ވިޔަފާރި

ޑަބްލިޔުޓީއެމް ފެއަރ ނޮވެމްބަރުގައި


ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބައިވެރިވާ އެންމެ ބޮޑު އެއް ފެއަރކަމުގައިވާ، ވޯލްޑް ޓްރެވަލް މާކެޓް އަންނަ ނޮވެމްބަރުމަހު ބާއްވާނެކަން އިޢުލާންކޮށްފިއެވެ.

ކޯވިޑް-19ގެ ހާލަތަށް އަންނަމުންދާ ބަދަލުތަކަށް ބެލުމަށްފަހު އިނގިރޭސި ސަރުކާރުން ވަނީ ލަންޑަންގައި ބާއްވާ ޑަބްލިޔުޓީއެމް ފެއާރ އޮކްޓޫބަރު މަހުގެ ފަހުން ބާއްވަން ހުއްދަ ދީފައެވެ. މިއާއިއެކު ޑަބްލިއުޓީއެމް އިންތިޒާމު ކުރާ ރީޑް އެގްޒިބިޝަން ކުންފުނިން ވަނީ މި އަހަރުގެ ފެއާ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހުން 4 ވަނަ ދުވަހަށް ލަންޑަންގައި ބާއްވާނެކަން އިޢުލާންކޮށްފައެވެ.

ރީޑް އެގްޒިބިޝަން ކުންފުނިން ބުނީ މިއަހަރުގެ ފެއަރގައި ކޯވިޑް-19 އަށްފަހު ފަތުރުވެރިކަމުގެ ދާއިރާ އަލުން އާރާސްތުކޮށް، ބިނާކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން ފެއަރގެ ބައިވެރިންގެ މެދުގައި މުހިންމު މަޝްވަރާތަކެއް ކުރެވޭނެކަމަށެވެ. އަދި ކުރިމަގުގައި ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން ޓެކްނޮލޮޖީ އިތުރުކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާކުރާނެކަމަށްވެސް ރީޑްއިން ބުނެއެވެ،

ރީޑް އެގްޒިބިޝަން އިން ވަނީ މި އަހަރުގެ ފެއަރގެ ބައިވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެކި ޓެކްނޮލޮޖީތައް ބޭނުންކުރާނެކަމަށް ބުނެފައެވެ. އަދި ފެއަރގެ އިންތިޒާމްތައް ހަމަޖެހިފައިވާ ގޮތް ބައިވެރިންނަށް ދައްކާލުމަށް ފެއާ އޮންނަ އެކްސެލް ލަންޑަން ސެންޓަރ ވާޗުއަލް ޓުއާއަކުން ދައްކާލާނެއެވެ. މީގެއިތުރުން ޑަބްލިއުޓީއެމްގައި ބައިވެރި ނުވެވޭ ފަރާތްތަކަށް ހާއްސަކޮށް ފެއަރގެ ތެރެއިން އޮންލައިންކޮށްވެސް ހަރަކާތްތަކެއް ކުރިޔަށް ގެންދާނެކަމަށް ރީޑްއިން ބުނެއެވެ.

ޑަބްލިއުޓީއެމް ފެއާއަކީ ރާއްޖެއިންވެސް ބައިވެރިވާ އެންމެ ބޮޑު އެއް ފެއަރއެވެ. ކޮންމެ އަހަރަކުވެސް ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ގިނަ ކުންފުނިތަކަކުން މިފެއަރގައި ބައިވެރިވެއެެވެ.
އިނގިރޭސިވިލާތަކީ ރާއްޖޭގެ މުހިންމު މާރކެޓެވެ. މިގޮތުން މިއަހަރު ބޯޑަރު އަލުން ހުޅުވާލިފަހުންވެސް މިހާތަނަށް އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން ޒިޔާރާތްކުރީވެސް އިނގިރޭސިވިލާތުންނެވެ.

ކޯވިޑް-19 ގެ ސަބަބުން މިއަހަރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބާއްވާ މިފަދަ ހުރިހާ ފެއަރއެއް އޮތީ ފަސްކޮށް ނުވަތަ ކެންސަލްކޮށްފައެވެ. ނަމަވެސް ޤައުމުތަކުގެ ބޯޑަރު ހުޅުވާ، ފަތުރުވެރިކަން ފަށަމުންދާތީ ފެއަރތައް އޮންނާނެ ތާރީހުތައް ވެސް ދަނީ އިއުލާންކުރަމުންނެވެ.