ވިޔަފާރި

ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް 1.2 ޓްރިލިއަން ޑޮލަރުގެ ގެއްލުން


ކޯވިޑް-19އާއެކު ދުނިޔޭގެ ފަތުރުވެރިކަން ހުއްޓާލާފައި އޮތުމުގެ ސަބަބުން އެސިނާއަތަށް 1.2 ޓްރިލިއަން ޑޮލަރުގެ ގެއްލުމެއް ވާނޭކަމަށް އދ.ގެ އިޤްތިޞާދާއި ތަރައްޤީއާބެހޭ ޖަމުއިއްޔާއިން ލަފާކޮށްފިއެވެ.

ޔުނައިޑަޓް ނޭޝަންސް ކޮންފަރެންސް އޮން ޓްރޭޑް އެންޑް ޑިވެލޮޕްމަންޓް، ޔޫއެންސީޓީއޭޑީން ނެރުނު ރިޕޯޓެއްގައިވާ ގޮތުން ޤައުމުތަކުގެ ފަތުރުވެރިކަން ނުފަށާ ގިނަ ދުވަސްވާނަމަ މިހާރު އަންދާޒާކުރާ ގެއްލުން އެއަށްވުރެ ބޮޑުވާނެކަމަށެވެ.

ޔޫއެންސީޓީއޭޑީން ނެރެފައިވާ ރިޕޯޓްގައިވާ ގޮތުން ކޯވިޑްގެ ސަބަބުން އަހަރުގެ ފުރަތަމަ ހަތަރު މަހެއްހާ ދުވަހު ދުނިޔޭގެ ފަތުރުވެރިކަމާއި، ދަތުރުފަތުރުގެ ސިނާއަތް ހުއްޓުމަކަށް އައުމާ ގުޅިގެން އިޤްތިސާދުގެ ބޮޑުބައެއް ބަރޯސާވާ ފަތުރުވެރިކަމުގެ ދާއިރާއަށް 1.2 ޓްރިލިއަން ޑޮލަރަށްވުރެ ބޮޑު ގެއްލުމެއް ލިބޭނެއެވެ. އަދި ފަތުރުވެރިކަން ނުފަށާ އޮންނަ މުއްދަތު އިތުރުވެ، 8 މަހަށް ދިގުދެމިގެންދާނަމަ ފަތުުރުވެރިކަމުގެ ދާއިރާއަށް 2.2 ޓްރިލިއަން ޑޮލަރަށްވުރެ ބޮޑު ގެއްލުމެއް ލިބޭނެކަަމަށް ރިޕޯޓުގައިވެއެވެ. ރިޕޯޓްގައިވާ ގޮތުން ދުނިޔޭގެ ޤައުމުތަކުގެ ފަތުރުވެރިކަން 12 މަހަށް ހުއްޓާލާފައި އޮވެއްޖެނަމަ ދުނިޔޭގެ ފަތުރުވެރިަކަމަށް ލިބޭ ގެއްލުން 3.3 ޓްރިލިއަން ޑޮލަރަށް އަރަނެއެވެ.

ޔޫއެންސީޓީއޭޑީން ބުނީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާއަކީ އެތައް ބިލިއަން ބައެއްގެ އާމްދަނީ ބަރޯސާވާ ދާއިރާއެއްކަމަށެވެ. އަދި މިއީ ޤައުމުތަކުގެ އިޤްތިސާދުގެ ބޮޑު ބައެއް ހިއްސާކުރާ ދާއިރާއަކަށްވާއިރު، މިކަމުގެ ސަބަބުން އެތައް މިލިއަން ބަޔަކަށް އިޤްތިސާދީ ގޮތުންނާއި އިޖްތިމާއީ ގެއްލުންވަމުންދާކަމަށް ރިޕޯޓްގައިވެއެވެ.

ޔޫއެންސީޓީއޭޑީގެ އިންޓަރނޭޝަނަލް ޓްރޭޑް ޑިރެކްޓަރ ޕަމެލާ ކޯކް ހެމިލްޓަން ބުނީ ކޯވިޑްގެ ސަބަބުން އިޤްތިޞާދީ ގޮތުން އަސަރު ނުކުރާނެ ޤައުމެއް މަދުވާނެކަމަށެވެ. އަދި ހާއްސަކޮށް ތަރައްޤީވަމުން އަންނަ ކުދި ޤައުމުތަކަށް މިކަމުގެ ސަބަބުން ކުރާ ނޭދެވޭ އަސަރު ބޮޑު ވާނެކަމަށާއި އަދި ބައެއް ޤައުމުތަކުގެ އިޤްތިސާދު ނަގަހައްޓަން ދަތިވާވަރަށް ގެއްލުންވަމުންދާނޭކަަމަށްވެސް ރިޕޯޓްގައިވެއެވެ.

ޔޫއެންސީޓީއޭޑީއިން ބުނީ މިކަމުގެ ހައްލަކީ ހަރުދަނާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އުސޫލުތައް އެކުލަވާލަައިގެން ފަތުރުވެރިކަމާއި އެހެން ދާއިރާތައް ހިންގަން ފެށުންކަމަށެވެ، އަދި ފަތުރުވެރިކަމާއި އެހެން ދާއިރާތައް އަލުން ނުފަށާ ލަސްވާނަމަ ކުދި ވިޔަފާރިތައް ހުއްޓި، އެތައް ބައެއް ފަގީރުކަމާއި ކުރިމަތިލާންޖެހޭނެކަމަށްވެސް ޔޫއެންސީޓީއޭޑީން ބުނެއެވެ.