ކުޅިވަރު

ޑެހެއާއަށް ފާޑުކިއުން ހައްގެއް ނޫން: ޝުމައިކަލް


މެންޗެސްޓާ ޔުނައިޓެޑްގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާއަށް ފާޑުކިއުން ހައްގުނޫން ކަމަށް ލެސްޓާ ސިޓީގެ ކީޕަރު ޝުމައިކަލް ބުނެފިއެވެ.

ޔުނައިޓެޑްގެ ލެޖެންޑަރީ ކީޕަރު ޕީޓަ ޝުމައިކަލްގެ ދަރިފުޅު ކެސްޕާ ޝުމައިކަލް މިހެން ބުނީ މި ދެ ޓީމު މާދަމާ ކުޅޭ ވާދަވެރި މެޗުގެ ކުރިން ވާހަކަ ދައްކަމުންނެވެ. މިމެޗުން ޔުނައިޓެޑް ބަލިވެއްޖެނަމަ އެ ޓީމު ގަދަ ހަތަރަކުން ކަޓާނެއެވެ. ލެސްޓާއަށް ގަދަ ހަތަރަކަށް އެރޭނީ ޔުނައިޓެޑް ބަލިކޮށްގެންނެވެ.

ފަހަކަށް އައިސް ޑެހެއާ ހަދާފައިވާ ގިނަ ގޯސްތަކުގެ ސަބަބުން އޭނާއަށް ވަނީ މީޑިޔާ އާއި ކުރީގެ ކުޅުންތެރިންގެ ފާޑުކިއުން ވަރަށް ބޮޑަށް އަމާޒުވެފައެވެ. ނަމަވެސް ޝުމައިކަލް ބުނީ ކީޕަރުންނަކީ ހެދޭ އެންމެ ގޯހަކުން ގިނަ ބައެއްގެ ލޮލުގައި އަޅައިގަންނަ ބައެއް ކަމަށާއި ޑެހެއާއަށް ފާޑުކިޔަން ނުޖެހޭ ކަމަށެވެ.

އޭނާ އަދި ބުނީ ޓީވީ ތަކާއި ނޫސްތަކުގައި ޑެހެއާއަށް ފާޑުކިޔާ ގިނަ މީހުންނަކީ ކީޕަރުގެ މަގާމަށް ކުޅެފައިވާ މީހުން ނޫން ކަމަށާއި ކީޕަރުންނަށް ނުކުޅޭ މީހުން ކީޕަރަކަށް ފާޑުކިއުމަކީ އިންސާފެއްނޫން ކަމަށެވެ.

ނަމަވެސް އިނގިރޭސި ކުރީގެ ކެޕްޓަން އެލަންޝިއަރާ އާއި މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކެޕްޓަން ރިއޯ ފާޑިނަންޑާއި ލިވަޕޫލްގެ ކުރީގެ ވައިސް ކެޕްޓަން ޖެމައިން ކަރެގާ ވެސް ވަނީ ޑެހެއާއަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އެމީހުން ބުނަނީ ޑެހެއާއަށް މިހާރު ފުރަތަމަ 11އިން ޖާގަ ހައްގުނުވާ ވަރަށް އޭނާ ގޯސް ހަދައިފި ކަމަށެވެ.

ނަމަވެސް ޔުނައިޓެޑްގެ ކޯޗު އޮލޭގަނާ ސޯލްޝެއާ ބުނީ ޑެހެއާ އަކީ ދުނިޔޭގެ އެންމެ މޮޅު ކީޕަރު ކަމަށާއި އޭނާ އަކީ 100 ބޯޅައިން 100 ސޭވް ވެސް ކުރެވޭނެ ކަމަށެވެ.