ޚަބަރު

ކޯވިޑް-19 : އިތުރު 50 މީހުން ޕޮޒިޓިވް، ފަރުވާދޭ މީހުންގެ ޢަދަދު 700އިން މައްޗަށް


އިތުރު 50 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެ ބަލިޖެހިގެން ފަރުވާދޭ މީހުންގެ ޢަދަދު 700އިން މައްޗަށް އަރައިފިއެވެ.

އެޗްޕީއޭއިން މިރޭ ޢާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން ރޭގެ އިރުއޮއްސި 6އިން މިރޭގެ 6 އާ ހަމައަށް ޕޮޒިޓިވްވި 50 މީހުންގެ ތެރޭގައި 34 ދިވެހިންނާއި ބަންގްލަދޭޝްގެ 14 މީހެއްގެ އިތުރުން އިންޑިއާއަށް ނިސްބަތްވާ 2 މީހުން ހިމެނެއެވެ. މިއާއެކު ރާއްޖެގައި ކޯވިޑް-19 ޖެހުނު މީހުންގެ ޖުމްލަ ޢަދަދުމިވަނީ 3,302އަށް އިތުރުފައެވެ.

ރާއްޖެއިން ކޯވިޑް-19 ފެނުނުތާ މިއަދަށް 141 ދުވަސްވެފައި ވާއިރު މީގެކުރިން ރާއްޖޭގައި އެންމެ ގިނައިން ޕޮޒިޓިވްވެފައިވަނީ ބަންގްލަދޭޝަށް ނިސްބަތްވާ މީހުންނެވެ. ނަމަވެސް މިހާރު މިވަނީ ބަލިޖެހުނު ދިވެހިންގެ ޢަދަދު އެއަށްވުރެ އިތުރުވެފައެވެ. އެގޮތުން 1488 ދިވެހިން މިހާރު ޕޮޒިޓިވްފައިވާއިރު، ބަންގްލަދޭޝްއަށް ނިސްބަތްވާ މީހުން ޕޮޒިޓިވްވެފައިވާ ޢަދަދަކީ 1458އެވެ.

އިއްޔެވަނީ ރާއްޖޭގައި ރެކޯޑް ޢަދަދަކަށް ދިވެހިން ޕޮޒިޓިވްވެފައެވެ. އިއްޔެ ޕޮޒިޓިވި 77 މީހުންގެ ތެރޭގައި 56 ދިވެހިން ހިމެނެއެވެ. މިއަދުގެ ޕޮޒިޓިވް ކޭސްތަކާއެކު ބަލިޖެހިގެން ފަރުވާދޭ މީހުންގެ ޢަދަދު މިހާރުއުޅެނީ 738 ގައެވެ.

މިއަދު މިބަލިން އެއްވެސް މީހަކު ބަލިން ރަނގަޅުނުވާކަން އެޗްޕީއޭއިން ހާމަކުރެއްވިއެވެ. މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ޝިފާލިބުނު މީހުންގެ ޢަދަދު 2534އަށް މިވަނީ އަރާފައެވެ. ބަލި ހުރިތޯ ބެލުމަށް ނެގި ސާމްޕަލްތަކުގެ ޢަދަދުމިވަނީ 72961 އަށް އިތުރުވެފައެވެ.

މިބަލިޖެހިގެން މިހާތަނަށް 15 މީހުން ރާއްޖޭގައި ނިޔާވެފައިވާއިރު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ ޢަދަދުވެސް އިތުރުވަމުންދާކަން ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ވިދާޅުވެފައެވެ.