ޚަބަރު

ޤައުމީ ކުތުބުޚާނާގެ ޔޫޓިއުބް ޗެނަލް އިފްތިތާޙްކޮށްފި


ޤައުމީ ކުތުބުޚާނާ ޑިޖިޓަލައިޒްކުރުމުގެ މަސައްކަތުގެ ދަށުން ޔޫޓިއުބް ޗެނަލްއެއް އިފްތިތާހްކޮށްފިއެވެ.

އޮންލައިންކޮށް ބޭއްވި ރަސްމިއްޔާތެއްގައި ވަނީ މި ޔޫޓިއުބް ޗެނަލް އިފްތިތާހްކޮށްދެއްވީ މިނިސްޓަރ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫނެވެ. މީގެ އިތުރުން މި ރަސްމިއްޔާތުގައި ވަނީ ކުޑަކުދިންގެ މަލްޓިމީޑިއާ ލައިބްރަރީއިން އުފައްދާ ވީޑިއޯ ވާހަކަ ސިލްސިލާ، "ވާހަކަ އަށި" އިފްތިތާޙުކޮށްދެއްވާފައެވެ. އަދި އެންމެ ފުރަތަމަ ވެސް ގެނެސްދީފައިވަނީ ކުޑަކުއްޖަކު ލިޔެފައިވާ ވާހަކަ "އެ ފުރަބަންދު"އެވެ.

ހެރިޓޭޖް މިނިސްޓްރީން ވިދާޅުވީ ޤައުމީ ކުތުބުޚާނާގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ކުޑަކުދިންނަށް މިފަދަ ވާހަކަތައް ގެނެސްދެމުންދާނެކަމަށެވެ. އަދި ވާހަކަތައް ގެނެސްދޭއިރުވެސް ބޮޑަށް ދިވެހި ބަހުން ހުންނަ ވާހަކަތަކަށް އިސްކަންދޭނެކަމަށް ހެރިޓޭޖް މިނިސްޓްރީން ވިދާޅުވިއެވެ.

މި ޗެނަލްގެ ޚިދުމަތްފެށުމުން ލައިބްރަރީ ބައެއް އޮންލައިން ޚިދުމަތްތައް ހޯދޭނެ ގޮތް ކިޔައިދީ މަޢުލޫމާތު ވީޑިއޯތައް ހިމެނުމުން ލައިބްރަރީގެ ޚިދުމަތް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ރައްޔިތުންނަށް ލިބިގެންދާނެކަމަށް ހެރިޓޭޖް މިނިސްޓްރީން ވިދާޅުވެއެވެ. އަދި ޚާއްސަ ކުތުބުދާރުންނަށް އަމާޒުކޮށް ލައިބްރަރީން ހިންގާފައިވާ އެކި ވެބިނާތަކާއި އެމީހުންގެ މަސައްކަތްތަކާ ގުޅޭ ޕްރެޒެންޓޭޝަތައްވެސް ވަނީ މި ޔޫޓިއުބް ޗެނަލްގައި ހިމަނާފައެވެ.

ޤައުމީ ކުތުބުޚާނާގެ ޔޫޓިއުބް ޗެނަލް

މީގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ލައިބްރަރީ ތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އިތުރަށް ތަމްރީން ލިބޭނެ ފަދަ މަޢުލޫމަތުތައްވެސް ޔޫޓިއުބު ޗެނަލް މެދުވެރިކޮށް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ޤައުމީ ކުތުބުޚާނާ ޑިޖިޓަލައިޒްކުރުމުގެ މަސައްކަތުގެ ދަށުން ކުތުބުޚާނާއިން މިހާރު އަންނަނީ ދުވަސްވީ ފޮތްތައް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތްވެސް ކުރައްވަމުންނެވެ. މިގޮތުން މިހާރުވެސް ގިނަ ފޮތްތަކެއް ޑިޖިޓަލައިޒް ކުރެވިފައި ވާއިރު މިއަހަރު ނިމެންވާއިރަށް ޑިޖިޓަލް ލައިބްރަރީގެ ޚިދުމަތް ފޯރުކޮށްދިނުމަކީ އެތަނުގެ އަމާޒަކެވެެ.