ޚަބަރު

ބޮޑު ޚިޔާނާތާ ގުޅޭ 5 މީހެއްގެ މައްޗަށް ވަރަށްއަވަހަށް ދައުވާކުރަން ފޮނުވޭނެ - ރިޔާސީ ކޮމިޝަން


އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން 5 މީހެއްގެ މައްޗަށް ދަޢުވާކުރުމަށް ކުރިއަށްއޮތް މަދު ހަފްތާތައެއްގެ ތެރޭގައި ފޮނުވާނެކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ހާމަކުރައްވައިފިއެވެ.

އެކޮމިޝަނުން އެންމެ އިސްކަމެއް ދެއްވައިގެން ތަޙްޤީޤްކުރަމުން އަންނަ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާ ގުޅޭގޮތުން މަޢުލޫމާތު ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި އެކޮމިޝަންގެ ރައީސް އަޙްމަދު އަސްޢަދު ވިދާޅުވީ، އެމްއެމްޕީއާރުސީގެ ޚިޔާނަތުގައި ބައިވެރިވި މީހުންގެ ޢަދަދު މިހާރު 300 އާއި ގާތްކުރާކަމަށެވެ. ނަމަވެސް އެމީހުން އެފައިސާގައި ޖެހިފައިވާމިންވަރާއި އެމީހުންގެ މައްޗަށް ދައުވަކުރެވޭނެ މިންވަރަށް ހުރި ހެކިތަކުގެމައްޗަށާއި އެމީހާ ހުރި މަޤާމުގެ ނުފޫޒް އޮތް މިންވަރަށް ބެލުމަށްފަހު 5 މައްސަލައެއް ވަރަށް އަބަހަށް ޝަރީޢަތަށް ފޮނުވޭނެކަމަށެވެ. ނަމަވެސް ކޯޓަށް ފޮނުވަން ނިންމާފައިވަނީ ކޮން ބައެއްގެ މައްސަލަތަކެއްކަމެއް އަސްޢަދު ވިދާޅެއްނުވެއެވެ.

"އަޅުގަނޑު މެންނަށް އަންދާޒާކުރެވޭގޮތުގައި ކުރިއަށް އޮތް މަދު ހަފްތާތަކެއްގެ ތެރޭގައި 5 ކޭސް އަޅުގަނޑުމެންނަށް ކޯޓަށް ފޮނުވޭނެ. ދެން އަޅުގަނޑުމެންނާ ދޭތެރޭ ތިބޭފުޅުން ޝައްކެއް އޮތްކަމަށްވެއްޖާ އެ ފަސްކޭސް ދިޔާމަ ނިންމަވާށޭ މީގަ އެއްވެސްކަހަލަ "ބަޔަސްއެއް" އުޅޭކަން ނުވަތަ ނޫންތޯ. އޭގެން ސާފުވެގެންދާނެ ވަކިފަރާތެއް ބެލުމެއްނެތިކަން މިކަންކޮށްފަ މިއޮތީ." އަސްޢަދު ވިދާޅުވިއެވެ.

އަސްޢަދު ވިދާޅުިވީ އެފަސްމީހުންގެ ނަންތައް ޝަރީޢަތަށް ފޮނުވުމުން ހާމަވާނެކަމަށާއި، އެމީހުގެ ނަންތައް ހާމަވާން ކުރިއަށް އޮތީ މަދު ދުވަސްތަކެއްކަމަށެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ލިބިފައިވާ މީހުންގެ ތެރޭގައި 18ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެންބަރަކާއި، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 16 މެންބަރަކާއި، މިނިވަން މުވައްސަސާތަކުގައި އިސްކޮށް ތިއްބެވި 5 ބޭފުޅަކުވެސް ހިމެނިވަޑައިގަންނަވާކަމަށް ރިޔާސީ ކޮމިޝަނުން ކުރިން ވަނީ ހާމަކޮށްފައެވެ. މީގެ އިތުރުން މިހާރު ސަރުކާރުގެ މަގާމުގައިތަކުގައި ތިބި 7 މީހަކާއި، 7 ފަނޑިޔާރެއްގެ އިތުރުން ސަލާމަތީ ބާރުތަކުގައި ހިމެނޭ 23 އޮފިސަރުން ވެސް ހިމެނެއެވެ.