ޚަބަރު

ދިވެހިންނަކީ އަޅުވެތިކަމަށް ރުހޭނެ ބައެއްނޫން: އިމްރާން


ދިވެހި ރައްޔަތުންނަކީ އަޅުވެތިކަމަށް ރުހޭނެ ބައެއްނޫންކަމަށް މިނިސްޓަރ އޮފް ހޯމްއެފެއާޒް އައްޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އެމަނިކުފާން މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދިވެހިރާއްޖޭގެ މިނިވަންކަމަށް 55 އަހަރު ފުރުމުގެ މުނާސަބާގައި ޢާއްމުކުރެއްވި ތަހުނިޔާގެ މެސެޖްގައެވެ.

މިނިސްޓަރ އިމްރާންގެ މެސެޖުގައި ވިދާޅުވީ ދިވެހިރާއްޖޭގެ ތާރީޚަށް ބަލާއިރު ގިނަ ޒަމާންތައް ދިވެހިން ހޭދަކޮށްފައިވަނީ މިނިވަންކަން މަތީގައިކަމަށެވެ. އިންސާނުންގެ އުފާފާގަތި ކަމާއި، އަބުރުވެރި ކަމާއި، ހިތްހަމަޖެހުން ބިނާވެފައި ވަނީ މިނިވަންކަމުގެ އަގުހުރި ޖައުހަރުގެ މައްޗަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މިނިވަންކަމަކީ އިންސާނުންނަށް މާތްﷲ ދެއްވާ ވަރަށް އަގުބޮޑު ނިޢުމަތެއް ކަމަށާއި، މިނިވަންކަމުގެ އަގު ފުރިހަމައަށް ވަޒަން ކުރެވެނީ މިނިވަންކަން ގެއްލިގެންދިއުމުންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިއަދުގެ ހާލަތަށް އިޝާރާތްކުރައްވާ މިނިސްޓަރ އިމްރާން ވިދާޅުވީ، މިއަހަރުގެ މިނިވަންދުވަސް ބައްދަލު މިކުރީ ގޭބަންދާއި، ރަށުބަންދާއި، ތަފާތު އެކިއެކި ބަންދުތަކުގެ ސަބަބުން ތަފާތު އިހްސާސްތަކެއް ކުރެވެމުންދާ ދަނޑިވަޅެއްގައިމަށެވެ. މިފަދަ ހާލަތްތަކުގައި އިޤްޠިޞާދީ ގޮތުންނާއި، އިޖުތިމާޢީ ގޮތުން ކުރިމަތިވާ ބޮޑެތި ދަތިތައްވެސް އަޅުގަނޑުމެން މިއަދު ތަހައްމަލުކުރަން ޖެހިފައިވާކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑު އެދެނީ އަޅުވެތިކަމާ ދެކޮޅަށް ކާބަފައިން ކުރައްވާފައިވާ އަގުހުރި ޖިހާދުގެ މަތިން ހަނދުމަކޮށް ކޯވިޑް19 ގެ ދަތިހާލަތުން އަރައިގަތުމަށް ކަމާގުޅޭ ފަރާތްތަކުގެ އިރުޝާދާއެކު ހުރިހާ އެންމެން ގުޅިގެން އެކުގައި މަސައްކަތްކުރުމަށް" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އިމްރާން ވަނީ. މިނިވަން ދުވަހުގެ އުފާވެރި ތަހުނިޔާ ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށާއި، ހުރިހާ ދިވެހި ލޮބުވެތި ރައްޔިތުންނަށް ފޮނުއްވާފައެވެ.