އަތޮޅުތައް

ހދ އަތޮޅުގައި މީހުން ބަދަލުކުރެވިދާނެ ދެ ރަށެއް އެބައޮތް


އާބާދީ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން ހދ އަތޮޅުގައި މީހުން ބަދަލުކުރެވިދާނެ ދެ ރަށެއް ފާހަގަކުރެވިފައިވާ ކަމަށް ހދ އަތޮޅު ކައުންސިލުން ބުނެފިއެވެ. އަތޮޅުތަކުގައި ކުރިއަށްގެންދާ އެންމެ ބޮޑެތި ހައުސިން މަޝްރޫއުތައް މިވަގުތު ކުރިއަށްދާ އެއް އަތޮޅަކީ ހދ އަތޮޅުކަން ފާހަގަކުރެވެއެވެ.ކުޅުދުއްފުއްޓާއި، ނޮޅިވަރަމްފަރާއި އަދި ހަނިމާދޫގައި ހަ ސަތޭކަ ތިރީސް ހައުސިން ޔުނިޓް ދަނީ އިމަރާތްކުރަމުންނެވެ. މީގެ ތެރެއިން ބައެއް ގެތައް ނިމި މިހާރުވަނީ މީހުން ދިރިއުޅެން ފަށާފައެވެ. ހދ އަތޮޅު ކައުންސިލްގެ ރައީސް އާދަމް ނާސިރު ވިދާޅުވީ އާބަދީ އެއްފަސްކުރުމާއި ގުޅޭގޮތުން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ރަސްމީ ސިފައެއްގައި އެ ކައުންސިލާއިއެކު ވާހަކަދައްކާފައިނުވި ނަމަވެސް އެކަމަކީ ސަރުކާރުން ވަރަށް އިސްކަންދޭ ކަމެއްކަން ފާހަގަކުރެވިފައިވާ ކަމަށެވެ. ހދ އަތޮޅަކީވެސް ގިނަ ރަށްތަކެއްގައި ކުދި އާބަދީތައް ދިރިއުޅެމުންދާ އަތޮޅަކަށްވުމާއެކު، ހދ އަތޮޅުގައި ހަދަމުންދާ ގެތަކަށް ބަދަލުކޮށްގެންނާއި، އަދި އިތުރު ގެތައް އަޅައިގެން އެއްފަސްކުރެވިދާނެ ކަމަށް ނާސިރު ވިދާޅުވިއެވެ. ހދ ފަރިދޫ، މާވައިދޫ އަދި ކުނބުރުދޫ މީހުން ނޮޅިވަރަމްފަރަށް ބަދަލުކޮށްގެން ކުރިއަށްގެންދިޔަ އެއްފަސްކުރުމުގެ މަޝްރޫއަކީ ވަރަށް ކާމިޔާބު މަޝްރޫއެއް ކަމަށާއި، ހިރިމަރަދޫ އަދި ފިނޭ ފަދަ ރަށްތަކަކީ މީހުން ބަދަލުކުރެވިދާނެ ދެ ރަށް ކަން ނާސިރު ފާހަގަކުރެއްވިއެވެ.  އަތޮޅުތަކުގައި ކުރިއަށްގެންދާ ހައުސިން މަޝްރޫއުތަކުގެ ތެރެއިން، ބޮޑެތި ރަށްތަކުގައި ހަދަމުންދާ ގެތަކަށް އާބާދީ ކުދި ރަށްތަކުން ބަދަލުވުމާއި ގުޅޭގޮތުން ޕީ.އެސް.އެމުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހައުސިން މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ އާބާދީ އެއްފަސްކުރުމުގެ ސިޔާސަތު ތަންފީޒު ކުރަމުންދަނީ ވަކި ރަށްތަކެއް ކަނޑައަޅައިގެން ނޫން ކަމަށާއި، ބޮޑަށް އެ ސިޔާސަތު ބިނާވެފައި އޮތީ ރައްޔިތުން އެދޭގޮތުގެ މައްޗަށް ކަމަށެވެ. އެ ސިޔާސަތު ބައްޓަންވެފައިވަނީ އާބާދީ ކުދި ކޮންމެ ރަށަކުންވެސް، ބިން ބޮޑެތި، އާބާދީ ބޮޑު ސަރަހައްދުތަކަށް ބަދަލުވެވޭ ގޮތަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިހާރު ކުރިއަށްދާ އާބާދީ އެއްފަސްކުރުމުގެ މަސައްކަތްތަކުގެ ތެރެއިން ހއ.މޮޅަދޫ މީހުން ހއ. ދިއްދޫގައި ހަދާފައިވާ ގެތަކަށް ބަދަލުކުރުމާއި ގުޅޭގޮތުން އަދި ވަކިގޮތަކަށް ސަރުކާރުން ނިންމާފައިނުވާ ކަމަށް ހައުސިން މިނިސްޓަރ ވިދާޅުވިއެވެ. އަދި ލ.ގާދޫ މީހުން ލ.ފޮނަދޫގައި ހަދާފައިވާ ގެތަކަށް ބަދަލުކުރުމާއި ގުޅޭގޮތުންވެސް މަސައްކަތްތަކެއް ކުރެވެމުންދާ ކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.