ޚަބަރު

ޤައުމުގެ މިނިވަންކަމުގެ ޙިމާޔަތުގައި ދިވެހި ސިފައިން ދެމިތިބޭނަން: މާރިޔާ


ދިިވެހި ޤައުމާއި އިސްތިޤްލާލްގެ ދިފާޢުގައި ދިވެހި ސިފައިން އަބަދުވެސް ދެމިތިއްބަވާނެކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ މިނިވަންކަމަށް 55ވަ އަހަރު ފުރުމުގެ މުނާސަބަތާގުގައި އެކަމަނާ ދެއްވި މެސެޖުގައި ވިދާޅުވީ އަޅުގަނޑުމެން މިއަދު މިދެކޭ މިނިވަންކަމުގެ ސިއްރަކީ ކާބަފައިން ގެންގުޅުއްވި ޙިކުމަތު ޢަމަލީކަމަށެވެ. އަދި އެބޭފުޅުންގެ މިންނެތް މަސައްކަތުން ހޯއްދަވައިދެއްވި މިނިވަންކަން އަންނަން އޮތް ޖީލުތަކާއި ހަމައަށް ވާސިލްކޮށްދިނުމުގައި އަޅުގަނޑުމެންގެ ދަޢުރު ބޮޑުކަމަށެވެ.

ޑިފެންސް މިނިސްޓަރ މާރިއާ ވިދާޅުވި މިނިވަންކަން ދެމެހެއްޓުމަކީ އެންމެންގެ ޤައުމީ ވާޖިބެއްކަމަށެވެ. އަދި މި ވާޖިބު އަދާކުރުމުގައި އެންމެ އިސް ދަޢުރެއް އަދާކުރާ އެއްބަޔަކީ ދިވަހި ސިފައިންކަަމަށެވެ. ކުރިންވެސް އަދި މިިހާރުވެސް ޤައުމުގެ ޙިމާޔަތުގައި ދިވެހި ސިފައިން ވަމުންދާ ޤުރުބާނީ ބަލައިގަންނަކަމަށާއި، އެކަމަށް ޝުކުރު އަދާކުރައްވާކަމަށް އެކަމަނާ ވިދާޅުވިއެވެ.

ޑިފެންސް މިނިސްޓަރ މާރިޔާ ވިދާޅުވީ، ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލު ދެމެހެއްޓުމުގައި ދިވެހި ސިފައިން އަބަދުވެސް ދެމިތިއްބަވާނެކަމަށެވެ. އަދި މިނިވަން މުސްތަޤިއްލު ގައުމެއްގެ ގޮތުގައި އޮތުމަށް ކުރާ މަސައްކަތުގައި އަބަދުވެސް ޙިއްސާވާނެކަމަށް އެކަމަނާ ވިދާޅުވިއެވެ.

ޑިފެންސް މިނިސްޓަރ މާރިޔާވަނީ ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ ތަޙުނިޔާ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ފޮނުއްވާފައެވެ.