ޚަބަރު

ކޮރަޕްޝަން ނުހިމެނޭކަމަށް ނިންމި ބައެއް މައްސަލަތައް އަލުން ބަލަނީ


ކޮރަޕްޝަންގެ ޢަމަލެއް ހިނގާފައި ނުވާކަމަށް ކުރިން ނިންމާފައިވާ ބައެއް މައްސަލަތައް އަލުން ހުޅުވާލައި ތަޙްގީގްކުރަން ނިންމާފައިވާކަމަށް ކޮރަޕްޝަންގެ މައްސަލަތަށް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ރިޔާސީ ކޮމިޝަނުން ހާމަކުރައްވައިފިއެވެ.

އެކޮމިޝަނުގެ މަސައްކަތްތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މަޢުލޫމާދެއްވަމުން ކޮމިޝަންގެ ރައީސް އަޙްމަދު އަސްޢަދު ވިދާޅުވީ، ކޮރަޕްޝަން ނުހިމެނޭކަމަށް ކުރިން ނިންމާފައިވާ މައްސަލަތަކެއްނަމަވެސް ތަޙްޤީޤްކުރިއަށް ގެންގޮސްފައިވަނީ ރަނގަޅަށް ނޫންކަމަށް ބެލެވޭ ބައެއް މައްސަލަތައް އެބަހުރިކަމަށެވެ. އޭގެތެރޭގައި ދަރުމަވަންތަ ހޮސްޕިޓަލުގެ 25 ބުރީގެ ޢިމާރާތުގެ މައްސަލަ ހިމެނޭކަމަށާއި، މިހާރު އެމައްސަލަ އަލުން ހުޅުވާލައިގެން އޭސީސީން ބަލަމުން އަންނަކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި މިމައްސަލަ ވަރަށް އަވަހަށް ނިމޭނެކަމަށް އުންމީދުކުރެވޭކަމަށްވެސް އަސްޢަދު ވިދާޅުވިއެވެ.

މީގެ އިތުރުން ދައުލަތުން ބޮޑު ބަދަލެއްދޭންޖެހޭކަމަށް ނިންމާފައިވާ ފުށިދިއްގަރު ފަޅުގެ މައްސަލަަވެސް މިހާތަނަށް ބެލިބެލުމުން އެނގެން އޮތީ އެމައްސަލަ ނިންމާފައިވަނީ ރަނގަޅަށް ނޫންކަން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެމައްސަލަވެސް ނިންމާފައިވަނީ ކޮރަޕްޝަން ނުހިމެނޭ މައްސަލައެއްގެ ގޮތުގައިކަމަށާއި، އެހެންކަމުން އަލުން ހުޅުވައިގެން އެމައްސަލަ ބަލަމުން އަންނަކަމަށް އަސްޢަދު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ބަލަން ހަވާލުކުރި މައްސަލައެއް އެއީ އޭސީސީން، ނިމުމަކާހަމައަށް ގެނެސްފައި އެބައޮތް އެއީ ފާއިތުވި 5 އަހަރުގެ ތެރޭގައި ޖޭވީގެ ގޮތުގައި ނޫންގޮތްގޮތަށް ދީފައިވާ ފަޅުރަށްތައް. މިރަށްތަކުގެތެރޭގައިވެސް އެބަހުރި އެއްވެސް އެއްޗެއް ނާންނާނެގޮތަށް ސަރުކާރުގެ ހިއްސާ ޕްރައިވެޓް އިންވެސްޓާއަށް ދޫކޮށްލަންޖެހޭގޮތަށް ހުރި އެއްޗެހިތަކެއް. މީގަވެސް ދައުލަތަށް ގެއްލުންވާގޮތަށް އެއްވެސް މަންފާއެއް ނުވާގޮތަށް ކޮށްފަހުރިކަމެއް. އެހެންވީމަ އެމައްސަލަވެސް އަޅުގަނޑުމެން ބަލަންފަށާފައިވާނެ." އަސްޢަދު ވިދާޅުވިއެވެ.

ދަރުމަވަންތަ ހޮސްޕިޓަލް ޢިމާރާތަކީ 143 މިލިއަން ޑޮލަރު ނުވަތަ 2.2 ބިލިއަން ރުފިޔާއަށް ސިންގަޕޫރުގެ ޝެންހުއާ ކޮންސްޓްރަކްޝަންއާ ހަވާލުކޮށްގެން ބިނާކުރި ޢިމާރާތެކެވެ. ދަރުމަވަންތަ ހޮސްޕިޓަލް ޢިމާރާތްކުރުމުގައި ކޮރަޕްޝަން އެކުލެވޭކަމަށް ބުނެ ހުށައެޅި މައްސަލަ އޭސީސީން 2017ވަނަ އަހަރު ތަޙްޤީޤްކޮށް ކޮރަޕްޝަންގެ ކުށެއް ނެތްކަމށް ނިންމައި އެމައްސަލަވަނީ ފައިލްކޮށްފައެވެ.

ފުށިދިއްގަރު ފަޅުގެ މައްސލަވެސް ރިޔާސީ ކޮމިޝަނުން އަލުން ތަޙްގީގްކުރަން ފަށާފައިވާއިރު، ފުށިދިއްގަރުފަޅު ތަރައްގީ ކުރަން ޕްރައިމް ކެޕިޓަލްސްއާ އެކު ސަރުކާރުން ޖޮއިންޓް ވެންޗާ އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ 2013ވަނަ އަހަރުއެވެ. ނަމަވެސް އެއެއްބަސްވުމުގެ ދަށުން ޕްރައިމް ކެޕިޓަލާއެކު، އުފައްދަންޖެހޭ ޖޮއިންޓް ވެންޗާ ކުންފުނި ސަރުކާރުން އުފައްދާފައެއްނުވެއެވެ.

މާލޭގެ ދެކުނުން އަދި ކ.ގުޅީގެ އުތުރުން އޮންނަ 1،475 ހެކްޓަރުގެ ބޮޑު ފަޅުގައި، ސްޕެޝަލް އިކޮނޮމިކް ޒޯނެއްގެ ބާރު ލިބިގެން ޓޫރިޒަމް ތަރައްގީކުރަން ދޫކުރި ފުށިދިއްގަރު ފަޅު ކުއްޔަށް ދިނުމުގެ އެއްބަސްވުމުގެ މައްސަލަ، ދައުލަތާ ދެކޮޅަށް ސިންގަޕޫރުގެ އާބިޓްރޭޝަނަށް ހުށައަޅާފައިވާކަން ބަންޑާރަ ނާއިބުގެ އޮފީހުން ދާދިފަހުން ވަނީ ހާމަކުރައްވާފައެވެ.