ވިޔަފާރި

އެއަރލައިންތަކުގައި މަސައްކަތްކުރާ 4 ލައްކައެއްހާ މީހުންގެ ވަޒީފާއަށް އަސަރުކުރި


ކޯވިޑް19އާ ގުޅިގެން އެއަރލައިންތަކުގައި މަސައްކަތްކުރާ މީހުންގެ ތެރެއިން ގާތްގަނޑަކަށް ހަތަރު ލައްކައެއްހާ މީހުންގެ ވަޒީފާއަށް އަސަރުކޮށްފައިވާކަމަށް ސާވޭއަކުން ދައްކައިފިއެވެ.

ވިޔަފާރި ޚަބަރުތައް ގެނެސްދޭ ބުލޫމްބާގުން ކުރިއަށްގެންދިޔަ ދިރާސާއަކުން ދައްކާގޮތުން ވަޒީފާއަށް އަސަރުކުރި ހަތަރު ލައްކައެއްހާ މީހުންގެ ތެރޭގައި ވަޒީފާ ގެއްލުނު މީހުންނާއި، މުސާރަ ނުލިބޭގޮތަށް ގޭގައި ތިބި މީހުންނާއި، އަދި ވަޒީފާ ގެއްލިދާނެކަން އަންގާފައި ތިބި މީހުން ހިމެނެއެވެ. އަދި މިމީހުންގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ޕައިލެޓުންނާއި ކެބިން ކުރޫއިންކަމަށް ސާވޭއިން ދައްކައެވެ.

ކޯވިޑްގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ސިނާއަތްތަކުގެ ތެރޭގައި އޭވިއޭޝަން ހިމެނޭއިރު، ވަޒީފާގައި ތިބި މުވައްޒަފުންގެވެސް މުސާރަ ކުޑަކުރުމަށް ގިނަ އެއަރލައިންތަކުން ވަނީ ނިންމާފައެވެ. އެއަރލައިންތަކުގެ އިތުރުން، އެއަރކްރާފްޓް އުފައްދާ ކުންފުނިތަކާއި އެއަރޕޯޓްތަކާއި ޓްރެވަލް އެޖެންސީތަކުންވެސް 25 މިލިއަނެއްހާ މީހުންގެ ވަޒީފާއަށް އަސަރުކުރާނެކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ.

ކޯވިޑްއާ ގުޅިގެން ޤައުމުތައް ފުރަބަންދުކުރުމުން ވައިގެ ދަތުރުފަތުރުގެ ސިނާޢަތް ހުއްޓުމަކަށް އައުމާއި ގުޅިގެން އެސިނާއަތަށް ލިބެމުންދިޔަ އާމްދަނީ ވަނީ ދަށްވެފައެވެ. އަދި ނިއުނޯމަލްގެ ދަށުން ދަތުރުތައް ފެށިނަމަވެސް، ކޯވިޑްއާ ގުޅިގެން ތަންތަނަށް ދަތުރުކުރުމަށް މީހުން ބޭނުންނުވާތީ އެސިނާއަތަށް އޮތް ޑިމާންޑް ވަރަށް ކުޑަކަމަށް ތަޖުރިބާކާރުން ބުނެއެވެ. އެހެންކަމުން ކުންފުނިތަކުން ދަނީ ޚަރަދު ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.