ރިޕޯޓް

އެއްވެސް ޤައުމަކަށް، އެކަހެރިވެގެން ނޫޅެވޭނެކަން، މިވަނީ ސާބިތުވެފައި: ރައީސް


އެއްވެސް ޤައުމަކަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން އެކަހެރިވެގެން ނޫޅެވޭނެކަން ވަރަށް ރަނގަޅަށް ސާބިތުވެއްޖެކަމަށާއި، ކޯވިޑް-19ގެ ތެރެއިންވެސް މިޙަޤީޤަތް އިތުރަށް ޔަޤީންވެއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ މިނިވަންކަމަށް 55 އަހަރު ފުރުމުގެ މުނާސަބަތުގައި ޤައުމާ މުޚާޠަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ޤައުމާ މުޚާޠަބު ކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، ބައިނަލްއަޤްވާމީ މުޖްތަމައުގައި ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ޙިމާޔަތްކުރާނީ ސުލްހަވެރިކަމާއި ހަމަޖެހުމުގެ މައްޗަށް ބިނާވެފައިވާ ޚާރިޖީ ގުޅުންތަކުގެ ތެރެއިންކަމަށެވެ. އަދި މިނިވަން ޤައުމެއްގެ އުފަލާއި ފަހުރުވެރިކަން ފާހަގަކުރާއިރު، ބައިނަލްއަޤްވާމީ މުޖްތަމަޢުގައި، އެހެން ޤައުމުތަކާ އެކުގައި ކުރަންޖެހޭ މަސައްކަތްތަކުގެ މުހިންމުކަން މިއަދު އިތުރުވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ބައިނަލްއަޤްވާމީ މުޖްތަމަޢުން ދުނިޔޭގެ އެއްވެސް ޤައުމަކަށް، އެކަހެރިވެގެން ނޫޅެވޭނެކަން ވަރަށް ރަނގަޅަށް ސާބިތުވެއްޖެކަމަށާއި، ކޯވިޑް-19 އާއެކު މި ހަޤީޤަތް އިތުރަށް ޔަޤީންވެއްޖެކަމަށެވެ.

"އެއްވެސް ޤައުމަކަށް، ބައިނަލްއަޤްވާމީ މުޖްތަމަޢުން އެކަހެރިވެގެން ނޫޅެވޭނެކަން، މިވަނީ ވަރަށް ރަނގަޅަށް ސާބިތުވެފައި. ތިމާވެށީގެ ގެއްލުންތަކުން ދުނިޔެ ސަލާމަތް ކުރުމުގައިވެސް، މަސައްކަތްކުރަންޖެހިފައި މިވަނީ، ހުރިހާ ޤައުމުތަކެއް އެކުވެގެން އެއް ވިސްނުމެއްގައި. ޓެރަރިޒަމްގެ ނުރައްކާ ކުރިމަތިނުވާ އެއްވެސް ޤައުމެއް މިހާރަކު ނެތް މި ނުރައްކަލުން ދުނިޔެ ސަލާމަތް ކުރެވޭނީ، ހުރިހާ ޤައުމުތައް އެކުގައި، މިހާރަށް ވުރެ ބޮޑަށް ޞުލްޙައަށް މަސައްކަތް ކޮށްގެން. އަޅުގަނޑުމެން ދިވެހިން މިތިބީ، މިހުރިހާ ކަމެއްގައި ވެސް، ދުނިޔޭގެ އެހެން ޤައުމުތަކާ އެކުގައި މަސައްކަތް ކުރަން ތައްޔާރަށް." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްޙޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، މިނިވަންކަމުގެ ދަތުރުގައި 55 އަހަރު ހޭދަކުރެވުނު އިރު، ތަރައްޤީގެ ސަމުގާއިން، ދެން އަމާޒު ހިފަންވީ ކޮން މިސްރާބަކަށް ކަން، އަޅުގަނޑުމެން އެކަކަށްވެސް އޮޅިގެން ނުވާނެކަމަށެވެ. އަދި މިއަދު ކޮންމެ ދިވެއްސެއްގެ ވިސްނުން ބަހައްޓަންވީ، ޤައުމު ކުރިއަރުވައި ތަރައްޤީ ކުރުމުގައި، ފަރުދީ ޒިންމާ އަދާކުރުމަށްކަމަށެވެ. އެކަން އަޅުގަނޑުމެންނަށް ޙާޞިލްކުރެވޭނީ، ތަރައްޤީއަކީ ތިމާގެ ޒާތީ ދިރިއުޅުމުގެ އެއްބައިކަމަށް ޤަބޫލުކޮށް، އެމަގަށް ފަރުދުންގެ ދިރިއުޅުން ބައްޓަންކޮށްގެންކަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ޙަޤީޤީ ދިރިއުޅުމަކީ، ފަސްމަގުގެ މޯހިރަށް ގެއްލިގެންދާ ދުވަހަށް ވުރެ، ކުރިމަގުގެ އުދަރެހުން އަލިވިލޭ ކޮންމެ ދުވަހަކާއެކު، ތިމާގެ އަމިއްލަ ދިރިއުޅުމުގައި އައު ބަދަލުތަކަށް އުންމީދުކުރެވޭ ދިރިއުޅުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ތަރައްޤީއާ ފައިހަމަވާ ދިރިއުޅުމެއް ހޯދޭނީ، ދިރިއުޅުމަކީ ލިބޭ އާމްދަނީއަކުން ބަނޑުފުރާނަ މުއްތިކޮށްލުން ކަމަށް ދެކޭ ދެކުން ބަދަލުކޮށްގެން، އަބަދުވެސް އިއްޔެއަށް ވުރެ މިއަދު ތަރައްޤީކޮށް، އަދި އެއަށް ވުރެ ފާގަތި މާދަމާއަކަށް މަސައްކަތް ކޮށްގެން، ޙަޔާތުގެ ފިޔަވަޅުމަތީ ހުއްޓި ނުހުރެ، ބަދަލުވުމުގެ ރާސްތާގައި ކުރިއަށް ގޮސްގެން، ކޯވިޑް-19ގެ ސަބަބުން ޤައުމީ ތަރައްޤީއަށް ކުރިމަތިވެފައިވާ ހުރަސްތައް ގިރާކުރެވޭނީ، ރާއްޖޭގެ އިންސާނީ ވަސީލަތްތައް، ވަރަށް ހަލުވިމިނެއްގައި ތަރައްޤީކޮށް، އެ ވަސީލަތްތަކުގެ ބޭނުން ފުރިހަމައަށް ހިފައިގެން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ޤައުމާ މުޚާޠަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، ރާއްޖޭގެ އިންސާނީ ވަސީލަތްތައް ތަރައްޤީކޮށް އިޤްތިޞާދު ކުރިއެރުވޭނީ ޤައުމީ ތަރައްޤީގެ ސިޔާސަތުގައި، މީހުން ބިނާކުރުމަށް ޚާއްޞަ އިސްކަމެއްދީގެންކަމަށެވެ. އަދި ޤައުމުގެ އިޤްތިޞާދީ އަދި ސިޔާސީ މިނިވަންކަން ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ސަރުކާރާއި ރައްޔިތުން އެކުގައި އެއް ޢަޒުމެއްގައި މަސައްކަތްކުރުން މުހިއްމުކަން ފާހަގަކުރައްވާ، އެންމެން ގުޅިގެން ކުރެވޭ މަސައްކަތުން މި ނަތީޖާ ޙާޞިލުކުރުމަކީ މާ އުނދަގޫ ކަމެއް ނޫންކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، ދިވެހިންގެ ފަހުރުވެރި ޤައުމީ ޝަޚުޞިއްޔަތުގެ ބިންގަލަކީ، މާތްވެގެންވާ އިސްލާމްދީންކަމަށާއި، އެ ބިންގަލުގެ މަތީގައި ދިވެހި ޤައުމިއްޔަތުގެ ބިނާ، އާރާސްތުކޮށްދިން ތަނބުތަކަކީ، ދިވެހިވަންތަކަމާއި ދިވެހިންގެ މާދަރީ ބަހާއި، ތާރީޚާއި އަޅުގަނޑުމެންގެ ސަގާފަތްކަމަށެވެ. އަދި މި ހުރިހާ ކަމެއް ލާމެހިގެން ގެތިފައިވާ ދިވެހި މުޖްތަމަޢުން، މި ސިފަތައް ގެއްލިގެން ދިޔުމަކީ ހަމަ އެކަކުވެސް އެދޭނެ ކަމެއްނޫންކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.