ޚަބަރު

އެލްޖީއޭ ބޯޑުގެ މަސައްކަތް ނުހުއްޓި ކުރިޔަށް ގެންދެވޭނެ އިސްލާހެއް ހުށަހަޅައިފި


ލޯކަލްގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑުގެ މަސައްކަތް ނުހުއްޓޭނެގޮތަކަށް ޤާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.

ލާމަރުކަޒީ އުޞޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްޞަ ޤާނޫނަށް މަޑަވެލީ ދާއިރާގެ މެމްބަަރު ހުސައިން ފިރުޝާން ހުށަހަޅުއްވާފައިވާ އިސްލާހު ފާސްވުމުން އެލްޖީއޭގެ ބޯޑުގެ ރައީސަށް ވަޑައިނުގަންނެވޭ ހާލަތުގައިވެސް ބޯޑް ޖަލްސާތައް ބޭއްވިގެންދާނެއެވެ. މިހާރު ޤާނޫނު ބުނާގޮތުން އެލްޖީއޭގެ ބޮޑުގެ ޖަލްސާއެއް ބޭއްވޭނީ ބޯޑުގެ ރައީސް ވަޑައިގެން ބައްދަލުވުމެއް ބޭއްވުމުންނެވެ. ބޯޑުގެ ރައީސައެއްގެ ގޮތުގައި ހުންނަވަނީ ޤާނޫނު ބުނާގޮތުން ހޯމް މިނިސްޓަރެވެ.

ބޯޑުގެ މަސައްކަތް ނުހުއްޓޭނެ ގޮތަކަށް ޤާނޫނަށް ހުށަހަޅުއްވާފައިވާ އިސްލާހުގައި ބުނެފައި ވަނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑުގެ ރައީސްގެ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އެމަޤާމުގައި ހުންނެވި ބޭފުޅަކު ނުކުޅެދިއްޖެ ޙާލަތެއްގައި، ނުވަތަ ޢުޛުރުވެރިވެއްޖެ ޙާލަތެއްގައި، ނުވަތަ އެމަޤާމު ހުސްވެއްޖެ ޙާލަތެއްގައި، އޭނާގެ މަޤާމުގެ މަސްއޫލިއްޔަތުތައް ވަގުތީގޮތުން އަދާކުރާނީ ބޯޑުގެ ނައިބުރައީސްކަމަށެވެ.

އަދި އެލްޖީއޭގެ ބޯޑުގެ ޖަލްސާއަކަށް ބޯޑުގެ ރައީސް އާއި ނައިބުރައީސް ޙާޟިރުވެނެތް ހާލަތުގައި، ޖަލްސާގެ ރިޔާސަތު ބަލަހައްޓާނޭ ފަރާތެއް އެޖަލްސާއަކަށް ހާޟިރުވެ ތިބި ބޯޑު މެންބަރުންގެ މެދުގައި ނަގާ ވޯޓަކުން ކަނޑައަޅަންވާނެކަމަށް ބުނެފައިވެއެވެ.

މިމައްސަލަގައި ވާހަކަ ދެއްކެވި މެމްބަރުން ވިދާޅުވީ އެލްޖީއޭގެ ބޯޑަކީ ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށް އެންމެ މުހިންމު ދައުރެއް މިވަގުތު އަދާކުރަންޖެހޭ އެއްފަރާތްކަމަށް ވާއިރު، ބޯޑުގެ މަސައްކަތް ހުއްޓޭނެގޮތަކަށް ކަންކަން ވުމަކީ ރަނގަޅު ގޮތެއް ނޫންކަމަށެވެ. އަދި މިހާރުގެ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އަށް އެލްޖީއޭގެ ބޯޑް ބައްދަލުވުންތައް ބޭއްވުމުގައި އެކަށީގެންވާ މަސައްކަތް ނުކުރެވޭކަމަށްބުނެ ބައެއް މެމްބަރުންގެ ފާޑުކިޔުންތައްމިނިސްޓަރ އިމްރާނަށް ވަނީ އަމާޒުވެފައެވެ.

މިމައްސަލާގައި ވާހަކަދެއްކެވި މެމްބަރުން ވިދާޅުވީ އެލްޖީއޭގެ ބޯޑަށް މިހާރު ގެނެސްފައިވާ ބޮޑު ބަދަލާއިއެކު ހިންގުން ހަރުދަނާވެ ކައުންސިލްތަކުގެ މަސައްކަތްތަކަށް އިތުރު ލުޔެއް ލިބިފައިވާކަމަށެވެ. މިހާލަތަކީ ކައުންސިލްތައް ހިންގުމުގައި ގޮންޖެހުން ބޮޑު ހާލަތަކަށްވާއިރު، އެލްޖީއޭގެ ބޯޑާއި، އެލްޖީއޭގެ ޒިންމާ މިހާލަތުގައި ވަރަށް ބޮޑުވާނެކަމަށް މެމްބަރުން ވަނީ ވިދާޅުވެފައެވެ.