ޚަބަރު

ކޯވިޑް-19: މިހާތަނަށް ޕޮޒިޓިވްވި ދިވެހިންގެ ޢަދަދު ނިސްބަތުން އިތުރުވެއްޖެ


މިހާތަނަށް ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ނިސްބަތަށް ބަލާއިރު ދިވެހިންގެ އަދަދު 44 އިންސައްތައަށްވުރެ އިތުރުވެއްޖެއެވެ. މިއާއެކު ރާޢްޖެއިން މިހާތަނަށް އެންމެ ގިނައިން މި ބައްޔަށް ޕޮޒިޓިވްވި ބަންގްލަދޭޝްގެ މީހުންނަށްވުރެ ދިވެހިންގެ އަދަދު ވަނީ އިތުރުވެފައެވެ.

ރާއްޖެއިން މިހާތަނަށް 1488 ދިވެހިން ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާއިރު، ރާއްޖެއިން ދެން އެންމެ ގިނައިން މި ބައްޔަށް ޕޮޒިޓިވްވެފައިވަނީ ބަންގްލަދޭޝްހެ މީހުންނެވެ. އެގޮތުން ބަންގްލަދޭޝްގެ 1458 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. ރާޢްޖެއިން މި ބައްޔަށް ޕޮޒިޓިވްވި ބިދޭސީންގެ އަދަދަކީ 1814އެވެ.

ރާއްޖެއިން މީގެ ކުރިން އެންމެ ގިނައިން މި ބަލި ޖެހެމުން އައީ ބަންގްލަދޭޝް މީހުންނަށެވެ. އެހެންނަމަވެސް މި ތަފާސް ހިސާބުތަކަށް ބަލާއިރު މިހާރު މިވަނީ ދިވެހިންގެ އަދަދު ބަންގްލަދޭޝް މީހުންނާ އަޅާބަލާއިރު 30 މީހުން އިތުރުވެފައެވެ. ބަންގްލަދޭޝްގެ މީހުން ފިޔަވައި ދެން އެންމެ ގިނައިން މި ބަލި ޖެހިފައިވަނީ އިންޑިއާގެ ރައްޔިތުންނަށެވެ. ރާއްޖޭގައި ދިރިއުޅޭ އިންޑިއާގެ 258 މީހަކަށް މިހާތަނަށް އައިރު ވަނީ ބަލި ޖެހިފައެވެ.

ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ފުރަބަންދަށް ދިން ލުއިތަކާއެކު ދުވަހެއް ދުވަހަކަށް ބަލި ޖެހޭ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. އަދި ދިވެހިންނަށް މި ބަލި ޖެހޭ މިންވަރުވެސް ދަނީ އިތުރުވަމުންނެވެ. މިހާރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ މީހުންގެ ނިސްބަތްވެސް އިތުރުވަމުން އަންނަކަން ފާހަގަކުރެވެއެވެ. އެގޮތުން މިހާރު 57 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާކަމަށް އެޗްޕީއޭއިން ވަނީ ވިދާޅުވެފައެވެ.

ފުރަބަންދުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތައް ދިންނަމަވެސް ޑޮކްޓަރުންނާއި ސިއްޙީ މާހިރުންނާއި އެޗްޕީއޭއިންވެސް ދަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުވުމަށް އާންމުންނަށް އިލްތިމާސް ކުރަމުންނެވެ. ރާއްޖޭގައި މި ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދަނީ ގަސްތުގައި ނޫންނަމަވެސް ފަރުވާކުޑަކުރެވުމާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތަކަށް ސަމާލުކަން ނުދެވުމުންނެވެ.