ޚަބަރު

އައްޑޫގެ ދެ އަވަށެއްގައި މަސްޕްލާންޓު ހަދަން ދެ ކުންފުންޏަކާ ހަވާލު ކޮށްފި


އިންޑިއާ ސަރުކާރުގެ ހިލޭ އެހީ އާއި އެކު އައްޑޫގައި ހިންގަން ރާވާފައި މަޝްރޫޢު ތަކުގެ ތެރެއިން މަރަދޫ އާއި ހުޅުމީދޫގައި ޤާއިމު ކުރާ މަސްޕްލާންޓް ހެދުމުގެ އެއްބަސްވުމުގައި ދެ ކުންފުންޏަކާއި އެކު ސޮއިކޮށްފިއެވެ.

މިއެއްބަސްވުންތަކުގައި ސޮއި ކޮށްފައިވަނީ މިކަމަށްޓަކައި އައްޑޫސިޓީ ކައުންސިލުގައި ބޭއްވި ޚާއްސަ ރަސްމީއްޔާތެއްގައެވެ. މީގެތެރެއިން މަރަދޫ މަސްޕްލާންޓް ޤާއިމު ކުރުމަށް ހަވާލު ކޮށްފައިވަނީ، ޓްރައިޑެންޓް ޕްރައިވެޓް ލިމިޓެޑާއެވެ. މިއެއްބަސްވުމުގެ ދަށުން އިންޑިއާ ސަރުކާރުން 6 މިލިއަން ރުފިޔާ މިމަޝްރޫޢަށް ޚަރަދު ކުރާއިރު، ޓްރައިޑެންޓް ޕްރައިވެޓް ލިމިޓެޑް އިން 22 މިލިއަން ރުފިޔާ ޚަރަދު ކުރާނެއެވެ. އަދި މިމަސައްކަތް 9 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ. އެކުންފުނީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ ލޮޖިސްޓިކްސް އެންޑް އޮޕަރޭޝަންސް ބައްސާމް ތައުފީގްއެވެ.

ހުޅުމީދޫގައި ޤާއިމު ކުރާ ގޭދޮށު މަސްޕްލާންޓުގެ މަސައްކަތް ހަވާލު ކޮށްފައިވަނީ، މެކޯ ޕްރައިވެޓް ލިމިޓެޑާއެވެ. އެކުންފުނިން މިމަޝްރޫޢަށް 6.6 މިލިއަން ރުފިޔާ ޚަރަދު ކުރާއިރު، އިންޑިއާ ސަރުކާރުން މިމަޝްރޫޢަށް 6 މިލިއަން ރުފިޔާ ޚަރަދު ކުރާނެއެވެ. އަދި މިމަޝްރޫޢު 11 މަސް ދުވަހު ތެރޭ ނިންމުމަށް ވަނީ ކަނޑައަޅާފައެވެ. އެކުންފުނީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، އަޙްމަދު ޖާވިޒް އެވެ.


ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ދިޔަ މިރަސްމީއްޔާތު ފެށުމުގެ ގޮތުން ވާހަކަ ދައްކަވަމުން އައްޑޫސިޓީ މޭޔަރ އަބްދުﷲ ސޯދިޤް ވިދާޅުވީ، އައްޑޫގެ މަސްވެރިންނަށް ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ މަސް ޕްރޮސެސް ކުރުމަކާއި ނުލާ ވިއްކާލަން ޖެހުން ކަމަށެވެ. މިަކަމުގެ ސަބަބުން މަސްވެރިކަމުން ލިބެންޖެހޭ ނަފާ ފުރިހަމަ ގޮތުގައި ނުލިބޭ ކަން މޭޔަރ ފާހަގަ ކުރެއްވިއެވެ. މޭޔަރ ވިދާޅުވި ގޮތުގައި އައްޑޫގައި މިޤާއިމު ކުރެވޭ ޕްލާންޓުތަކުގެ ސަބަބުން، އައްޑޫގެ އިޤްތިޞާދު ކުރިއަރައި ވަޒީފާ އުފެދިގެން ދާނެއެވެ. އަދި މިއީ ނަފާ ލިބޭނޭ މަޝްރޫއެއް ކަން ފާހަގަ ކުރެއްވިއެވެ.

މިރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން އިންޑިއާ ސަފީރު ވެސް ވަނީ، މިއީ އައްޑޫ އިޤްތިޞާދަށް ކުރިއެރުން ލިބޭނެ ޕްރޮޖެކްޓެއް ކަން ފާހަގަ ކުރައްވާފައެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް އިންޑިއާގެ އެހީގެ ދަށުން އައްޑޫގައި އިތުރު މަޝްރޫޢުތަށް ކުރިއަށް ދާނެ ކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އައްޑޫގައި ތިން އަވަށެއްގައި އިންޑިއާ ސަރުކާރުގެ އެހީގައި ގޭދޮށު މަސް ޕްލާންޓް ހެދުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މިދިޔަ މޭ މަހުގެ 28 ވަނަ ދުވަހު ހިތަދޫ މަސް ޕްލާންޓުގެ އެއްބަސްވުމުގައި ވަނީ ސޮއި ކޮށަފައެވެ. މިއަދު ސޮއިކުރި އެއްބަސް ވުންތަކާއެކު 3 އަވަށުގައި ޤާއިމު ކުރުމަށް ހަމަޖެހިފައިވާ މަސް ޕްލާންޓުގެ މަސައްކަތް ވެސް މިހާރު ވަނީ ހަވާލު ކޮށްފައެވެ. މީގެ ތެރެއިން ހިތަދޫ މަސްޕްލާންޓުގެ ޢަމަލީ މަސައްކަތް ފެށިފައިވާ ކަމަށް އައްޑޫސިޓީ ކައުންސިލުން ބުނެއެވެ.