއިރު މާސްކު ބޭނުންކުރުމަށާއި އިޖުތިމާޢީ ގައިދުރުކަން ކަށަވަރުކުރުމަށް އާދޭސްކުރެއްވިއެވެ. މިއަދުވެސް އެފަރާތްތަކުގެ ޝުޢޫރުތައް ހުރީ މިފަދަ ގޮތަކަށެވެ. މުޅި ޤައުމަށް އައި މިނިވަންދުވަހާއި ކުރިއަށް އޮތް ޢީދު ބަންދުގައިވެސް އެއްވެސް ލުއިކަމެއް ނެތި މަސައްކަތަށް ސިއްޙީ އެހީތެރިން ނިކުންނަވާނެއެވެ. މިފަދަ އެތައް ޝުއޫރުތަކެއްގެ ތެރެއިންވެސް ސިއްޙީ އެހީތެރިންގެ ފަރާތުން މިދުވަސްވަރުވެސް ފެންނަނީ އަނެކުންނަށް ރައްކާތެރިވުމަށް ނަސޭޙަތްތެރިވާތަނެވެ.