ރިޕޯޓް

ކަރަންޓުގެ އިސްރާފު ކުޑަކޮށްފިނަމަ ބިލުން %20-%30 ކުޑަކުރެވޭނެ - ސްޓެލްކޯ


ކަރަންޓުންކުރާ އިސްރާފް ކުޑަކުރެވިއްޖެނަމަ ގޭބިސީތަކުގެ ކަރަންޓު ބިލުން 20 އިންސައްތައާއި 30 އިންސައްތަ ކުޑަކުރެވޭނެކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ.

ޕީ.އެސް.އެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ ޖެނެރަލް މެނޭޖަރ ޙުސެއިން ފަޙުމީ ވިދާޅުވީ، ކަރަންޓުން ކުރާ އިސްރާފު ކުޑަކޮށް، ޢިޤްތިޞާދުކުރަން ބާރުއެޅުމަކީ އެކުންފުނީގެ މުހިއްމު ސިޔާސަތެއްކަމަށެވެ. އަދި އެކަން ކުރުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރެވޭނެ ބަޔަކީވެސް އާއްމު ރައްޔިތުންކަމަށެވެ.

ކަރަންޓް ބިލްތައް ބޮޑުކަމަށްބުނެ އާއްމު ރައްޔިތުން ފާލުކުރަމުންދާ ކަންބޮޑުވުންތަކާއި ޝަކުވާތަކާއި ގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ ޖެނެރަލް މެނޭޖަރ ޙުސެއިން ފަޙުމީ ވިދާޅުވީ، ކަރަންޓް ބިލު ބޮޑުވާން މެދުވެރިވާ އެންމެ މައިގަނޑު އެއް ސަބަބަކީ އެނގިގެންނަމަވެސް ނުވަތަ ނޭނގިނަމަވެސް ކަރަންޓު އިސްރާފުކުރެވޭ މިންވަރު އިތުރުވުންކަމަށެވެ. އަދި ގަނެވޭ ތަކެތީގެ ގޮތުން އެއީ އެނަރޖީ ސޭވިންގތަކެތިކަމަށް ހީވިނަމަވެސް އޭގެ ވޯލްޓޭޖާއި، އެ އުފެއްދުމަކާބެހޭ ޞައްޙަ މައުލޫމާތު ކަށަވަރުކުރުން މުހިއްމުކަމަށާއި، ގޭތެރޭގައި އުޅޭއިރުވެސް ކަރަންޓް ޚަރަދުވީހާވެސް ކުޑަވާނެހެން ޢަމަލުތައް ބެހެއްޓުން މުހިއްމުކަމަށް ފަޙުމީ ވިދާޅުވިއެވެ.

ފަޙުމީ ވިދާޅުވީ، އެކުންފުންޏަށް އެއްކުރެވިފައިވާ މަޢުލޫމާތުތަކާއި، ގޭބިސީތަކުން ކަރަންޓް ބޭނުންކުރާ ނިސްބަތަކަށްބަލާއިރު، މިގޮތަށް އިސްރާފުކުރެވޭ މިންވަރު ދަށްކުރެވިއްޖެނަމަ ކަރަންޓް ބިލުން 20 އިންސައްތައާއި 30 އިންސައްތައާއި ދެމެދު ކުޑަކުރެވޭނެކަން ފާހަގަކުރެވިފައިވާކަމަށެވެ.

"އަޅުގަނޑުމެންނަށް ގަނެވޭ ތަކެތީގެ ގޮތުން ހީވަނީ އެނަރޖީ ސޭވިންގ އިކުއިޕްމަންޓްއޭ މި ގަނެވެނީ. އެހެންނަމަވެސް އެނަރޖީ ސޭވިންގ ޖަހާފައި ނުވަތަ އިންވާޓާރ ޖަހާފައި ހުންނަ ހުރިހާ އެއްޗެއްސަކީ އެނަރޖީ ސޭވިންގ އެއްޗެއްސެއްނޫން. ބޮކިވެސް ހަމަވަނީ އެހެން. އޭގެ އިތުރަށް ކަރަންޓު ބޭނުންކުރުމުގައި އަޅުގަނޑުމެންނަށް ވަރަށް ފާހަގަކޮށްލެވޭ ނޭންގިނަމަވެސް އަޅުގަނޑުމެންނަށް އިސްރާފު އެބަކުރެވޭ. ގޭތެރޭގައި އަޅުގަނޑުމެން މި އުޅޭ އުޅުމުގައި އަޅުގަނޑުމެން އެބަޖެހޭ އޭސީވެސް ބޭނުންނުކުރާ ގަޑީ ނިންވާލަން. ބޮކިތައް ބޭނުން ނުވާ ގަޑީގައި ނިއްވާލަން. އަދި އިސްތިރި ނުވަތަ ފެން ކައްކާ ޖަގު ބޭނުންކުރުމުގައިވެސް އިޤްތިޞާދުކުރަން" ފަހުމީ ވިދާޅުވިއެވެ.

ސްޓެލްކޯގެ ޖެނެރަލް މެނޭޖަރ ޙުސެއިން ފަޙުމީ ވިދާޅުވީ، ކަރަންޓް ޚަރަދުކުޑަކުރުމާއި ގުޅޭގޮތުން އެކުންފުނިން މީގެކުރިން ކުރިއަށްގެންދިޔަ ކެމްޕޭންތަކުގައި ކަރަންޓް ބިލު ބޮޑުވާ ވާހަކައަކީ އެހާ އާއްމުކޮށް ދެކެވޭ ވާހަކައެއްނޫންކަމަށެވެ. ނަމަވެސް ކަސްޓަމަރުންނަށް އެކަން ވިސްނައިދީ ކަރަންޓް ބިލު ބޮޑުވާ ސަބަބު އޮޅުންފިލުވައިދިނުމަށް ކުރިއަށް އޮތްތާނގައި މަސައްކަތް ކުރާނެކަމަށް ފަޙުމީ ވިދާޅުވިއެވެ.

ކަރަންޓް ބޭނުންކުރާ މިންވަރު ދެނެގަތުމަށް ކުރެވިދާނެ ބައެއް ކަންކަމާގުޅޭގޮތުން ވާހަކަދައްކަވަމުން ފަޙުމީ ވިދާޅުވީ، މަހުން މަހަށް ކަރަންޓް ބިލު ބޮޑުވާހެން ހީވާނަމަ، ދެ ދުވަހުން އެއް ދުވަހު ނުވަތަ ހަފްތާއަކު އެއްފަހަރު ކަހަލަގޮތަކަށް އެ ގެއެއްގެ ކަރަންޓް މީޓަރު ރީޑިންގ ބަލާ އަޅާ ކިޔާލެވިދާނެކަމަށެވެ. އަދި ކަރަންޓް ބިލްތަކާއި ގުޅޭ އެއްވެސް މަޢުލޫމާތުތެއް އޮޅުންފިލުވަން ބޭނުންވާނަމަ، އެ ކުންފުނިން އަބަދުވެސް އެކަމަށް މަރުޚަބާ ކިޔާނެކަމަށް ފަޙުމީ ވިދާޅުވިއެވެ.

"އެއްޗެހި ގަންނައިރު ހުންނާނެ ވޯލްޓޭޖް ޖަހާފައި. ނެތިއްޔާ ބަލަންވީ އޭގެ ކޮންސަމްޕްޝަން ކިހިނެއްތޯ އުޅެނީ. އެކަން ބެލޭނެ ގޮތްތައް އެބަހުރި. އެންމެ ފަސޭހަގޮތަކީ ދެ ދުވަހުން އެއް ދުވަހު ނަމަވެސް ހަފްތާއަކުން ނަމަވެސް މީޓަރު ބައްލަވާލައްވަންވީ. ކޮންމެ ގެއެއްގައިވެސް ހުންނާނެ މީޓަރެއް. އެއަށް ބަލައިގެން އަޅުގަނޑުމެންވެސް ބިލް މި ކުރަނީ.. ކޮންސިއުމަރުންނަށް ބިލް ކުޑަކުރުމުގައިވެސް އެންމެ މުހިއްމު ދައުރެއް އަދާކުރެވެން އޮތީ" ފަޙުމީ ވިދާޅުވިއެވެ.

ފަޙުމީ ވިދާޅުވީ، އެކުންފުނީގެ ރިކޯޑްތައް ދައްކާގޮތުން ޖުމްލަގޮތެއްގައި ގިނަ ގޭބިސީތަކުގައި އާންމުކޮށް ކަރަންޓު ބޭނުންކުރާ މިންވަރަށްވުރެ ގިނައިން ކަރަންޓު ބޭނުންކުރާކަން ފާހަގަކުރެވިފައިވާކަމަށެވެ. އެހެންކަމުން ކަރަންޓް ބޭނުންކުރާ މިންވަރު އިޤްތިޞާދުކުރެވިއްޖެނަމަ ބިލް ކުޑަކުރެވޭނެކަމަށް ފަޙުމީ ވިދާޅުވިއެވެ.