ޚަބަރު

ޤައުމީ ދިދަ: ޤައުމިއްޔަތުގެ ރަމްޒު


ޤައުމިއްޔަތެއްގެ އެންމެ މުހިއްމު ރަމްޒަކީ އެޤައުމެއްގެ ޤައުމީ ދިދައެވެ. ޤައުމެއްގެ މިނިވަންކަމާއި މުސްތަޤިއްލުކަން ދައްކުވައިދޭ ނިޝާނަކީވެސް އެ ބިމެއްގައި މިނިވަންކަންމަތީ ވިހުރި ވިހުރު ހުންނަ ޤައުމީ ދިދައެވެ.

އެންމެ ފަސޭހައިން ޤައުމު ސިފަކޮށްދޭ އެއްޗަކީވެސް ޤައުމީ ދިދައެވެ. މިގޮތުން ކޮންޤައުމެއްކަން ބުނެ ދިނުމަށް ހަމައެކަނި ނިޝާނެއްގެ ގޮތުގައިވެސް އެޤައުމެއްގެ ޤައުމީ ދިދަ ފުދެއެވެ.

އެހެން ޤައުމުތަކެކޭ އެއްފަދައިން ދިވެހިރާއްޖޭގެ ދިދައަކީވެސް ދިވެހިންގެ މިނިވަންކަމާއި ދިވެހިންގެ ޝަރަފާއި ފަޚުރު ރަމްޒުކޮށްދޭ އެއްޗެކެވެ. އެހެންކަމުން ޤައުމިއްޔަތުގެ ރަމްޒަކަށްވެސް ވެގެން ގޮސްފައިވަނީ ދިދައެވެ. މިކަން އަޅުގަނޑުމެން ޤައުމީ ސަލާމުންވެސް ހާމަވާނެއެވެ. ޤައުމީ ސަލާމުގެ 8 ބައިތުގެ ތެރެއިން ދެ ބައިތު ޚާއްޞަ ކުރެވިފައި ވަނީ ޤައުމީ ދިދައަށެވެ. ދުނިޔޭގައި ދިދައިގެ ތާރީޚް ފެށިފައިވަނީ އިންސާނީ ތާރީޚު ފެށުނު ހިސާބުންކަމަށް ބުނެވެއެވެ. އެންމެ ފުރަތަމަ ޤަބީލާތަކުގައި މީހުން އުޅުނުއިރުވެސް އެމީހުންނަކީ ކޮންބައެއްކަން ދައްކުވައިދޭން ހަނގުރާމަތަކުގައިވެސް ދިދަ ބޭނުންކުރިއެވެ.

ދިވެހިން ޤައުމީ ދިދަ ގެންގުޅެން ފެށުނު ތާރީޚެއް އެނގޭކަށެއް ނެތެވެ. ނަމަވެސް ދިވެހި ދިދައިގެ ގޮތުގައި ފުރަތަމަ ގެންގުޅެފައި ވަނީ ރަތްކުލައިގެ ފޮތިގަނޑެއްކަން އެނގެއެވެ. އަދި މިހާރު ހުރިގޮތަށް ދިވެހި ދިދަ ބޭނުން ކުރަން ފަށާފައިވަނީ 1965 ވަނަ އަހަރު ރާއްޖެއަށް މިނިވަންކަން ލިބުމަށް ފަހުގައެވެ.

ދިވެހި ޤައުމިއްޔަތުގެ އެންމެ މުހިއްމު ބަހާއަކީ ދިވެހި ދިދައެވެ. ދިވެހިންގެ ޤައުމީ ރޫޙު ދައްކުވައިދެނީ އެދިދައަށް ދިވެހިން ކުރާ އިހުތިރާމުންނެވެ. ޤައުމީ ކޮންމެ ކަމެއްގައި އެންމެން އެކީ ނުކުންނަނީ ދިވެހި ދިދަޔާއި އެކުގައެވެ. އެދިދަ ވިހުރުވާލުމަށެވެ.

ޤައުމީ އެކި މުނާޞަބާތަކާއި ކުޅިވަރުތަކުގައި ދިވެހިންގެ ޤައުމިއްޔަތުގެ ރޫހު ދިރުވައި އެއްބައެއްގެ ގޮތުގައި ދައްކުވައިދެނީ ދިވެހި ދިދައިންނެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި ދިވެހިރާއްޖޭގެ އެމްބަސީތަކާއި ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ޖަމިއްޔާތަކުގެ އޮފީސްތަކުގައި ދިވެހި ދިދަ ވިހުރެމުންދާ މަންޒަރު ފެންނަމުންދާއިރު، އެއިން ދޭހަ ކޮށްދެނީ ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ފަޚުރަކީ ފެއްސާއި ރަތާއި ހުދުގެ ދިވެހި ދިދަ ކަމެވެ.

ދިވެހިންގެ ޤައުމިއްޔަތުގެ ރޫޙު އެންމެ ބޮޑަށް ފެނިގެންދަނީ ދިވެހިން އެކަމަށް އެންމެ ލޯބިކުރާ ފުޓުބޯޅައިގެ ތެރެއިންނެވެ، އެގޮތުން ދިވެހި ޤައުމީ ޓީމު ޤައުމީ ދަނޑުގައި ކުޅޭ މެޗުތަކުންވެސް މިކަން ހާމަވެއެވެ. އަދި ވަކިން ޚާއްސަކޮށް މި މަންޒަރު ފެނިގެން ދިޔައީ 2008އަހަރާއި 2018 ވަނަ އަހަރު ރާއްޖެއިން ސާފް ޗެމްޕިއަންޝިޕްފގެ ރަން ތަށި ދިވެހި ފަސްގަނޑަށް ގެނައުމަށް ކުރި ދަތުރުގެތެރެއިނެވެ. އެދުވަހު ދިވެހި ދިދަ ޖަހާފައިވާ ޖޯޒީތަކުގައި ޤައުމީ ދަނޑު ފުރާލިއިރު، ދަނޑަށް ދާން ފުރުސަތު ނުލިބުނު ފަރާތްތައް ޤައުމީ ޓީމަށް ފޯރި ދިނުމަށް ޓީވީ ސްކްރީންތައް ކުރިމަތިން ދުރައް ނުގޮސް އެތައް ގަޑިއިރެއް ހޭދަކުރިއެވެ. އަދި ދިވެހިންގެ މި ހުވަފެން ޙަޤީޤަތަކަށްވެ ސާފު ޗެޕްމިއަންޝިޕްގެ ތަށި ރާއްޖެއަށް ގެނައި ދުވަސްތަކަކީ ދިވެހި ފަޒާ ދިވެހި ދިދަ ވިހުރުވާލީ ދުވަސްތަކެކެވެ. އެކިވަރުވަރުގެ ދިދައިން މާލެއާއި ރާއްޖޭގެ ރަށްތަކުގެ މަލަމަތި ޒީނަތްތެރިކޮށްލިއިރު، އެދުވަހު ދިވެހި ދިދަ ހިފައިގެން ދިވެހިން ތިބީ އުފަލުން ފޮޅިފައެވެ.

މިފަދަ މަންޒަރެއް އަޅުގަނޑުމެންނަށް އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ މިދިޔަ އަހަރު އިންޑިއަން އޯޝަން އައިލެންޑް ގޭމްސް، އައިއޯއައިޖީގެ ތެރެއިންންވެ. އެގޮތުން މި މުބާރާތުގައި ދިވެހި ޓީމުތަކުން ހޯދި ކާމިޔާބީގައި ހިތްވަރު ދިނުމުގައި އެތައް ބަޔަކު ތިއްބެވެ، އަދި މިކަމަށް އިތުރު ފުރިހަމަކަމެއް ގެނުވީ ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން މި މުބާރާތުގެ ބައިވެރިންނަށް ހިތްވަރުދެއްވުމަށް މުބާރާތްކުރިއަށްދިޔަ މޮރިޝަސްއަށް ވަޑައިގެން ހިޔްވަރު ދެއްވުމަށް ވަޑައިގަތުމެވެ. އެގޮތުން އެ ދުވަހު އެ ދެކނަބަލުން ޤައުމީ ދިދަ ޖެހި ޤައުމީ ޖާޒީ ތުރުކުރައްވައިގެން ޤައުމަށް ސަޕޯޓްކުރެއްވުމަށް ހުންނެވިއުރު އެ ދެކަނބަލުންގެ ކިބައިން ފެނިގެންދިޔައީ ޤައުމިއްޔަތައް ލޯބިކުރާ ހަޤީޤީ ދަރިއެއްގެ ސާފު ލޯތްބެވެ. ޓީޓީ ޓީމުން ހޯދި މޮޅާއެކު ކީރިތިކުރައްވަމުން އުފާފާޅުކުރެއްވިތަން ފެނުމުން އަޅުގަނޑުމެން އެންމެވެސް ފަޚުުރުވެރިވިކަން ކަށަވަރެވެ.

މިފަދަ މަންޒަރުތަކެއް ޤައުމުން ބޭރުގައި ބޭއްވި މުބާރާތަކުން ފެނިގެންދިޔައިރު މި މުބާރާތް ދެން ބޭއްވުމަށް ހަމަޖެހިފައިވަނީ ދިވެހި މި ފަސްގަނޑުގައެވެ. އެހެންކަމުން މިކަމަށް ހަމަގައިމުވެސް އަޅުގަނޑު މިހުރީ ވަރަށް ކެތް މަދުވެފައެވެ.

މީގެ އިތުރުންވެސް މިއަދު ދިވެހި ރާއްޖޭގައި އެކި މުނާސަބަތުތަކުގައި ތަންތަން ޒީނަތްތެރިކޮށް، ޤައުމީ ރޫޙުގައި ކުރިޔަށް ދިޔުމަށް ދިވެހި ދިދަ ބޭނުންކުރެއެވެ. އެގޮތުން ކުޅިވަރު ކުޅޭ މައިދާންތަކުންނާއި ސިޔާސީ މައިދާނުގައިވެސް އަދި ސްކޫލް މަދަރުސާތަކާއި ދިވެހި މަސްކަނޑުތަކުންވެސް ދިވެހި ޤައުމީ ދިދަ ފެންނަމުންދެއެވެ.

1992 ވަނަ އަހަރުގެ އޭޕްރީލްމަހު ދިވެހި ސިފައިންނަށް 100 އަހަރު ފުރުމާ ގުޅިގެން ޖުމްހޫރީ މައިދާނުގައި ވަކި ބިނާއެއް ބިނާކޮށް ބޮޑު ދިދަ ނެގުނެވެ. މިއީ އަޅުގަނޑުމެންގެ ޤައުމުގެ މިނިވަންކަން ރަމްޒުކޮށްދޭ މައި ބިނާއަށްވަނީ ވެގެން ގޮސްފައެވެ.

ދިވެހިދިދަ ޖައްވުގައި މިނިވަންކަމާއެކު ވިހުރުވެމުން ދާއިރު ހަދާން އާވަނީ ދިވެހި ކާބަފައިން ޤައުމުގެ މިނިވަންކަމާއި އިސްތިސްތިޤްލާލު ދެމެހެއްޓުމަށްޓަކައި ކުރެއްވި އަގުނުކުރެވޭފަދަ ޚިދުމަތްތަކެވެ. މިލޮބުވެތި ފަސްގަނޑުގެ މިނިވަންކަމަށްޓަކައި، ދިވެހި ދިދައިގެ ފަޚުރާއި ޝަރަފަށްޓަކައި، ވެފައިވާ މަތިވެރި ޤުރުބާނެވެ. ދިވެހި ދިދަ ބުނެދެނީ ކާބަފައިން މިޤައުމުގެ ޤައުމިއްޔަތު އަންނަން އޮތް ޖީލުތަަކަށް ރައްދުކޮށްދިން ފަދައިން މިއަދު އެޒިންމާ އުފުލަން ޖެހިފައިވަނީ އަޅުގަނޑުމެން ކަމެވެ.