ވިޔަފާރި

އިންޑިއާއިން ޗައިނާއަށް ބަރޯސާވުން ކުޑަކުރަންޖެހޭ: އެމެރިކާ


ޗައިނާއަށް އިޤްތިޞާދީގޮތުން ބަރޯސާވުން ކުޑަކުރުމަށް އެމެރިކާއިން އިންޑިއާއަށް ގޮވާލައިފިއެވެ.

އެމެރިކާއިން މިކަމަށް ގޮވާލީ، އޮންލައިންކޮށް ބޭއްވި "ޔޫއެސް-އިންޑިއާ ބިޒްނަސް ކައުންސިލް ސަމިޓް" ނިންމުމުގެ ރަސްމިއްޔާތުގެ އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮންޕެއޯ ދެއްކެވި ވާހަކަފުޅުގައެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮންޕެއޯ ވިދާޅުވީ އިންޑިއާއިން އިޤްތިޞާދީ މަސައްކަތްތަކުގައި ޗައިނާއަށް ބަރޯސާވުން ކުޑަކޮށް، އިންޑިއާގެ ލޯކަލް ސަޕްލައި ޗެއިންތައް ފުޅާކުރުމަށް މަސައްކަތްކުރަންޖެހޭކަމަށެވެ. އަދި ޓެލެކޮމިއުނިކޭޝަނާއި، ޞިއްހީ ކަންކަމަށް ބޭނުންވާ ތަކެތި އުފެއްދުމުގައި އިންޑިއާއަށް ބަރޯސާވާ މިންވަރު ކުޑަކުރަންޖެހޭކަމަށް ޕޮންޕެއޯ ވިދާޅުވިއެވެ.

ޗައިނާއާ އެއްކޮށް އޮންނަ ވިޔަފާރީގެ ގުޅުން ކުޑަކުރުން އެމެރިކާއިން އިންޑިއާއަށް ގޮވާލާފައިވާއިރު، ޗައިނާއާއި އިންޑިއާގެ ބޯޑަރުގައި ހިނގި ހަމަނުޖެހުމަކާ ގުޅިގެން ޗައިނާއާއި އިންޑިއާގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އެމައްސަލައިގައި އިންޑިއާއިން ވަނީ ޗައިނާގެ ވަރަށް ގިނަ މޮބައިލް އެޕްލިކޭޝަންތަކެއް އެޤައުމުގައި ބޭނުންކުރުން މަނާކޮށްފައެވެ. ނަމަވެސް އިންޑިއާއަކީ ދުނިޔޭގައި އެންމެ ގިނަ ބޭސް އުފައްދާ ޤައުމަށްވާއިރު، ބޭސް އުފެއްދުމަށް ބޭނުންވާ ތަކެތީގެ 75 އިންސައްތަ އަކީ ޗައިނާއިން އިމްޕޯޓްކުރާ ތަކެއްޗެވެ. އެހެންކަމުން ޗައިނާއާއެކު ވިޔަފާރީގެ ގިނަ މުޢާމަލާތްތަކެއް އަދިވެސް އިންޑިއާއިން ހިންގަންޖެހެއެވެ. އަދި އިންޑިއާގެ 5ޖީ ނެޓްވޯކުގައި ޗައިނާގެ ކުންފުނިތަކުން ބައިވެރިކުރާނެތޯ ނުވަތަ ނޫންތޯވެސް އިންޑިއާއިން މިހާތަނަށް ނިންމާފައެއް ނުވެއެވެ.

އިންޑިއާއާއި ޗައިނާގެ ގުޅުން ގޯސްވެފައިވާއިރު، އިންޑިއާއިން ދަނީ އެކި ގޮތްގޮތުން އެމެރިކާއާއެކު އޮންނަ ގުޅުން ވަރުގަދަކުރަމުންނެވެ.